twitterviber whatsapp telegramfacebookyoutube instagram
27th April 2024

ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދެފި

ނަބީލާ އިސްމާޢީލް
Jul 23, 2020

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލައިގެ އިސްތިއުނާފު ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ޕީޖީން މިއަދު ހައި ކޯޓުގައި އެދެފި އެވެ.

ދައުލަތުން ހައިކޯޓުގައި އެގޮތަށް އެދުނީ އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ކުރިމިނަލް ކޯޓުން ބާތިލް ކުރި މައްސަލައިގައި ހައިކޯޓްގައި މިއަދު އޮތް އިސްތިއުނާފު ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގަ އެވެ.

ދައުލަތުން ހުށަހެޅި އިސްތިއުނާފުގެ މައްސަލާގައި އަދީބުގެ ފަރާތުން ވަކީލެއްގެ ފުރުސަތަށް އެދިވަޑައިގަތުމުން ފަނޑިޔާރުން ނިންމެވީ ބަންދުގެ އަމުރާ މެދު ގޮތެއް ނިންމަން މެންދުރު ފަހު 3:00 ގައި އަޑުއެހުމެއް ބާއްވާށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބަށް ކުރި ހަތް ދައުވާއެއް ކްރިމިނަލް ކޯޓުން ބާތިލް ކުރުމުން އޭނާ ވަނީ އެއްކޮށް މިނިވަންވެފަ އެވެ. ނަމަވެސް އޭނާ ފުރުން މަނާކުރުމުގެ އަމުރެއް މިހާރު ވަނީ ނެރެފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ޕީޖީގެ ފަރާތުން ވާހަކަ ދައްކަވަމުން ޕަބްލިކް ޕްރޮސެކިޓާ އަހުމަދު ނައުފަލް ވިދާޅުވީ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ދައުލަތުގެ ފަރާތުން އެދެނީ މީގެ ކުރިން އޭނާ ފިލައިގެން ގޮސްފައިވާތީ ދެން ވެސް އެ ފުރުސަތު އޮންނާނެތީ ކަމަށް ދެކޭތީ އެވެ. އެހެންކަމުން ވަކީލެއް ނެތި ވެސް އަޑުއެހުން ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމުގައި ދައުލަތުގެ ފަރާތުން ފާހަގަކުރާ ގާނޫނީ ނުކުތާއަކީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާ އެވެ. އެ މާއްދާގައި ބުނާ ގޮތުން މީހަކާ މެދު ތުހުމަތު ކުރެވިފައިވާ މައްސަލައެއްގައި އޭނާ ހެކި ފޮރުވަން މަސައްކަތް ކޮށްފާނެ ކަމަށް ޓަކައި ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެ ކަމަށް ޓަކައި ނުވަތަ ފިލައިފާނެ ކަމަށް ދެކެވޭނަމަ އެ މީހަކު ބަންދުގައި ބަހައްޓަން ކޯޓަށް ކަނޑައެޅިދާނެ އެވެ.

އަދީބަށް ކުރި ދައުވާތައް ބޭރުކޮށްލަން ނިންމެވި ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލައެއް ބަލަން ފަށައި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އޭނާ ސަސްޕެންޑް ކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355