twitterviber whatsapp telegramfacebookyoutube instagram
4th May 2024

ފެންބޮޑުވުމުން ރައްކާތެރިވުމަށް މަގުތަކަށް ވެލި އެޅުމަކީ އޮތް ހައްލެއް ނޫން!

އަބްދުލް ވާހިދު ޙަސަން
Aug 12, 2020
4

ކުޅުދުއްފުށީގައި އާދަޔާ ހިލާފަށް ބޮޑަށް ފެންބޮޑުވުމުގެ ހާދިސާތައް ފަހަކަށް އައިސް ދިމާވަމުންދާތި މިފަދަ ހާދިސާއެއް ދިމާވުމުން ހަރަކާތްތެރިވާ މުއައްސަސާތަކުގެ ބައްދަލުވުންތަކެއް ފަށައިފި އެވެ. ކުޅުދުއްފުށި އޮންލައިން އިއްޔެ ބައިވެރިވި ބައްދަލުވުމުގައި މުއައްސަސާތައް މަޝްވަރާކޮށްފައިވަނީ ރަށު ފެންވަރުގައި މިފަދަ ހާދިސާތަކަށް ވަގުތީ ހައްލެއް ހޯދުމަށް ނަމަވެސް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންނެވެ.

މި ބައްދަލުވުންތަކުގައި ކުޅުދުއްފުށި ކައުންސިލް، އެމްއެންޑީއެފް، ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން، އެސްޓީއޯ، ރެޑްކްރެޒެންޓް ހދ. ގޮފި، ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް، ހދ. އަތޮޅު ކައުންސިލް، އެމްޑަބްލިއުއެސްސީ ކުޅުދުއްފުށީގެ ވެރިންނާއި ޓެކްނިކަލް ސްޓާފުން ބައިވެރިވެލައްވައެވެ.

މުއައްސަސާތަކުން ފާހަގަކޮށްފައިވާ ގޮތުގައި ފަހަކަށް އައިސް ވިއްސާރަވާ ކޮންމެ ފަހަރަކުހެން ކުޅުދުއްފުށީގައި އާދަޔާ ހިލާފަށް ފެންބޮޑުވެ މީހުންގެ މުދަލަށާއި ގެދޮރަށް ގެއްލުންވުމުގެ ހާދިސާތައް ވަނީ ދިމާވާން ފަށާފައެވެ. މިކަމުގެ ސަބަބުތައް ގޮތުގައި ބައިވަރު ސަބަބަތައް ފާހަގަކޮށްފައި ވާއިރު ރަށުން ވެލި އަޅައި ހިއްކާފައިވާ ސަރަހައްދު ރަށަށް ވުރެ އުސްކޮށް އޮވެ ފެން ބޭރުވާނެ ގޮތެއް ނެތުމާއި، ބައެއް މަގުތައް ޑިޒައިންކޮށް ހަދާފައިވާ ގޮތުން ވަކި ސަރަހައްދު ތަކަށް ފެން ދަތުރުކޮށް ޖާމަވުމާއި، އިމާރާތް ކުރުމާއި ގުޅިގެން ދިޔަދޮވި ހޮޅި ބޭރަށް ގުޅުމާއި، ދުއްވާއެއްޗެހި ގިނަވުމުގެ ސަބަބުން ބިންގަނޑު ހަރުވުން، މަގުތަކުގެ ކާނުތައް ގަވައިދުން ސާފު ނުކުރެވުން އަދި ރަށުގެ ކުޅި/ޗަސްބިން ސަރަހައްދުތަކުގައި އިމާރާތް ކުރުންފަދަ ސަބަބުތައް ފާހަގަކޮށްފައި ވެއެވެ.

ކޭއޯ އިން ބައިވެރިވި މިގޮތަށް ބޭއްވުނު ދެވަނަ ބައްދަލުވުމުގައި ފެންބޮޑުވުމުގެ ހާދިސާތައް ދިމާވުމުން މުއައްސަސާތައް އަމަލު ކުރާގޮތް އަލި އަޅުވާލައި އިމަޖެންސީ އޮޕަރޭޝަން ސެންޓަރާއެކު މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރާނެ ގޮތާއި އެގޮތުން އިތުރަށް ރަނގަޅު ކުރުމަށް ކުރެވޭނެ ކަންތަކާއި ފެން ބޮޑުނުވާނެ ފަދަ ގޮތްތަކަށް ރަށުފެންވަރުގައި ކުރެވެން ހުރި މަސައްކަތްތަކާއި ބެހޭގޮތުން މަޝްވާރަކޮށް، ފެންބޮޑުވާ ސަރަހައްދުތަކަށް ޒިޔާރަތްކޮށް މަޝްވަރާ ކުރެވުނު ނުގުތާތައް ތަންފީޒު ކުރެވެން އޮތްތޯ ވަނީ ބަލާފައެވެ.

