މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމާ އެއްގޮތަށް ދައުލަތަލަށް ދައްކަންޖެހޭ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ދައްކާފައިނުވާތީ އެފައިސާ ހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މިރާ) އަށް ފޮނުވައިފި އެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، މިިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރީ ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން އެމަނިކުފާނު ޖޫރިމަނާ ކުރުމަށެވެ. އަދި ޖޫރިމަނާގެ ފައިސާ 6 މަސް ދުވަސްތެރޭ މިރާއަށް ދައްކާ ހަލާސް ކުރުމަށް ހުކުމް ކުރި ނަމަވެސް ފައިސާ ދެއްކުމަށް ދިން މުއްދަތުގެ ތެރޭގައި ފައިސާ ދައްކާފައެއް ނުއެވެ.
ފައިސާ ދެއްކުމަށް ދިން މުއްދަތު ހަމަވެފައިވަނީ މޭ މަހުގެ 28 ވަނަ ދުވަހަށެވެ. އެގޮތުން އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް އަބްދުﷲ ޔާމީން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ހޯދުމަށްޓަކައި، އެ މައްސަލައިގެ އެންމެހައި ލިޔެކިޔުންތައް މީރާއަށް އިއްޔެ ފޮނުވާފައިވާ ކަމަށެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނު ގެ 188 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން، ދައުވާލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެގެން ކޯޓުން އޭނާގެ މައްޗަށް ކުރާ ހުކުމުގައިވާ އަދަބަކީ ޖޫރިމަނާކުރުން ކަމުގައިވާނަމަ އެ ހުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މީރާއަށް އެ ޖޫރިމަނާގެ ފައިސާ ދައްކަންވާނެ ކަމަށް ވަނީ ބުނެފަ އެވެ.
ޖޫރިމަނާ ނުދައްކައިފިނަމަ ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެ ފައިސާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން އަމަލުކުރާ އުސޫލުން އެ ފައިސާ ދައުލަތަށް ނަގަންވާނެ ކަމަށް ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވަނީ ބުނެފަ އެވެ.