ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންނާ ގުޅޭ އާ ގަވައިދެއް އަންނަ ހަފްތާ ގެޒެޓް ކުރައްވާނެ ކަމަށާއި އާ ގަވައިދާއެކު ބިދޭސިންނާ މެދު ހުރި ގިނަ މައްސަލަތައް ހައްލު ވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޮވިޑްގެ ހާލަތު ދިމާވިއިރުވެސް ބިދޭސީންނާއި ގުޅޭ މައްސަލަތައް ހައްލުކުުރުމުގެ މަސައްކަތްކުރަމުން އަންނަނިކޮށް ކަމަށެވެ.
އަދި ކޮވިޑާއެކު ބިދޭސިންނާ ގުޅޭ އިތުރު މައްސަލަތައް ނިކުމެފައިވާކަމަށާއި ރެގިޔުލަރައިޒޭޝަން ޕްރޮގްރާމުވެސް ކޮވިޑްގެ ސަބަބުން ހުއްޓިފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން ބިދޭސިން ލައްވާ މަސައްކަތް ކުރުވާ މުސާރަ ނުދިނުމުގެ މައްސަލައަކީވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. މުސާރަ ނުދޭ މައްސަލާގައި ބިދޭސިން އިހުތިޖާޖު ކުރުމުން ޑީޕޯޓުކޮށް ފޮނުވާލާފައިވަނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަދި މާލޭގައި ބިދޭސީން ވިޔަފާރިކުރަން ތިބޭ ކަމުގެ ޝަކުވާ ލިބޭ ކަމަށާއި ނަމަވެސް ނަމަވެސް އެފަދަ ގިނަ ތަންތަނަކީ ކޮންމެވެސް ދިވެއްސެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ތަނެއްކަމުން، އެކަމުގައި ފިޔަވަޅު އެޅުމުގައި ގޮންޖެހުން ކުރިމަތިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.