ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އަށް ފޮނުވައިފި އެވެ.
އިސް މެޖިސްޓްރޭޓް ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަކިކުރަން މަޖިލީހަށް ފޮނުވީ ރިޝްވަތާއި ނާޖައިޒް ފައިދާއާއި ޖިންސީ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއްގަ އެވެ. މި މައްސަލަތައް ބަލަމުންދާތީ މައުސޫމް ހުންނެވީ ސަސްޕެންޑްކޮށްފަ އެވެ.
ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުހައްމަދު މައުސޫމްއާ ގުޅޭގޮތުން ހުށަހެޅި ޝަކުވާތައް ބެލުމަށް ފަހު ޖޭއެސްސީއިން މަޖިލީހަށް ފޮނުވި ސިޓީގައި ވަނީ، ހދ.ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޒިއްޔާއެއް ނިންމުމުގައި އިސް މެޖިސްޓްރޭޓް މައުސޫމް ރިޝްވަތުގެ ގޮތުގައި ފައިސާ ނަގާފައިވާކަމަށް ސާބިތުވާ ކަމަށެވެ.
މީގެ އިތުރުން ވަޒީފާގެ މާހައުލުގައި އެކަށީގެން ނުވާ ބަހުރުވައިން މުވައްޒަފަކާ މުއާމަލާތު ކުރި ކަމަށާއި އެކަންކަމަކީ ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވޭ ކަންތައްތަކެއް ކަން ތަހުގީގަށް ސާބިތުވާ ކަމަށާއި އެ އަމަލުތަކަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލުތަކެއް ކަމަށްވާތީ އޭނާ މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމީ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ އަމާޒަކީ އެއްވެސް ތަފާތުކުރުމެއް ނެތި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތައް ހިފަހައްޓަން ޖޭއެސްސީއަށް އެހީތެރިވެ ދިނުން ކަމަށެވެ. އަދި ވަކި ފަނޑިޔާރަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި އިންސާފު ކަށަވަރުކޮށް ދިނުމަކީ އެމްޑީޕީގެ ވައުދެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.