އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކޯޓް އަމުރެއްގެ ދަށުންނެވެ.
ފުލުހުން ބުނީ އަލީ ވަހީދުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އޭނާ ފުރުން މަނާކޮށްފައިވާ ކަމަށެވެ. ފުލުހުން ފަށާފައިވާ ތަހުގީގާ ގުޅިގެން އަލީ ވަހީދު ދިރިއުޅޭ ގެވެސް ރޭ ވަނީ ބަލާ ފާސްކޮށްފައެވެ. ރޭ ގެ އޮޕަރޭޝަނާ ގުޅިގެން ފުލުހުން މިއަދު ބުނީ އިލެކްޓްރޯނިކް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ މައްސަލައާ ގުޅިގެން ހެކި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
ފުލުހުން އަލީ ވަހީދު ދިރިއުޅޭގެ ފާސްކޮށްފައިވާއިރު ސަރުކާރުގެ ބައެއް ވެރިންނާއި ގުޅުންހުރި ވީޑިއޯތަކަކާއި ބައެއް މައުލޫމާތުތައް ލީކްކޮށްލާނެ ކަމުގެ އިންޒާރު ދަނީ ދެމުންނެވެ. ފޮރުވިގެން ތިބެ އިންޒާރު ދޭ އެމީހުން ދަނީ ސަރުކާރުގެ އިސްވެރިން ފަލީހަތް ކޮށްލާނެ ކަމަށް ބުނަމުންނެވެ.
އަލީ ވަހީދަށް ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ޖިންސީ ގޯނާގެ ތުހުމަތުކޮށްފަ އެވެ. އެ މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެ ތުހުމަތުތަކާއި ގުޅިގެން މިދިޔަ ބުދަ ދުވަހުގެ ރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިސްތިއުފާދެއްވުމަށް އަލީ ވަހީދަށް އަންގަވާފައެވެ.
ނަމަވެސް މަގާމުން އިސްތިއުފާ ދެއްވުމަށް ދެކޮޅު ހެއްދެވުމުން ބުރާސްފަތި ދުވަހު އަލީ ވަހީދު ވަނީ މަގާމުން ވަކިކޮށްފައެވެ.