މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތަސްދީގުކުރި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީސް އުފައްދައިފި އެވެ.
މި އޮފީސް އުފައްދައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް ވެސް ވަނީ ބޭފުޅަކު އައްޔަށް ކުރައްވާފަ އެވެ. އެ މަގާމަށް އައްޔަން ކުރެއްވީ ނިއުމާތު ޝަފީގް ޝަފީގެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް މ. މާފުށީގެ ނިއުމާތު ޝަފީގް އައްޔަން ކުރަން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފާސްކުރި އެވެ. އެއީ 70 މެންބަރުންގެ ވޯޓުންނެވެ. އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ނިއުމާތަކީ ރާއްޖޭގެ ގާލް ގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރެވެ. މީގެ ކުރިން ކުޑަކުދިންނަށް ކިޔަވައިދިނުމަށް ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ބޭފުޅެކެވެ. އެ ގޮތުން ރާއްޖޭގައި ޕްރީ ސްކޫލްގެ ތައުލީމު ގާއިމު ކުރުމުގެ ގޮތުން ޔުނިސެފްގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ވެސް ނިއުމާތު މަސައްކަތް ކުރައްވާފައިވެ އެވެ..
މީގެ އިތުރުން ދައުލަތުގެ އިދާރާތަކުން ލިއުއްވާ ސިޓީ ނަންބަރު ޖެއްސެވުމުގައި އެ އޮފީހުން ޖަހާނީ 483 ކަމަށް ވެސް ރައީސް މިއަދު ވަނީ ނިންމަވާފަ އެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އުފައްދާ ޗިލްޑްރަންސް އޮމްބަޑްސްޕާސްއަކީ މިނިވަން މުސްތަގިއްލު މަގާމެއް ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ. އެ މަގާމަށް އައްޔަން ކުރާ މީހެއްގެ މުސާރައަކީ މަހަކު 35،000 ރުފިޔާ ކަމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ މެއި މަހު ފާސްކޮށްފައިވެ އެވެ.