އާރޓިސްޓުންނަކީ އެމީހުންގެ ހުނަރު ތަފާތު ގޮތްގޮތަށް ދައްކަން ބޭނުންވާ ބައެކެވެ. އެމީހުންގެ ހުނަރުވެރިކަަން ޔުނިކް ގޮތެއްގައި ދައްކާލުމަށް ކޮންމެ ކަހަލަ އެއްޗެއްވެސް ބޭނުންކޮށްލުމަކީ އެއީ އާރޓިސްޓުންނަށް އުނދަގުކަމަކަށް ނުވާނެއެވެ.
އެގޮތުން އުމުރުން 33 އަހަރުގެ ޗެން ގޮއުރުއި އެފަދަ ކުޅަދާނަ މީހެކެވެ. ޗެންއަކީ ޗައިނާގެ ގުހުއައި ޓައުންގެ ޕްރައިމަރީ ސްކޫލެއްގެ އާރޓު ޓީޗަރެކެވެ.
އޭނާގެ އާރޓު ކަލެކްޝަން ވަރަށް ތަފާތެވެ. ޗެން ބުނީ އޭނާ އަބަދުވެސް ބަލަނީ އޭނާގެ އާރޓު ވޯކްތަކަކީ ކުރިއަށް އޮތް ޖީލުތަކަށް ދެމިގެންދާނެ ގޮތަކަށް ބަހައްޓަން ބޭނުންވާ މަަސައްކަތްތަކެއް ކަމަށެވެ.
ޗެންގެ ހިޔާލު އައީ އޭނާގެ އުފަން އަވަށް ގައޮލުއާގައި އޭނާގެ ކާބަފައިން ސޯޅަސަތޭކައިގެ އަހަރުން ތަކުން ފެށިގެން ހަނޑޫ ބޭނުންކޮށްގެން ކުރަމުންއައި މަސައްކަތުގެ ވާހަކަ އެ އަވަށުގެ މުސްކުޅިއަކު ޗެންއަށް ކިއަދިން ހިސާބުންނެވެ. މިއީ މިހާރު އުވިފައިވާ ކަމަކަށް ވާތީ އޭނާ ބޭނުންވީ އޭނާގެ އަވަށުގެ ތާރީހު އިއާދަ ކުރާށެވެ.
ޗެން ފުރަތަމަ ހަނޑޫ ބޭނުންކޮށްގެން ހަދަމުންއައީ ޗައިނާގެ އާސާރީތަންތަން ސިފަވާ ތަކެއްޗެވެ. ނަމަވެސް މިހާރު ފަރިތަކަމާއެކު ހަނޑޫ ބޭނުންކޮށްގެން ބޮޑެތި އާރޓުވޯކްތައް ޗެން ގެންދަނީ ހަދަމުންނެވެ.
އޭނާ ބުނާގޮތުން މި މަަސައްކަތުގެ އެންމެ މުހައްމު ކަމަކީ މި އާރޓު ވޯކްތައް ހަލާކުނުވެ ކުރިއަށް އޮތް އެތައް ޖީލަކަށް ފެންނަން ހުރުމެވެ. އޭނާގެ އުންމީދަކީ އޭނާގެ އަވަށުގެ އުފަން ވެގެން އައި މި މަސައްކަތް ދެން އުވިގެން ނުދިއުމެވެ.
މިހާރު ޗެންއަކީ ހަމައެކަނި ހަނޑޫ ބޭނުންކޮށްގެން ތަކެތި ހަދާ މީހެއް ނޫނެވެ. 2 އަހަރެއްހާ ދުވަހުގެ ބުރަ މަސައްކަތުން އޭނާއަކީ މިހާރު އުވެމުންދިޔަ އޭނާގެ އަވަށުގެ މި ސަގާފަތް ޗައިނާގެ އެކި ޔުނިވާރސިޓީތަކުގައި ކިޔަވައިދެމުންވެސް އަންނަ މީހެކެވެ.