ދަނޑުވެރިކަމުގައި ރާއްޖޭގެ އުތުރުން އެންމެ ފާހަގަކޮށްލެވޭ އެއް ރަށަކީ ހދ ވައިކަރަދޫ އެވެ. އެންމެ ކުރިން ފެށިގެން މިއަދާ ހަމައަށްވެސް އެރަށުގެ ދަނޑުވެރިންނަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން މާކުރީގައި އުޅޭ ބަޔެކެވެ. އެކަން ދާދިފަހުންވެސް އެރަށުގެ ދަނޑުވެރިން ވަނީ މުޅި ރާއްޖެއަށް ދައްކައިދީފައި އެވެ.
ތަފާތު ބާވަތްތަކުގެ ދަނޑުވެރިކަމަކީ ރާއްޖޭގައި ކުރެވިދާނެކަން ކަމެއްކަން އެރަށުގެ ދަނޑުވެރިން ވަނީ ދައްކުވައިދީފައި އެވެ. ބުރަ މަސައްކަތްކޮށްގެން އުޅޭ އެރަށުގެ ދަނޑުވެރިންނާ ބެހޭ ގޮތުން މިއަދު ދައްކަން މިއުޅޭ ވާހަކައަކީ އަހަރެމެންނަށް ވަރަށް އާ ވާހަކަ އެވެ. އެކަމަކު މިއީ އެރަށަށް ވަރަށް ބައު ވާހަކަ އެކެވެ.
އެނގޭ ހެއްޔެވެ. ކޮވިޑާއެކު ރަށުގައި ދަނޑުވެރިކަން ކުރުމަށް އިތުރު ބިންތައް ކޮށައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލި އެވެ. އެއާއެކު ގިނަ ބަޔަކު ދަނޑުތައް ނަގައި ބިންބި އިންދާ މުޅި ރަށް ބިންބިން ފުރާލި އެވެ. ބިންބި އަކީ ޒަމާނުންސުރެއް އެރަށުގެ ފަހުރެއްގެ ގޮތުގައި ދެކެމުންދިޔަ އެއްޗެކެވެ.
ވައިކަރަދޫގެ ދުވަސްވީ މީހުން ބުނާގޮތުގައި ނަމަ އެ މީހުން ބިންބި ނަހައްދާ ނުވަސްވަރެއް ހަނދާނަކު ނުހުރެ އެވެ. އޭރު ބިންބި ހަދަމުންދަނީ ހަމައެކަނި ހުޅަނގު މޫސުމުގައި އެވެ. ގާތްގަނޑަށް 5 ނުވަތަ 6 މަހެއްހާ ދުވަހު ކުރާގަނޑު ހަރުވެ ކަނޑަ ޖެހެ އެވެ.
ބިންބިއަކީ ފޮނި އަދި ކުޅި އެއްޗެހި ހެދުމަށްވެސް ބޭނުންކުރާ ގޮވާމެކެވެ. ގިނަ ދުވަހު ރައްކާކޮށްފައި ބެހެއްޓޭ މި ގޮވާން ހެއްދުމަށް ކުރީ ޒަމާނުގައި އެރަށުގެ މީހުން ކައިރި އެހެން ރަށްރަށަށްވެސް ގޮސްފައިވެ އެވެ.
ބިންބިއަކީ ހައްދަން ވަރަށް ފަސޭހަ އެއްޗެއް ނަމަވެސް އެއީ އުނދަގޫ ބޮޑު ކަވި ދަނޑުވެރިކަމެކެވެ. އޮށުން ފެޅުވުމަށްފަހު ތިނެއް ނުވަތަ ހަތަރު ފަތް ލުމުން ގަސް ރުވަ އެވެ. ފަހަރަކު ގަހަކުން، ގަހަކުން އިންދާ މުޅި ސަރަހައްދު ފުރާލަ އެވެ. ޒަމާނަށް އައި ބަދަލާއެކު ބިންބިއަކީވެސް ކޮންމެ މޫސުމެއްގައިވެސް ހެއްދިދާނެ އެއްޗެއްކަމަށް އެރަށުގެ ދަނޑުވެރިން ބުނެ އެވެ.
އެހެން އަހަރުތަކާ އަޅާ ބަލާއިރު މިފަހަރު ބިންބި ހެއްދި އަދަދު ވަރަށް ގިނަ އެވެ. ރަށުގައި ހުސް ތަންކޮޅެއް އޮތިއްޔާ އެތަނެއްގައި އޮތީ ބިންބި ހައްދާފައި އެވެ. ބިންބި ހެއްދުމުގައި ކުޑައެއް ބޮޑެނެތެވެ. އެންމެ އެކަމުގައި ހަރަކާތްތެރިވެ އެވެ.