އޮރެންޖޭ ބުނުމުން އެންމެ ފުރަތަމަވެސް ހިތަށް އަރަނީ ވިޓަމިން ސީ ގެ މަތިންނެވެ. ރާއްޖޭގައި އާންމުކޮށް ނުހެދުން ކަމުގައިވިޔަސް އޮރެންޖަކީ އާންމުކޮށް ރާއްޖެއިން ލިބެން ހުންނަ ސިއްހަތަށް ފައިދާ ހުރި މޭވާ އެކެވެ. މެދު ސައިޒުގެ އޮރެންޖަކުން 62 ކެލޮރީ ހަށިގަނޑަށް ލިބުމުގެ އިތުރުން އެހެން ސިއްހީ ފައިދާވެސް ލިބެ އެވެ.
އެހެންކަމުން އޮރެންޖާއި އޮރެންޖު ތޮށިން ލިބޭ ސިއްހީ ބައެއް ފައިދާ އަކަށް އަލިއަޅުވާލެވޭތޯ ބަލާނަމެވެ. އަދި އޮރެންޖު ބޭނުންކޮށްލާނެ ފައްސޭހަ ގޮތްތަކަށްވެސްމެ އެވެ.
މެދު ސައިޒުގެ އޮރެންޖެއްގައި 4/1 ޖޯޑު ފެން އެކުލެވެ އެވެ. އިންސާނެއްގެ ހަށިގަނޑުގެ 70-60 ޕަސެންޓް އުފެދިފައި ހުންނަނީ ފެނުންނެވެ. އަދި ކޮންމެ އިންސާނަކަށްވެސް ދިރިހުރުމަށްޓަކައި ފެން ބޭނުންވެ އެވެ. ސިއްހީ މާހިރުންގެ ދިރާސާތަކުން ދައްކާ ގޮތުގައި އަންހެނަކަށް ދުވާލަކު 2.7 ލީޓަރުގެ ދިޔާތަކެތި ހަށިގަނޑަށް ބޭނުންވާ އިރު ފިރިހެނެއްގެ ހަށިގަނޑަށް 3.7 ލީޓަރުގެ ދިޔާތަކެތި ދުވާލެއްގެ މައްޗަށް ބޭނުންވެ އެވެ. އޭގެ ތެރެއިން 20 އިންސައްތަ ދިޔާތަކެތި ހަށިގަނޑުތެރެއަށް އޮރެންޖް ފަދަ ފެންގިނަ މޭވާއިވެސް ފޯރުކޮށްދެވޭނެ އެވެ. އޭގެ ސަބަބުން ސިކުނޑީގެ އަދި ހަށިގަނޑުގައި ހަކަތަ އުފައްދާ ހަށިގަނޑުގައި އުފެދޭ ވިހަ މާއްދާތައް ބޭރު ކުރުމަށް އެހީވެދެ އެވެ.
މެދު ސައިޒުގެ އޮރެންޖަކުން އިންސާނަކަށް ދުވާލަކު ލިބެންޖެހޭ ފައިބަރ މިންވަރުގެ ތެރެއިން 12 އިންސައްތަ ކަމުގައިވާ ތިން ގުރާމް ފައިބަރ ލިބެ އެވެ. އޮރެންޖުން ލިބޭ ފައިބާއިން ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތަށް އެހީވެދީ ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދީ ނިދަން ފައްސޭހަވެ އެވެ.
އެއް އޮރެންޖުން އިންސާނަކަށް ދުވާލަކު ވިޓަމިންސީގެ މިންވަރު ބޭނުންވާ އަދަދުގެ 80 އިންސައްތަ ލިބެ އެވެ. އޭގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމުވަރަގަދަވުމަށް އެހީތެރިވެދީ ހަށިގަނޑުގަ އުފެދޭ ވިހަ މާއްދާތައް ނައްތާލުމަށް އެހީވެދީ ކަސްރަތު ކުރާވަގުތުތަކުގައި ސަރުބީން ހަކަތަ ނެރުމަށް އެހީވެދެ އެވެ. އަދި އަންހެނުންނަށް ދިމާވާ ޕީރިއަޑުގެ ދުވަސްވަރު އާއި ޑައިޓުގެ ދުވަސްތަކުގައި ހަށިގަނޑުން ބޭރުވާ ދަގަނޑުގެ ބާވަތްތައް އިއާދަވުމަށް އެހީވެދެ އެވެ.
ދުވާލަކު އޮރެންޖެއް ކާނަމަ ކެލޮރީސް، ޕްރޮޓީން، ކާބޯހައިޑްރޭޓްސް، ފައިބާ، ޕޮޓޭސިއަމާއި ކެލްސިއަމް އަދި ފޮސްފަރަސްގެ އިތުރުން ވިޓަމިން ސީ ހަށިގަނޑަށް ލިބޭނެއެވެ. އޮރެންޖަކީ ގުދުރަތީ މީރު ފޮނި ރަހަ ހުންނަ މެވާއެއްކަމުން ފޮނި އެއްޗެއް ކާހިތްވާ ވަގުތު ތައްޔާރީ ކާނާ އާއި ލުއިކާނާ ކެއުމުގެ ބަދަލުގައި ތާޒާ އޮރެންޖެއް ކާލުމުން ހަށިގަނޑަށްވާ ފައިދާ ބޮޑެވެ.