ފަނޑިޔާރުކަމުގެ މަގާމު ވަކިކުރަން ނިންމާފައިވާ ވަނިކޮށް ހދ ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް ފަނޑިޔާރުކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ރިޝްވަތު ނެގުމާއި ޖިންސީ ގޯނާގެ މައްސަލަތަކެއް ސާބިތުވެ މެޖިސްޓްރޭޓް މައުސޫމް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ނިންމާ އެ މައްސަލަ ވަނީ ރައްޔިތުން މަޖީލީހުގެ ޖުޑިޝަރީ ކޮމެޓީއަށްވެސް ފޮނުވާފައި އެވެ. އަދި އެ ކޮމެޓީންވެސް ވަނީ މައުސޫމް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ފާސްކޮށްފަ އެވެ.
އެކަމާ ގުޅިގެން މައުސޫމް މިއަދު އާންމުކުރެއްވި ލިޔުމެއްގައި ވިދާޅުވީ، އެ މައްސަލާގައި ދިފާއީގޮތުން ހުށަހެޅި އެއްވެސް ހެއްކަކަށް ބެލުމެއް ނެތި ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ނިންމި ނިންމުމަކީ ސިޔާސީ ނުފޫޒު ޖޭއެސްސީއަށް ވަދެފައިވާ މިންވަރު އެނގި ހާމަވެގެންދާކަމެއް ކަމަށެވެ.
އެހެންވުމުން މިނިވަންކަމާއެކު ފަނޑިޔާރެއްގެ ވާޖިބުތަކާ މަސްއޫލިއްޔަތުތައް އަދާކުރެވޭނެ ފަދަ މާހައުލެއް މިހާރު އޮތްކަމަށް ނުފެންނާތީ ހދ އިސް މެޖިސްޓްރޭޓްގެ މަގާމުން އިސްތިއުފާ ދީފައިވާ ކަމަށެވެ.
" މީގެ ކުރިން ޖޭއެސްސީން އަޅުގަނޑު އެއްވެސް މައްސަލައެއް ބަލާ އެއްވެސް ނަސޭހަތެއް ނުވަތަ ތައުދީބީ ފިޔަވަޅެއްވެސް އެޅުމެއް ނެތި، މިފަހަކަށް އައިސް މަގާމުގެ ދަތިވެތިކަމުގައި މަދު ބަޔަކު ރާވައިގެން ސޯޝަލް މީޑިއާއަށް ދޮގު މައުލޫމާތުދީ ޖޭއެސްސީއަށް މައްސަލަ ހުށަހެޅުމުން، މައްސަލާގައި ދިފާއީގޮތުން ހުށަހެޅި އެއްވެސް ހެއްކަކަށް ބެލުމެއް ނެތި ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމުމަކީ ސިޔާސީ ނުފޫޒު ޖޭއެސްސީއަށް ވަދެފައިވާ މިންވަރު އެނގި ހާމަވާކަމެއް،" މައުސޫމްގެ ނޯޓްގައިވެ އެވެ.
ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުހައްމަދު މައުސޫމްއާ ގުޅޭގޮތުން ހުށަހެޅި ޝަކުވާތައް ބެލުމަށް ފަހު ޖޭއެސްސީއިން މަޖިލީހަށް ފޮނުވި ސިޓީގައި ވަނީ، ހދ. ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޒިއްޔާއެއް ނިންމުމުގައި އިސް މެޖިސްޓްރޭޓް މައުސޫމް ރިޝްވަތުގެ ގޮތުގައި ފައިސާ ނަގާފައިވާކަމަށް ސާބިތުވާ ކަމަށެވެ.
މީގެ އިތުރުން ވަޒީފާގެ މާހައުލުގައި އެކަށީގެން ނުވާ ބަހުރުވައިން މުވައްޒަފަކާ މުއާމަލާތު ކުރި ކަމަށާއި އެކަންކަމަކީ ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވޭ ކަންތައްތަކެއް ކަން ތަހުގީގަށް ސާބިތުވާ ކަމަށާއި އެ އަމަލުތަކަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލުތަކެއް ކަމަށްވާތީ އޭނާ މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމީ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.