އަބަދުވެސް ހުންނަނީ ކޮންމެވެސް އެއްޗެއް ކާހިތްވެފައެވެ. ރަނގަޅަށް ގަޑިން ގަޑިއަށް ކައިގެން ހުއްޓަސް ވަރަށް ގިނަ މީހުންނަށް "ފުޑް ކްރޭވިން" އާދެއެވެ. އަދި މިކަން އޮންނަނީ ގިނަ ބަޔަކަށް ހުއްޓާލަންވެސް އުދަނގުކަމަކަށް ވެފައެވެ.
މިގޮތަށް އަބަދުވެސް ކާހިތްވެފައި ހުރުމުގެ ސަބަބުތައްވެސް ބައިވަރެވެ. އެގޮތުން ބައެއް މީހުންނަށް މިހެން ވަނީ އެންމެ ކުޑައިރުން ފެށިގެންވެސް މިފަދަ ކާނާތަކަށް ދެވިހިފާފަ ހުރުމެވެ. ނުވަަތަ މާ ބޮޑަށް ސްޓްރެސް ވުންވެސް މިކަމުގެ ސަބަބަކަށް ވެދާނެއެވެ. ސްޓްރެސް ވުމުން ބަނޑުހައިވެ ކާހިތްވުން މިއީ ކޯޓިސޯލް ހޯމޯން ލެވެލް މަތިވުމުން ވާގޮތެކެވެ.
ނުވަތަ މިއީ ޑައިބެޓީސްގެ އަލާމާތަކަށްވެސް ވެދާނެއެވެ. އަދި ބައެއް މީހުންނަށް ބަނޑުބޮޑުވާ ދުވަސްވަރުވެސް މިގޮތަށް ދިމާވެއެވެ. އެފަދަ ކަމަކަށް ޝައްކުވާނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުން މުހިއްމެވެ.
ބަރުދަން ލުއިކުރަން ނުވަތަ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ގިނަ މީހުންނަށް ހުރަސް އަޅާ އެއްކަމަށް މިކަން މިއޮތީވެފައެވެ. އެންމެ ބޮޑު ސަބަބަކީ ކާހިތްވުމުން ގިނަ ފަހަރަށް ކެވެނީ ކައިރި ފިހާރައަކުން ލުއި ކާނާ ޕެކެޓެކެވެ. ޕްރޮސެސްޑް ޖަންކު ފުޑެވެ. ނުވަތަ ކޮންމެވެސް ތާކުން އޯޑަރކޮށްލައިގެން ބާގަ ނުވަތަ ފްރައިސް ކަހަލަ އެއްޗެކެޗެ.
މިއީ އާންމު ގޮތެއްގައި ކާންފަށައިފި ނަމަ ވަރަށް އަވަހަށް ދެވިހިފާ އެއްޗެކެވެ. އެންމެ ފަހަރަކުވެސް ފިހާރައަކަށް ވަނުމަށްފަހު ލުއިކާނާ ޕެކެޓުގެ ނިއުޓްރިއަންސް ބަލާލިން ހެއްޔެވެ؟ ބަލާނަމަ ގިނަ ލުއި ކާނާ ޕެކެޓުތަކުގައި ގިނަ އަދަދަކަށް ހަކުރު ހިމެނޭ ކަން ފާހަގަ ކުރެވޭނެއެވެ. ނުވަތަ ރެސްޓޯރެންޓުތަކުން ގެންނަ ގިނަތަކެއްޗަކީ އޭގައި ގިނަ އަދަދަކަށް ތެޔޮ ހިމެނޭ އެއްޗެއްށެވެ. މިއީ އެއަށް ދެވިހިފާ އެއްސަބަބެވެ.
މިއީ ހުއްޓަލަން އުޅެފިނަމަ ނުވާވަރުގެ ކަމެއް ނޫނެވެ. ބޭނުންވަނީ ހަމަ ކުޑަ ހިތްވަރެކެވެ.
ފުރަތަމަ ކަމަކަށް އާދަކޮށް ގިނައިން ފެން ބޯން ފަށާށެވެ. ބައެއް ފަހަރު ކަރުހިއްކާނަމަވެސް މިފަދަ ކާނާ ކާހިތްވެއެވެ. އަދި ފެން ބުއިން މިއީ ކްރޭވިން ދުރުކޮށްދިނުމުގެ އިތުރުން ހަށިގަނޑަށްވެސް ފައިދާ ހުރި ކަމެކެވެ. ދެވަނަ ކަމަކަށް ހެނދުނުގެ ސައި ގަވައިދުން ނަގާށެވެ. އަދި ގިނަ އަދަދަކަށް ޕްރޮޓީން ހިމެނޭ ކެއުމެއް ކާށެވެ. ހެނދުނު ގިނަ އަދަދަކަށް ޕްރޮޓީން ހިމެނޭ ކެއުމެއް ބޭނުން ކުރުމަކީ ކްރޭވިން ދުރުކޮށްދޭ ކަމެކެވެ.
ތިންވަނަ ކަމަކީ ތިމާވެސް އެކަމަށް ބޭނުން ވުމެވެ. މިކަމަށް ބޭނުން ވާނީ ކުޑަ ހިތްވަރެކެވެ. ކާހިތް ވާނަމަ ޕްރޮސެސްޑް ކާނާގެ ބަދަލުގައި މޭވާއެއް ނުވަތަ ގޭގެއައި އަމިއްލައަށް ތައްޔާރުކޮށްލައިގެން ކުޑައެއްޗެއް ކާލެވިދާނެ އެވެ. އެގޮތުން މަހެއްހާ ދުވަސްތެރޭ ކްރޭވިންތަކާއި ދުރުވާކަން އަމިއްލައަށް ވެސް އިހުސާސް ވާނެއެވެ.