ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބާތިލްކުރަން ނިންމި ނިންމުން އިސްތިއުނާފުކޮށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި އެވެ.
ޕީޖީ އޮފީހުން އެ ނިންމުން އިސްތިއުނާފަށް ހުށަހެޅީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ހައިކޯޓުން މިއަދު ބުނީ އަހްމަދު އަދީބާ ދެކޮޅަށް ޕީޖީއިން ހުށަހެޅި މައްސަލަތައް ހައިިކޯޓުން ބަލައިގެންފައިވާ ކަމަށެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބަށް ކުރި ހަތް ދައުވާއެއް ކްރިމިނަލް ކޯޓުން ބާތިލް ކުރުމުން އޭނާ ވަނީ އެއްކޮށް މިނިވަންވެފަ އެވެ. އެކަމަކު އޭނާ ފުރުން މަނާކުރުމުގެ އަމުރެއް މިހާރު ވަނީ ނެރެފަ އެވެ.
އެކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ، އަދީބުގެ މައްސަލަ ގާޒީ އިސްމާއިލް ރަޝީދު ކުރިއަށްގެންދެވީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި މައްސަލަ ބާތިލު ކުރީވެސް ގާނޫނީ އިމުން ބޭރުން ކަމަށެވެ.
އެ މައްސަލަ ހައި ކޯޓުން ބަލައިގަތްއިރުު، އެ ދައުވާތައް ބޭރުކޮށްލަން ނިންމެވި ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލައެއް ބަލަން ފަށައި، އޭނާ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ނިންމައިފަ އެވެ.