twitterviber whatsapp telegramfacebookyoutube instagram
20th April 2024

މިނިވަންކަން ލިބުނީ ސުލްހަވެރިކަމާ ހިކުމަތްތެރިކަމާއެކު ކުރި މަސައްކަތުން

ޚަދީޖާ އާދަމް
Jul 26, 2020
1

މިނިވަން ދުވަހުގެ އުފާ ފާހަގަކުރާއިރު ރާއްޖެ އަށް މިނިވަންކަން ލިބުނު ގޮތާއި، މިނިވަންކަން ދެމެހެއްޓުމަށް ކުރަންވީ ކަންތައް ހަނދާނުން ފޮހެވިގެން ނުވާނެ ކަމަށާއި މިނިވަންކަން ލިބުނީ ސުލްހަވެރިކަމާއި ހިކުމަތްތެރިކަމުން ކުރި މަސައްކަތުންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މިނިވަން ކަމަށް 55 އަހަރު މިއަދު ފުރުމާ ގުޅިގެން ގައުމާ މުހާތަބު ކުރައްވަމުން ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރާނީ ވެސް، ސުލްހަވެރިކަމާއި ހަމަޖެހުމުގެ މައްޗަށް ބިނާވެފައިވާ ހާރިޖީ ގުޅުންތަކުގެ ތެރެއިން ކަމަށެވެ.

ސިޔާސީ ކަންކަމުގައި ހިޔާލު ތަފާތުވިޔަސް ގައުމުގެ އެންމެ މަތީ މަސްލަހަތާ ގުޅޭގޮތުން އެންމެން އެއްބަސް ވާންޖެހޭ ކަންކަން ހުންނާނެ ކަމަށާއި ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެއްޓެވުމަށް، ހުރިހާ ސިޔާސީ ބޭފުޅުންނަށް ގޮވާލައްވައި ކަމަށެވެ. އަދި އެ ބޭފުޅުންގެ މަޝްވަރާ އަށް އަބަދުވެސް މަރުހަބާ ދަންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި، ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެއްޓެވުމަށް، ހުރިހާ ސިޔާސީ ބޭފުޅުންނަށް އަޅުގަނޑު ގޮވާލަން. ތިޔަބޭފުޅުންގެ ހިޔާލާއި މަޝްވަރާ އަށް އަޅުގަނޑު އަބަދު ވެސް މަރުހަބާ ކިޔާނަން،" ރައީސް ވިދާޅުވި އެވެ.

މިނިވަން ގައުމެއްގެ އުފަލާއި ފަހުރުވެރިކަން ފާހަގަކުރާއިރު، ބައިނަލްއަގުވާމީ މުޖުތަމައުގައި، އެހެން ގައުމުތަކާ އެކުގައި ކުރަންޖެހޭ މަސައްކަތްތަކުގެ މުހިންމުކަން މިއަދު މިވަނީ އިތުރުވެފައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޓެރަރިޒަމްގެ ނުރައްކާ މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާއިރު އެކަމުން ވެސް ރައްކާތެރިވެވެން އޮތީ ހުރިހާ ގައުމެއް އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ. އަދި އެކަމަށް ރާއްޖޭގެ ރައްޔިތުންގެ އެއްބާރުލުން ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ކޮވިޑް-19 ގެ ތެރެއިން ޔަގީންވެގެން ދިޔަކަމަކީވެސް އެއްވެސް ގައުމަކަށް ބައިނަލްއަގުވާމީ މުޖުތަމައުން އެކަހެރިވެގެން ނޫޅެވޭނެކަން ކަމަށާއި ތިމާވެށީގެ ގެއްލުންތަކުން ދުނިޔެ ސަލާމަތް ކުރުމުގައި ވެސް މަސައްކަތް ކުރަން ޖެހިފައި މިވަނީ ހުރިހާ ގައުމުތަކެއް އެކުވެގެން އެއް ވިސްނުމެއްގައި ކަމަށެވެ.

ދިވެހިންގެ ފަހުރުވެރި ގައުމީ ޝަހުސިއްޔަތުގެ ބިންގަލަކީ، މާތް ވެގެންވާ އިސްލާމްދީން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެ ބިންގަލުގެ މަތީގައި ދިވެހި ގައުމިއްޔަތުގެ ބިނާކޮށް، އާރާސްތުކޮށްދިން ތަނބުތަކަކީ ދިވެހިވަންތަކަމާއި ދިވެހިންގެ މާދަރީ ބަހުގެ އިތުރުން ތާރީހާއި ސަގާފަތް ކަމަށް ވެސް އެމަނިކުފާން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގައުމެއްގެ ހަޔާތުގައި ފާހަގަކުރާ ދުވަސްތަކުގެ ތެރެއިން، އެންމެ އުފާވެރި އަދި އެންމެ ފަހުރުވެރި ދުވަހަކީ އެ ގައުމެއްގެ މިނިވަން ދުވަސް ކަމަށެވެ.

މިނިވަން ދުވަސް ފާހަގަކުރަނީ އިނގިރޭސިންގެ އަތުން ރާއްޖެ އަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުން ފާހަގަކުރުމުގެ ގޮތުންނެވެ. ރާއްޖެ އަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރީ ޖުލައި 26، 1965 ގަ އެވެ. ރާއްޖޭގެ މިނިވަންކަމުގެ ބާނީ، އަކީ ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ، ސުމުއްވުލްއަމީރު އަލްމަރްހޫމް އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355