ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ރައީސް މޫސާ ނާސިހު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ނާސިހު އިސްތިއުފާ ދެއްވާ ނެރުއްވި ބަޔާނުގައި ވިދާޅުވީ އެ އެސޯސިއޭޝަނުގެ ހިންގާ ކޮމެޓީ އަށް މިދިޔަ ޖޫން 23 ވަނަ ދުވަހު ހުށަހެޅުނު، މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް އެ އެސޯސިއޭޝަނުގެ އިންޓާނަލް ކޮމެޓީ އިން ބެލުމަށްފަހު، ހިންގާ ކޮމެޓީ އަށް ހުށަހެޅުނު ނަމަވެސް އެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ މާހައުލެއް ނެތުމުން، އިތުރަށް އެ އެސޯސިއޭޝަނުގެ ރަައީސްގެ މަގާމުގައި ހުރުމަކީ ޒަމީރު ގަބޫލުކުރާ ކަމަކަށް ނުވާތީ މަގާމުން އިސްތިއުފާ ދެއްވީ ކަމަށެވެ.
ޖިންސީ ގޯނާގެ ހާދިސާތައް ފެންމަތިވަމުން އަންނަ މި ދުވަސްވަރު ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަަކަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތުގައި މިނިސްޓަރު އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންގަވައިފަ އެވެ.
މަގާމާއި ނުފޫޒުގެ ބާރު ބޭނުންކޮށްގެން ކުރަމުން އަންނަ މިފަދަ ކަންނަމަކީ އަބަދުވެސް ނުބަލާ އޮއްބާލެވިފައި އޮންނަ މައްސަލަ ތަކެކެވެ.
އަލީ ވަހީދު، މިނިސްޓްރީގެ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި ކަމަށްބުނެ މިނިސްޓްރީގެ މުވައްޒަފުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވާ އެ ވާހަކަތައް ހިއްސާ ކޮށްފަ އެވެ.
މިކަމާއި ގުޅިގެން އަލީވަހީދު ވިދާޅުވެފައިވަނީ ކޮއްދެވުން ހިދުމަތަށް ފަހުރުވެރިވާކަމާއި ހަގީގަތް ފަހުން ހާމަވާނެކަމަށެވެ.