twitterviber whatsapp telegramfacebookyoutube instagram
20th April 2024

ނޭކުރަންދޫ ކަނޑޫފަލަށް ވެފައިވާ ގެއްލުން މަޖިލީހުގައި ދައްކާލައިފި

ނަބީލާ އިސްމާޢީލް
Jul 7, 2020

ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާކަމުގައިވާ ހދ. ނޭކުރަންދޫ ކަނޑޫފަލުގެ ގިނަ ގަސްތައް މަރުވެ އެ ގުދުރަތީ ވެށި ހަލާކުވަމުންދާތީ އެ ކަމުގެ ކަނބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށް ގެނައުމުގެ ގޮތުން މަކުނުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު ރާއީ މިއަދު މަޖިލީހަށް ކަނޑޫފާގެ ފޮޓޯ އާއި ކަނޑޫތައް ގެންގޮސްގެން އެ މައްސަލަ ހިއްސާ ކުރައްވައިފި އެވެ.

މެމްބަރު ރާއީ ނޭކުރަންދޫ ކަނޑޫފާ ހަލާކުވުމުގެ ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ ގދ. ތިނަދުއަށް އުދައެރުމުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

ރާއީ ކަންބޮޑުވުންތަކުގައި ފާހަގަކުރެއްވި ގޮތުގައި ނޭކުރަންދޫން 10،000 އެއްހާ ކަނޑޫ ގަސް މަރުވެފައިވާ ކަމަށެވެ. ހަމަ އެކަނި ކަނޑޫގަސް މަރުވެ ނެތެމުން ދަނީ ކަމަށް ފާހަގަ ކުރައްވާ އެ ފަލުގެ ފޮޓޯ އާއި ކަނޑުލުގެ ސާމްޕަލް ވަނީ މަޖިލީހުގައި ދައްކާލާފަ އެވެ.

މި އެއްޗެހި މަޖިލީހުގެ ރައީސް އަށް ހަދިޔާކުރަމުން ރާއީ ވިދާޅުވީ މި އެއްޗެސައް އައިސްފައިވާ ބަދަލު ބައްލަވައިދެއްވުމަކީ އެ ރަށުގެ ރައްޔިތުންނާއި އެ މެމްބަރުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

"އިއްޒަތްތެރި ރައީސަށް ހަދިޔާއަކަށް އަޅުގަނޑު އަރުވަން ބޭނުން އިއްޔެ އެ ރަށުން ގެނައި ކަނޑޫ މިހުރީ. މި އެއްޗިއްސަށް އައިސްފައި ހުރި ބަދަލު ބައްލަވައިލެއްވުމަކީ އަޅުގަނޑު ވަރަށް އެދޭ އެދުމެއް. އަދި އެ ރަށުގެ ރައްޔިތުން ވެސް އެދޭ އެދުމެއް،" ރާއީ ވިދާޅުވި އެވެ.

މެމްބަރު ރައީ ވިދާޅުވީ އެ މައްސަލައިގައި މިއަދު އެންވަޔަރަމެންޓް މިނިސްޓަރާއި ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށެވެ. ތިމާވެށީގެ ޓީމެއް އެ ރަށަށް ވަޑައިގެން ދިރާސާ ކުރިނަމަވެސް މައްސަލައަށް ހައްލު ނުލިބި ހަަމަ އެކަނި ސުރުހީއަކަށް އެކަންވާން ބޭނުންނުވާކަމަށް މެމްބަރު ވިދާޅުވި އެވެ.

މަޖިލީހުގެ ތިމާވެށި ކޮމެޓީގެ މުގައްރިރަށް ވެސް ފޮޓޯ އާއި ކަނޑޫ މިއަދު ހަވާލުކޮށްދެއްވާނެ ކަމަށާއި ކޮމެޓީން ވެސް ހައްސާސް މައްސަލައެއްގެ ގޮތުގައި އެކަން ބައްލަވައިދެއްވައި ހައްލު ހޯދައިދިނުމަށް މެމްބަރު އެދިވަޑައިގަތެވެ.

ރާއީ ވިދާޅުވީ ރައްޔިތުންނަށް މިތަނުން ލިބެންޖެހޭ މަންފާ ނުލިބި މިތަން ހަލާކުވެގެން ދާކަށް ބޭނުމެއް ނޫންކަމަށެވެ. އަދި އިތުރަށް ރާއީ ފާހަގަ ކުރެއްވީ މި ކަނޑޫ ފަލަކީ ކޮންމެ ފަހަރަކުވެސް ވެރިކަމާއި ވޯޓާއި ގުޅިފަ އޮންނަ ކަނޑޫފަލެއް ކަމަށެވެ.

ދާއިރާގެ ރައްޔިތުންނާއި މެމްބަރުގެ ވެސް އެންމެ ބޮޑު އިލްތިމާސް އަކީ މި ކަނޑޫފަލަށް ހިމާޔަތް ދިނުން ކަމަށެވެ. ނޫން ނަމަ މިއީ އިޔާދަ ނުކުރެވޭނެ ފަދަ ރާއްޖޭގެ ބޮޑު ތަރިކައެއް ގެއްލިގެން ދަނީކަމުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355