ރާއްޖެއާ އިންޑިއާ އާއި ދެމެދު ވެފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ބޮޑެތި މަތިންދާބޯޓު ޖެއްސޭ ވަރަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމަށް ކަނޑައަޅައިފި އެވެ.
އޮންލައިން ނޫސް "މިހާރު" އަށް ރޭ ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ ހައި ކޮމިޝަނަރު ރޯހިތު ރަތިޝް ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ހަރަދު ކޮށްގެން ހިންގާ ޕްރޮޖެކްޓްގައި ހަނިމާދޫގެ އެއާޕޯޓުގެ ރަންވޭ 2،200 މީޓަރަށް ދިގުކުރަން ނިންމާފައިވާ ކަމަށެވެ. އެއާޕޯޓުގެ ރަންވޭގެ މިހާރުގެ ދިގުމިނަކީ 1،200 މީޓަރެވެ.
ރޯހިތު ރަތިޝް ވިދާޅުވީ ރަންވޭ ދިގުކުރުމުގެ އިތުރުން އެއާޕޯޓުގެ ޓާމިނަލް ވެސް ބޮޑުކުރާނެ ކަމަށެވެ. އަދި ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމުގެ ކޮންސަލްޓެންޓަކީ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ ކަމަށެވެ. އެއީ އިންޑިއާގެ ސަރުކާރުގެ އެެއާޕޯޓުތައް ޑިޒައިންކުރާ ކުންފުންޏެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދު ވައިގެ ދަތުރުތައް ފެށުމާ އެކު ކޮންސަލްޓެންޓުން ރާއްޖެ އަށް އަންނާނެ ކަމަށްވެސް އޭނާ ވިދާލުވި އެވެ.
ރޯހިތު ވިދާޅުވީ ސާވޭ ނިމި ތަފްސީލީ ރިޕޯޓެއް ތައްޔާރު ކުރެވުމުން ޓެންޑާ ކުރާނެ ކަމަށެވެ. ޕެންޑެމިކްގެ ހާލަތު އޮތް ނަމަވެސް މަސައްކަތް ވަރަށް އަވަހަށް ކުރާނެ ކަމަށެވެ. އަދި މި އަހަރު ނިމެންވާއިރަށް އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.
ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ ލައިން އޮފް ކްރެޑިޓް އެއްބަަސްވުމުގެ ދަށުން ކުރާ މަސަައްކަތްތައް ހަވާލުކުރުމުގައި އިސްކަން ދޭން ޖެހޭނީ އިންޑިއާގެ ކުންފުނިތަކަށެވެ. އެހެންވެ، ކޮންޓްރެކްޓަރަކު ހޯދާނީ ބައިނަލްއަގްވާމީ ބީލަމަކުން ކަމަށް ރޯހިތު ވިދާޅުވި އެވެ.
ރާއްޖޭގެ ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމަކަށް ވުމުން އިންޑިއާ ސަރުކާރުންވެސް ވަރަށް އިސްކަން ދީގެ ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި މުޅި މަސައްކަތް އެއްކޮށް ނިމޭނެ ކަމުގެ ޔަގީންކަން އޭނާ ދެއެވެ.
މި އެއްބަސްވުމަކީ 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ދަތުރު ފުޅެއްގައި ސޮއިކުރެއްވި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެކެވެ.