މާލެ ފިޔަވައި އެހެން ރަށްރަށުން ގޯތި ދޫކުރުމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ ކަމަށް ހައުސިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ރަށްރަށުން ގޯތި ދިނުމަކީ މި ސަރުކާރުގެ ސިޔާސަތެއްކަމަށާއި ރާއްޖޭގެ އެހެން ރަށްރަށުގައި އުޅޭ ރައްޔިތުން ވެސް ބޯހިޔާވަހިކަމަށް ބޭނުންވާކަން މި ސަރުކާރަށް ވަރަށް ބޮޑަށް ސާފުވާ ކަމަށެވެ.
ޖުމްލަ 14 ރަށެއްގެ ކައުންސިލުން އެ ރަށްރަށުން ގޯތި ދޫކުރުމަށް ހައުސިން މިނިސްޓްރީގެ ހުއްދައަަކަށް އެދިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އިތުރު ލޭންޑް ޔޫސް ޕްލޭން އޮތް ރަށްތަކުން ގޯތި ދޫކުރުމަށް ސަރުކާރުން ދޭން ޖެހޭ ހުއްދަ މި ހަފްތާ ތެރޭ ދެއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ލޭންޑް ޔޫސް ޕްލެނެއް ނެތް ރަށްރަށަށް އެ ޕްލެން އެކުލަވާލުމާއިއެކު ހުއްދަދޭން ފަށާނެކަން ފާހަގަ ކުރައްވާ މިނިސްޓަރު އަސްލަމް ވިދާޅުވީ ބޭނުންޖެހިފައިވާ ހާލަތުގައި ގޯތި ދިނުން ހުއްޓައިގެން ތިބުމުގެ ވިސްނުމެއް ސަރުކާރުގެ ނެތްކަމަށެވެ.
ސަރުކާރުގެ ވިސްނުމަކި ކިތަންމެ މަދު ބަޔަކު ދިރިއުޅެމުންދިޔަ ކަމުގައިވިޔަސް އެބަޔަކަށް ގޯތި ދިނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.