މިއަދުން ފެށިގެން ކަރަންޓީން ވުމަށް ރަށްރަށަށް ދެވޭ އުސޫލުތައް އެޗްޕީއޭއިން އިތުރަށް ހަރުކަށިކޮށްފި އެވެ. މިއީ ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެ، އެ ބަލި ޖެހޭ މީހުންގެ އަދަދު މާލެ ސަރަހައްދުގައި އާދަޔާ ޚިލާފަށް އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން ނެރުނު އުސޫލެކެވެ.
ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މައްޗަށް ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއް ގޮތުން، މާލެ އިން އެހެން ރަށްރަށަށް ދެން ދަތުކުރެވޭނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށް އައިސް ތިބި މީހުންނަށް އެކަނި ކަމަށް އެޗްޕީއޭ އިން މިދިޔަ ހަފުތާގައި ބުނެފައި ވެ އެވެ.
މެޑިކަލް އިމަޖެންސީއެއްގައި ޑޮކްޓަރަށް ދެއްކުމަށް މާލެ އައިސްފައި ތިބޭ މީހުން.
- މާލޭގައި ދިރިއުޅޭ ތަން ދޫކޮށްލަން ޖެހޭ މީހުން.
- ރަސްމީ ބޭނުމަކަށް މާލެ އައިސް ރަށަށް ދާން ބޭނުންވާ މީހުން.
- ވަޒީފާ ގެއްލިގެން ނުވަތަ ވަޒީފާ ރަށަށް ބަދަލުވާ މީހުން.
- ޝަރުއީ ކޯޓަކަށް ހާޒިރުވާން ޖެހޭ މީހުން.
އެކަމަކު، އެންމެ ފަހުން ގެނައި ބަދަލުގައިވާ ގޮތުން ނަމަ "ހާލުބެލުން" ޕޯޓަލްގައި ރަޖިސްޓަރީވެ، ހޯމް ކަރަންޓީނަށް މިއަދުން ފެށިގެން ދެވޭނީ ފަސް ކެޓަގަރީއަކަށް ފެތޭ މީހުންނަށް އެކަންޏެވެ.
އެގޮތުން ފުރަން ޓިކެޓް ނަގަން ޖެހޭނީ ކަރަންޓީން ލިޔުން އަދި ބިލްޑިންގް މޮނިޓަރިން ނޯޓިސް ލިބުމުންނެވެ.
އެޗްޕީއޭއިން ބުނީ މިހާރު އެންމެ މުހިއްމު އެއް އަމާޒަކީ ރަށްރަަށަށް ބަލިފެތުރުން ކޮންޓްރޯލް ކުރުން ކަމަށެވެ.
އެ އިދާރާ އިން އެހެން ބުނިއިރު، އެހެން ރަށްރަށުގައި ކޮވިޑް ކޭސްތައް ފެންނަ ވަރު ދަނީ އިތުރުވަމުންނެވެ. މިހާރު ވެސް މާލެ ސަރަހައްދު ފިޔަވައި އެހެން 12 ރަށެއްގައި ކޮވިޑް ޖެހިފައިވާ މީހުން އެބަތިއްބެވެ. ޚާއްސަކޮށް ހޯމް ކަރަންޓީން ނިންމާ ފަހުން ބައެއް މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.