twitterviber whatsapp telegramfacebookyoutube instagram
29th March 2024

ފެނާއި ނަރުދަމާގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި

ނަބީލާ އިސްމާޢީލް
Aug 5, 2020

ފެނާއި ނަރުދަމާގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކޮށްދެއްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ގެމަނަފުށި ދާއިރާގެ މެންބަރު އަހުމަދު ސައީދު މަޖިލީހަށް ހުށަހެޅުއްވި ފެނާއި ނަރުދަމާގެ ބިލް މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު 67 މެންބަރުންގެ ވޯޓާއިއެކުގައެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅީ، ފެނާއި ނަރުދަމާގެ ހިދުމަތް ރާއްޖޭގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް ކަށަވަރުކޮށްދިނުމަށްޓަކައި، ކަމާބެހޭ ވުޒާރާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރުމާއެކު، ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ ސިޔާސަތުތައް ތަންފީޒުކުރާނެ އޮތޯރިޓީގެ މަސްއޫލިއްޔަތާއި ބާރުތައް ބަޔާންކުރުމާއި، ސާފު ފެން ލިބުމާއި، އެކަށީގެންވާ މިންވަރުގެ ނަރުދަމާގެ ނިޒާމެއް ފޯރުކޮށްދިނުމަށް، ފެނާއި ނަރުދަމާގެ ހިދުމަތް ލިބިދިނުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމުން ފެނާއި ނަރުދަމާގެ ހިދުމަތުގެ އަގު މީހުން ދިރިއުޅޭ ރަށްރަށުގައި ކަނޑައަޅާނީ އެ ރަށެއްގެ ކައުންސިލުގެ މަޝްވަރާގެ މަތިންނެވެ.

ފެން އުފައްދައި، ފެނުގެ ވަސީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ އުސޫލުތަކާއި، ފެނާއި ނަރުދަމާގެ ހިދުމަތްދޭ ފަރާތްތަކުގެ ޒިންމާތަކުގެ އިތުރުން، ބިލުގައި ބަޔާންކޮށްފައިވާ ޒިންމާތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާބެހޭ އުސޫލުތައް ބަޔާންކުރުމަށެވެ.

އެ ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ، ކޮމެޓީ މަރުހަލާގައި ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ފަހު އެވެ. އެގޮތުން ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގައި ހަމަހަމަ ކަމާއި، މެދުކެނޑުމެއްނެތި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަކީ ހިދުމަތްދޭފަރާތުގެ ޒިންމާއެއްކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

ތަފާތު ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގައި ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަ ޓެކްނޮލޮޖީތަކަށް އިސްކަންދޭންވާނެކަމަށާއި، ހިދުމަތުގެ ބޭނުންކުރާ ފަރާތްތަކުން އެ ހިދުމަތް ބޭނުންކުރުމުގައި ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަ ގޮތްތަކަށް އިސްކަންދޭންވާނެކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި ފެން އުފެއްދުމަށް ބޭނުންކުރާ ހަކަތައަކީ، އިޢާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ހަކަތަކަމުގައި ހަދަންވާނެކަމަށްވެސް މި ޤާނޫނުގައިވެއެވެ. އަދި މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައި ބަޔާންކޮށްފައިވާ އަގުގެ ބޭރުން، ފެނާއި ނަރުދަމާގެ ހިދުމަތަކަށް އެއްވެސް އަގެއް ނެގުމަކީ މަނާކަމެކެވެ.

މީގެއިތުރުން، ހިދުމަތްދޭ ފަރާތްތަކަށް ލިބިފައިވާ ބާރުތައް ތަންފީޒު ކުރުމުގައި ހިދުމަތްދޭ ސަރަހައްދުގައި ދިރިއުޅޭ ނިކަމެތިންނަށް ފެނާއި ނަރުދަމާގެ ހިދުމަތް ގުޅައިދިނުމާއި، ފެނާއި ނަރުދަމާގެ ހިދުމަތް ސަސްޕެންޑްކުރުން ނުވަތަ ކަނޑާލުންފަދަ ފިޔަވަޅުތައް އެޅުމުގައި ލުއިގޮތްތަކެއް އިންތިޒާމްކުރަންވާނެކަމަށް ބުނެފައިވެ އެވެ.

ފެނާއި ނަރުދަމާގެ ބިލު ރައީސް ތަސްދީގުކުރެއްވުމާ ގުޅިގެން އެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފަ އެވެ. އަދި، ގާނޫނު ގެޒެޓުގައި ޝާއިއު ކުރުމާއިއެކު، އެ ގާނޫނަށް އަމަލުކުރަން ވަނީ ފަށާފަ އެވެ.

މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސްދުވަހުގެ ތެރޭގައި ހަދައި، އާންމުކޮށް ޝާއިއުކުރަން ޖެހޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355