ހއ. ކެލަ އާއި ހދ. ނޭކުރެންދޫގެ ކަނޑޫފާތަކަށް ދިމާވެފައިވާ މައްސަލަތައް ތަފާތުކަމަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިހާތަނަށް ހޯދުނު ހޯދުންތަކުގެ އަލީގައި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނީ ކެލާގައި މަރުވެފައިހުރި ބައެއް ގަސްތަކުގައި "ރޫޓް ރޮޓް" ނުވަތަ މޫ ފީވުމުގެ އަލާމާތްތަކެއް ފާހަގަ ކުރެވޭ ކަމަށެވެ. ނަމަވެސް ނޭކުރެންދޫ ކަނޑޫފަލުން މަރުވި ގަސްތަކުން އެކަން ފާހަގަ ކުރެވިފައި ނުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެގޮތުން ގަސް މަރުވެފައިވާ ސަރަހައްދު، ގަހުގެ މޫތައް، ތޮށިގަނޑުގެ ދޭތެރެ އަދި ލަކުޑިގަނޑު ބަލާބެލުމުގެ ތެރޭގައި އެކި ގޮތްގޮތުން ގަސް ހެދި ބޮޑުވުމަށް ހުރަސް އެޅިދާނެ ގާބިލްކަން ހުރި ދެ ވައްތަރެއްގެ ފަނި ފަކްސާއެއް ފެނިފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި މީގެ ތެރޭގައި ގަސް ތޮރުފާ ފަނީގެ ވައްތަރެއް ހިމެނޭ ކަމަށާއި މި ފަނީގެ އެކި އުމުރު ފުރަ އެތަނުން ލިބެން ހުރި މިންވަރަކުން ހޯދައި ފޮޓޯ އަދި ސާމްޕަލް ވަނީ އެއްކުރެވިފައިވާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި ކެލަ އާއި ނޭކުރެންދޫން ފެނުނު މަޑީގައި ކުދި ތަފާތުތަކެއް ހުރި ކަމަށެވެ.
އަދި ގަސްތައް ކައިރީގައި ފެންގަނޑުގައި އުޅޭ ފަންޏެއް ދެ ރަށުން ވެސް ފެނިފައިވާ ކަމަށާއި އެ ދެ ރަށުގެ ކުޅީގެ، އަށް ސަރަހައްދަކުން ފެން ނަގައި ވަނީ ޓެސްޓް ކޮށްފަ އެވެ.
އެ ފެން ޓެސްޓް ކުރީ ފެންގަނޑުގެ އެސިޑިޓީ ނުވަތަ އަލްކަލިނިޓީ އާއި އިލެކްޓިރިކަލް ކޮންޑަކްޓިވިޓީ އަދި ލޮނުގެ އަސަރު ހުރިވަރު ބެލުމަށެވެ. އެ ނަތީޖާތަކުން ކަނޑޫފާތަކުގައި އުޅޭ ދިރުންތައް އަދި ގަސްގަހާގެހި ހެދި ބޮޑުވުމުގެ ބޮޑެތި ދަތިކަމެއް ހުރިކަން ނުވަތަ ނޫންކަން އެނގިގެންދާނެ އެވެ.