ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އަލީ ވަހީދު، މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ޖެންޑާ މިނިސްޓްރީއިން ވެސް ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށް މިރޭ ބުނެފަ އެވެ. މިކަން އެންމެ ފުރަތަމަ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ހުށަހެޅީ ވެސް ޖެންޑާ މިނިސްޓަރު އައިޝާ ދީދީއަށެވެ.
ފުލުހުންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލަ މިރޭ ވަނީ ފުލުހަށް ހުށަހަޅާފަ އެވެ. އެހެންވެ މިހާރު އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން މިއަދު ހަވީރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިހުގައި އަލީ ވަހީދުގެ ފަރާތުން ދިމާވި ޖިންސީ ގޯނާގެ ވާހަކަތައް ރައީސްއާއި ހިއްސާ ކުރައްވާފަ އެވެ. އެ މުވައްޒަފުން ރައީސް އޮފީހަށް ދިޔައީ އެ ވާހަކަތައް ރައީސް ސޯލިހު، ސީދާ މުވައްޒަފުންގެ ފަރާތުން އަޑުއަހަން ބޭނުންވެގެންނެވެ.
މުވައްޒަފުންނާއެކު ރައީސް ސޯލިހު ކުރެއްވި ބައްދަލުވުމަށްފަހު ކުޑަ އިރުކޮޅެއްތެރޭގައި ރައީސް ވަނީ އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް އަންގާފައި ކަމަށް އެނގިފައިވެ އެވެ.