އެގޮތުން އިމަޖަންސީ އޮޕަރޭޝަން ސެންޓަރ އުފައްދާ ހިސާބުން ފެށިގެން މަގުތަކަށް ވެލި އެޅުމުގެ ގިނަ ރިކުއެސްޓްތަކެއް އަންނަމުންދާ ކަމަށް ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް މަގަށް ވެލި އެޅުމަކީ ފެންބޮޑުވުމުގެ ހާދިސާތަކަށް އޮތް ހައްލެއް ނޫންކަމުގައި ބައްދަލުވުމުގެ ބައިވެރިން ވަނީ އިއްތިފާގު ވެފައެވެ. މިހެން ކަންތައް ކުރުމުގެ ސަބަބުން ގެތަކުގެ ލެވެލްއަށް ވުރެ މަގު އުސްވެ މަގުގައި ހެދޭ ފެން ގެތަކަށް ވަންނަ ގޮތް ދިމާވެ މީހުންގެ ގެދޮރަށާ މުދަލަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ވަނީ ފާހަގަ ކޮށްފައެވެ. އަދި މި ގޮތަށް ކުރިން އަމަލުކޮށްފައިވާ ރަށްތަކުގައި މަގުތައް ހެދުމާއެކު ވަރަށް ބޮޑަށް ދިމާވަނުން އަންނަ ކަމުގައި ވަނީ ފާހަގަކޮށްފައެވެ. މީގެ ބަދަލުގައި މަގުތަކުގައި ހުރި ވަޅުގަނޑުތައް ނައްތާލައި މަގު އެއްވަރުކޮށް، މަގަށް ޖަމާވާ ފެން ފަސޭހައިން ރަށަށް ބޭރަށް ޕަންޕް ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ފަސޭހައިން ކުރެވޭނަ ފަދަ ނިޒާމްތަކެއް ޤާއިމް ކުރުމުގެ މުހިންމުކަން ވަނީ ފާހަގަ ކޮށްފައެވެ.

ރަށަށް ވެހޭ ހުރިހާ ފެނެއް ރަށުން ބޭރަށް ޕަންޕު ކުރުމުގެ ބަދަލުގައި ކޮންމެސް ބައެއް ރަށުގެ ފެންފަށަލައަށް ހިންދުމުގެ މުހިންމު ކަން ވެސް ބައްދަލުވުގެ ބައިވެރިން ވަނީ ފާހަގަކޮށްފައެވެ. މިގަތަށް ކަންތައް ނުކޮށްފިނަމަ ރަށުގެ ފެންފަށަލަ ވަރަށް އަވަހަށް ލޮނުވެ ފެނަށް ކުރަންޖެހޭ ހަރަދު އިތުރު ވާނެކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

ފެން ބޮޑުވާ ސަރަހައްދުތަކަށް ޓޭންކްތަކެއް ފައްތައި، ހޮޅިލައިންއެއްގެ އެހީގައި މީހުންގެ ގެދޮރާ ދުރަށް ފެންތައް ގެންދެވޭނެ ނިޒާމް ތިން ސަރަހައްދެއްގައި ގާއިމް ކުރުމަށް މަސްވަރާކޮށް އެސަރަހައްދުތައް ބައްދަލުވުމުގެ ބައިވެރިން ވަނީ މިއަދު ބަލާފައެވެ. ދެން އަންނަ ބައްދަލުވުމެއްގައި މިހާރު ގާއިމް ކުރެވިފައިވާ ނިޒާމްތަކުގެ ކުރެހުމާއެކު އިށީނުމަށް ވަނީ ނިންމިފައެވެ.

ވިއްސާރައިން ލިބޭ ގެއްލުންތަކުގެ މަސައްކަތް ވިލަރެސް ކުރުމަށް އުފެއްދޭ އިމަރޖަންސީ އޮޕަރޭޝަން ސެންޓަރަށް ހުށައެޅޭ ރިކުއެސްޓް ތަކަށް ބަލައި ފެންބޮޑުވުމުގެ ހާދިސާތަކަށް ތައްޔާރުވުމަށް ހޭލުންތެރިކަން އިތުރުކޮށް ފަރުދީ ޒިންމާގެ ތެރެއިން ކުރެވެން ހުރި ކަންތައް ރައްޔިތުންނައް އަންގައި ދިނުމަށް ވެސް ބައްދަލު ވުމުގައި މަޝްވާރާ ކުރެވުނެވެ. މިގޮތުން ގޭގެ ދޮރާށި ކައިރީގައި ވެލި ބަސްތާ ޖެއްސުމަށް އެމަގު ތަނަވެސްވެފައި ވާ ފަރާތްތަކުން ވެލި ދޫކުރަން ފެށުމުން ނަންނޯޓްކޮށް އަމިއްލައަށް ދިއުމާއި، ވެލި ބަސްތާ ގެންގޮށް ޖައްސައި ދިނުމަށް މުއައްސަސާތަކަށް އެފަދަ ވަސީލަތްތައް ހުރ ގެތަށް ބަރޯސާ ނުވުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ. އަދި ބައެއް ގެތަކުގެ އޮޅިގަނޑު އުސް ކުރުމާއި، ބޭރު ފާރުގެ ތިރީގައި ނަމަވެސް ކޮންމެސް ވަރަކަށް ސިމެންތި ޖެހުންފަދަ ކަންކަން ވަނީ ފަރުދީ ޒިންމާގެ ތެރެއިން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ފާހަގަ ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355