ތަމްރީނެއް ފުރިހަމަކުރުމުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމަށް ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި އިސްލާހާއެކު ވަކީލު ކަމުގެ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
މިޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ނުލިބި ތިބި މީހުން އެއް މަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ވަކީލުކަމުގެ ހުއްދަ ދޭންޖެހޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި އިސްލާހްގެ ދަށުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި މި ބިލުގެ އިސްލާހުގައި، ބަޔާންކޮށްފައިވާ ގޮތުން މި އިސްލާހު ގާނޫނަކަށްވެ އަމަލުކުރަން ފަށާއިރު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ މަތީ ތައުލީމުދޭ މަރުކަޒަކުން ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ގާނޫނީ ވަކީލުކަމުގެ ހުވާކުރެވިފައިނުވާ އެންމެހާ ފަރާތްތަކަށް ހާއްސަކޮށްގެން އެއް މަސްދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ބާ ކައުންސިލުން ރާވައި، ކުރިއަށްގެންދަންޖެހޭނެކަމަށެވެ.
ގާނޫނަށް ގެނައި މި އިސްލާހާއެކު ތަމްރީން ފުރިހަމަ ކުރުމަށް ބޭނުންވާ ޤާނޫނީ ވަކީލުންނަށް ޚާއްސަ ލައިސަންސިންގ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ޕްރޮގުރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ގޫގަލް ފޯމް މެދުވެރިކޮށް ބާ ކައުންސިލުގައި ރަޖިސްޓަރީވުމަށް އެކައުންސިލުން ވަނީ އެދިފަ އެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކަކީ މި މަހު 5ވަނަ ދުވަހުގެ ކުރިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގާބޫލުކުރާ މަތީ ތައުލީމުދޭ މަރުކަޒަކުން ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކެއްކަން އަންގާދިނުމަށްޓަކައި، ދަސްވެނިވެފައިވާ ދަރިވަރެއްނަމަ ގާނޫނީ ރޮގުން ފުރަތަމަ ޑިގްރީގެ ކޯސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ހުށަހެޅުމަށް ވަނީ އެދިފަ އެވެ. އަދި ދަސްވެނިވެފައިނުވާނަމަ، ގާނޫނީ ރޮގުން ފުރަތަމަ ޑިގްރީގެ ކޯސް އެ ދަރިވަރަކު ކޯސް ފުރިހަމަކުރިކަން އަންގައިދޭ ރަސްމީ ލިޔުން ނުވަތަ ކޯހުގެ ޓްރާންސްކްރިޕްޓެއް ހުށަހެޅުމަށްވެސް ބާ ކައުންސިލުން ވަނީ އެދިފަ އެވެ.