އާ އާންމު ހާލަތުގައި އުޅެން، އުސޫލު ބަދަލުކޮށް މާލޭން އަތޮޅުތެރެއަށް ހޯމް ކަރަންޓީނަށް މީހުން ފޮނުވަން ފެށުމާއެކު އަތޮޅުގެ ތެރޭގައި ކޮވިޑް-19 ފެތުރިދާނެކަމުގެ ބިރު މިހާރު މިވަނީ ބޮޑުވެފައި އެވެ. ހޯމް ކަރަންޓީނު ކުރެވޭ ގޮތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އުސޫލު ބަދަލުކޮށް އަތޮޅުތެރެއަށް މީހުން އަންނަ ފެށިތާ އަދި މަހެއް ނުވެ އުޅެނިކޮށް، ހޯމް ކަރަންޓީނަށް އައި ބައެއް މީހުންގެ ފަރާތުން ކޮވިޑް ފެނި، މިވަނީ ހާސްކަން ބޮޑުވެފައި އެވެ.
ހޯމް ކަރަންޓީނަށް އައި، ނޮޅިވަރަމް ދެ މީހަކާއި ރ ދުވާފަރު ތިން މީހަކާއި ނ ކުޑަފަރީ އަދި ހުޅުދުއްފާރު މީހެއްގެ ފަރާތުން މިހާރު ވަނީ ކޮވިޑް-19 ފެނިފައި އެވެ. މިހެންވުމާއެކު އަތޮޅުތެރޭގެ ގިނަ ބަޔަކު އަންނަނީ އެކަމުގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. ސޯޝަލް މީޑިއާގައި ކަންބޮޑުވުންފާޅު ކުރި މީހަކު ލިޔެފައިވަނީ، ހޯމް ކަރަންޓީނަށް ފޮނުވާ އުސޫލު ބަދަލުކުރަން ޖެހޭ ކަމަށެވެ. އޭނާ ބުނެފައިވަނީ ރަށްތަކުގައި ކޮވިޑް ފެތުރިއްޖެނަމަ އެކަށީގެންވާ ފަރުވާދެވޭނެ ހޮސްޕިޓަލްތައް މަދު ކަމަށެވެ.
ކޭއޯއަށް ގުޅާފައި މިކަމުގެ ނުތަނަވަސް ފާޅުކުރި މީހަކު ބުނެފައިވަނީ މާލޭގައި ބަލި ފެތުރިފައި އޮތްވާ ރަށްތަކަށް މީހުން ފޮނުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާ އުސޫލު ބަދަލުކޮށް ކަރަންޓީނުކުރެވޭނެ ވަސީލަތްތައް ހުރި ރަށްތަކުގައި އެކަން ކުރެވޭނެ އެކަށީގެންވާ އިތުބާރުހުރި ނިޒާމެއް ގާއިމުކޮށް ތަންފީޒުކުރަން ޖެހޭ ކަމަށެވެ.
"މިސާލަކަށް ސަރުކާރުން ވަކި ވަރެއްގެ އެލަވެންސެއް ދީގެން ރަށްރަށުގެ ގެސްޓްހައުސްތަކުގައި ބޭތިބިދާނެ. އެތަންތަނުގެ ސެކިއުރިޓީ ފުލުހުން ބަލަހައްޓާދޭގޮތަށް." އާންމު ރައްޔިތަކުން ބުންޏެވެ.
އޭނާ ބުނީ، މިހާރު މީހުން ފޮނުވާގޮތަށް ފޮނުވާނަމަ އަތޮޅުތެރޭގެ ގިނަ ބަޔަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންވެއްޖެނަމަ މީހުން މަރުވާ ނިސްބަތް އިތުރުވެ ސަރުކާރަށްވެސް ބޮޑު ބުރަޔަކަށް އެކަން ވެދާނެ ކަމަށެވެ.
މާލެއިން ރަށްރަށަށް މީހުން ފޮނުވަނީ އާންމު ދަތުރުފަތުރު ނިޒާމުގެ ތެރެއިން ކަމަށްވާތީ އެތަކެއް ބަޔަކަށް ބަލި ފެތުދާނެ އެވެ. އުތުރަށް ދަތުރުކުރާ ގިނަ ބަޔަކު އަންނަނީ ކުޅުދުއްފުއްޓާއި ހަނިމާދު މަގުންނެވެ. އެހެންކަމަށްވާއިރު ބަލިޖެހިފައި ހުންނަ މިހާ ގިނަ ބަޔަކާ ބައްދަލުވެ، ގިނަ ރަށްތަކަށް ބަލިފެތުރިދާނެ ކަމުގެ ފުރުސަތު ބޮޑެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހދ. ނޮޅިވަރަމުން ހޯމް ކަރަންޓީންވާން ފޮނުވާލާފައި ހުރި މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން މުޅި ބޮޑުތިލަދުންމަތީ މިވަނީ ބިރުވެރިކަމެއްގަ އެވެ. އެ މީހާ ދަތުރު ކުރި ފުލައިޓުން އިތުރު 5 މީހަކު ވަނީ ދަތުރު ކޮށްފަ އެވެ. އެ މީހާ އާއި އެކު ހޯމް ކަރަންޓީންގަ ހުރި އިތުރު މީހަކު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.
ނޮޅިވަރަމުން ޕޮޒިޓިވްވި ދެ މީހުން ހޯމް ކަރަންޓީނުގައި ތިބި ނަމަވެސް އެ މީހުން ދަތުރުކުރި ފުލައިޓުން ފައިބައިގެން ބަނދަރަށް ދާން ދަތުރު ކުރި ކާރުގެ ޑްރައިވަރު ކިތައް މީހުންނާއި ބައްދަލުވާނެ ތޯއެވެ. އެ މީހުން ދަތުރު ކުރި ލޯންޗުގައި ތިބި މީހުން ކިތައް މީހުންނާއި ބައްދަލުވާނެތޯ އެވެ. ކޮންމެ ދުވަހަކު އެތަކެއް ބޭނުމުގައި އެކި ރަށްރަށުން ކުޅުދުއްފުއްޓަށް ގިނަ މީހުން އަންނަ އިރު ކުޅުދުއްފުށީގައި ވެސް ހޯމްކަރަންޓީނުގައި އެތަށް ގެއެއް އެބަ ހުއްޓެވެ.
ދުވާފަރުން ޕޮޒިޓިވްވި މީހުންނަށް ފުރަތަމަ އެންގީ ނެގެޓިވްކަމަށެވެ. އެހެންވުމުން ކަރަންޓީން ނިންމާ އެ މީހުން އެތަކެއް ބަޔަކާ ބައްދަލުވެ، މުޅި ރަށް ވަނީ ބިރުވެރިކަމެއްގައި އެވެ. ގިނަ ބަޔަކު ބޭނުންވަނީ އުސޫލު ބަދަލުކޮށް ހަރުދަނާކުރުމަށެވެ.