twitterviber whatsapp telegramfacebookyoutube instagram
27th April 2024

ތަމްރީނަކަށް ފަހު ވަކީލުކަމުގެ ހުއްދަ ދޭ ގޮތަށް ބިލް ބަދަލުކޮށްފި

Jul 12, 2020

ވަކީލު ކަމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް އަމާޒުކޮށް ތަމްރީނެއް ހިންގުމަށް ފަހު ހުއްދަ ދޫކުރާ ގޮތަށް އެ ގާނޫނަށް އިސްލާހު ގެންނަ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބަދަލު ގެނެސްފި އެވެ.

މަޖިލީހުގެ ދަނގެތި ދާއިރާގެ ޖޭޕީގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ހުށަހެޅުއްވި އެ ބިލުގައި ވަނީ، ގާނޫނީ ފަންނުގެ ގާނޫނުގައި ވަކީލު ކަމުގެ ހުއްދަ ދޫ ކުރުމުގެ ދެ ޝަރުތެއް ފަސް ކުރުމަށެވެ.

އެއީ ބާ ކައުންސިލްގެ ބެލުމުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ އެއް އަހަރު ދުވަހުގެ ތަމްރީން ޕްރޮގްރާމާއި ބާ އިމްތިހާނުގެ ޝަރުތެވެ.

މި ބިލު ދިރާސާކުރުމަށް ފަހު، ޖުޑީޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައިވާ ގޮތުން، އެ ބިލުގައިވާ އިސްލާހަށް އަމަލު ކުރާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ވަކީލުކަމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް އެއް މަސް ދުވަހުގެ ތަމްރީނެއް ދިނުމަށް އެ ތަމްރީނުގެ އުސޫލުތައް އެކުލަވާލައި އާންމު ކުރަން ޖެހޭނެ އެވެ. އަދި ބާ ކައުންސިލުން އެކުލަވާލާ ތަމްރީނުގެ އުސޫލުތައް އާންމުކުރާތާ ހަތް ދުވަސް ތެރޭގައި އެ ތަމްރީން ޕްރޮގްރާމް ފަށަން ޖެހޭނެ ކަމަށް ވެސް ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އަދި ތަމްރީން ނިމޭ ތާރީހުން ފެށިގެން ގިނަވެގެން 21 ދުވަހުގެ ތެރޭގައި ވަކީލު ކަމުގެ ހުވާ ކުރުމުގެ އިންތިޒާމު ބާ ކައުންސިލުން ހަމަޖައްސަން ވާނެ ކަމަށް ރިޕޯޓުގައިވެ އެވެ.

ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން ބާ ކައުންސިލްގެ އިމްތިހާނުގެ ޝަރުތު ވެސް ފަސްކުރި ނަމަވެސް އެ މުއްދަތުގައި ވަކީލު ކަމުގެ ހުވާކޮށް އެ ކަމުގެ ހުއްދަ ލިބޭ ފަރާތްތަކުން ވެސް ފަހުން އެ އިމްތިހާން ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ. އަވަސް ތާރީހެއްގައި ބާ ކައުންސިލުން އެކަން ހަމަޖައްސަން ވާނެ ކަމަށެވެ.

ނާޒިމް ހުށަހެޅުއްވި ބިލުގައި ވަނީ ތަމްރީނާއި އިމްތިހާނުގެ ޝަރުތު އެއް އަހަރު ދުވަހަށް ފަސްކުރުމަށެވެ. ނަމަވެސް ޖުޑިޝަރީ ކޮމިޓީން ވަނީ އެ ޝަރުތު ފަސްކުރެވޭނީ އެ ގާނޫނަށް އަމަލު ކުރަން ފެށިއިރު ގާނޫނީ ފަންނުގެ ދާއިރާއިން ފުރަތަމަ ޑިގްރީއަށް ތައުލީމު ހާސިލު ކުރި ދަރިވަރުންނަށް ކަމަށް ބަޔާންކޮށް ބިލު ބަދަލުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355