ހެލްތު މިނިސްޓަރު އިއުލާން ކުރައްވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުގެ ރުހުން ހޯދާ ގޮތަށް އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ބަލައިގަނެ ބިލު ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން ނިންމައިފި އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މި ބިލް ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމަށް ނިންމީ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވެސް އެ ބިލާ ގުޅޭ ގޮތުން ފާހަގަ ކުރެއްވި ކަންކަމަކީ އިޖުތިމާއީ ކަންކަމާއި ސިއްހީ ކަންކަމަށްވުރެ ގާނޫނީ މައްސަލަތަކަކަށް ވާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި އެ ބިލު މަޖިލީހުގެ ތަޅުމަށް ބަލައިގަންނަން ފާސްކުރީ 58 މެންބަރުންގެ ވޯޓުންނެވެ. އެ ބިލު ތަޅުމަށް ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
އެ ބިލުގައިވާ ގޮތުން ސިއްހީ ކުއްލި ހާލަތު އިއުލާން ކުރާތާ 48 ގަޑިއިރުގެ ތެރޭގައި އޭގެ ގަރާރު މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. އަދި އެއީ މަޖިލިސް ޗުއްޓީއަށް ގޮސްފައިވާ ދަނޑިވަޅެއްނަމަ، 14 ދުވަސް ތެރޭގައި މަޖިލީހަށް މެންބަރުން އެއްވެ އޭގެ މަސައްކަތް ފަށަން ވާނެ ކަމަށް ބިލުގައި ބުނެ އެވެ.
ބިލުގައި އިތުރަށް ބުނެފައިވާ ގޮތުގައި، ސިއްހީ ކުއްލި ހާލަތުގެ ގަރާރުގައިވާ މުއްދަތު ދިގު ކުރަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެނިގެން ހެލްތު މިނިސްޓަރަށް އަންގައިފިނަމަ އެ ގަރާރުގެ މުއްދަތު ހަމަވުމުގެ ކުރީން މަޖިލީހަށް ހުށަހަޅައި އެ މުއްދަތު އިތުރު ކުރަން މަޖިލީހުން ފާސްކުރަން ޖެހޭނެ އެވެ.
މި ބިލުގައި ބުނާ ގޮތުން ހެލްތު މިނިސްޓަރު އިއުލާން ކުރައްވާ ކުއްލި ހާލަތުގެ ގަރާރުގެ ވަކި ބައެއް ނުވަތަ މުޅި ގަރާރަށް ރުހުން ދިނުމުގެ ބާރު މަޖިލީހަށް އޮންނާނެ އެވެ. ގަރާރަށް މަޖިލީހުން ގެންނަން ބޭނުންވާ ބަދަލެއް ގެނެވޭނެ އެވެ. އަދި ގަރާރު ބާތިލް ކުރުމުގެ ބާރު ވެސް މަޖިލީހަށް އޮންނާނެ ކަމަށް ބިލުގައިވެ އެވެ.
މީގެ އިތުރުން ސިއްހީ ކުއްލި ހާލަތު އިއުލާން ކުރުމަށްފަހު، އެ ކަމާ ގުޅިގެން ކޮންމެ މަހަކު ހިނގަމުންދާނެ ހަރަދުތައް ޖެހިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ފޮނުވަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އެ ހަރަދުގެ ތަފުސީލު ފޮނުވާއިރު އަންނަ މަހުގެ ހަރަދުގެ އަންދާޒާ ވެސް ފޮނުވަން ޖެހެ އެވެ.
ސިއްހީ ކުއްލި ހާލަތުގައި މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ ގޮތްތައް ވެސް ބިލުގައި ބަޔާން ކުރެ އެވެ. ވެބް ކޮންފެރެންސް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ ކަމަށާއި އާންމު ތަޅުމަށް މެންބަރުން އެއްވެ ޖަލްސާ ކުރާ ގޮތަށް ވެސް ޖަލްސާތައް ބޭއްވޭނެ ކަމަށް ބިލުގައި ބުނެފަ އެވެ.
ބިލުގައި ބުނާ ގޮތުން، އެ ބިލު ގާނޫނަކަށްވެ އެއަށް އަމަލު ކުރަން ފަށާއިރު ކުއްލި ހާލަތެއް އިއުލާންކޮށް އެ ހާލަތު ނިމުމަކަށް ގެނެސްފައި ނުވާނަމަ އެ ހާލަތުގެ ގަރާރާ މެދުގައި ވެސް އަމަލު ކުރަން ޖެހޭނީ ބިލުގައި ބުނެފައިވާ ގޮތަށެވެ. އެހެންކަމުން މަޖިލީހުން ބިލު ފާސްކުރާއިރު، މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ހާލަތު ނިމުމަކަށް ނުގެންނަނަމަ، އެ ގަރާރުގެ މުއްދަތު އިތުރު ކުރުމުގެ ކުރިން މަޖިލީހަށް އެ ގަރާރު ފޮނުވައި ރުހުން ހޯދަން ޖެހޭނެ އެވެ.