އިނގިރޭސި ވިލާތުގެ ލަންޑަންގައި ބާއްވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއިޓީއެމް) ފެއާ މި އަހަރުގެ ނޮވެމްބަރު މަހު ބާއްވާނެކަން އިއުލާނު ކޮށްފި އެވެ. މިއީ ދުނިޔޭގައި ބާއްވާ ޓޫރިޒަމްގެ އެންމެ ބޮޑު އެއް އިވެންޓެވެ.
އިނގިރޭސި ސަރުކާރުން ވަނީ ލަންޑަން ޑަބްލިއުޓީއެމް ފެއާ އޮކްޓޫބަރުގެ ފަހުން ބާއްވަން ހުއްދަ ދީފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރަށް ބުރޫ އަރައި ޓޫރިޒަމް ހުއްޓުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ބޮޑެތި ޓޫރިޒަމް ފެއާތައް ވަނީ ކެންސަލްކޮށްފަ އެވެ. ނަމަވެސް ބަލި ކޮންޓްރޯލްވަމުން ދާން ފެށުމާއެކު ފެއާތައް އޮންނާނެ ތާރީހުތައް ވެސް އިއުލާނު ކުރަން ފަށާފައި ވެއެވެ.
އެގައުމުގެ ސަރުކާރުން ހުއްދަ ދިނުމާއެކު ޑަބްލިއުޓީއެމް އިންތިޒާމު ކުރާ ރީޑް އެގްޒިބިޝަން ކުންފުނިން ވަނީ މި އަހަރުގެ ފެއާ ނޮވެމްބަރު މަހުގެ 2 އިން 4 އަށް ލަންޑަންގައި ބާއްވާނެ ކަމަށް ކަމަށް އިއުލާނު ކޮށްފަ އެވެ.
ޑަބްލިއުޓީއެމް ފެއާއަކީ ރާއްޖެ އިން ބައިވެރިވާ އެންމެ ދުވަސްވީ އެއް ފެއާ އެވެ. ހާއްސަކޮށް ފެއާ އޮންނަ އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ.
ޑަބްލިއުޓީއެމް ފެއާ އިންތިޒާމު ކުރާ ކުންފުނިން ވަނީ މި އަހަރުގެ ފެއާ ޓެކްނޮލޮޖީގެ ގިނަ ބައިތަކެއް ވެސް ހިމަނަން ނިންމާފަ އެވެ. އަދި ވީހާ ވެސް ގިނަ ބަޔަކަށް ފެއާގެ ހަރަކާތްތައް ދައްކާލުމުގެ ގޮތުން ފެއާ ފެށުމުގެ ކުރިން ފެއާ އޮންނަ އެކްސެލް ލަންޑަން ވާޗުއަލް ޓުއާއަކުން ދައްކާލާނެ އެވެ.