ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި ކޮރަޕްޝަންގެ އިތުރު ކުށްތައް ހިމެނުމަށްޓަކައި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެފި އެވެ.
އޭޖީ އޮފީހުން ބުނީ ނުޙައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށަކީ ދައުލަތުގެ މުވައްޒަފުންނަށް ލިބެމުންދާ ހުއްދަ އާމްދަނީގެ ވަސީލަތްތަކާއި އެ ވަސީލަތްތަކުން އުފައްދައިދޭ އާމްދަނީގެ މިންވަރާ އަޅާބަލާއިރު އެމީހުންނަށް ނުހޯދޭނެ ނުވަތަ ހޯދުން އެކަށީގެންނުވާ ނުވަތަ ހޯދުނުގޮތް ބަޔާންކޮށްނުދެވޭ މުދަލާއި ފައިސާ ހޯދައި ލިބިގަތުން ހުއްޓުވުމަށްޓަކައި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ މީހުން އެކުށް ކުރާ ހާލަތުގައި ލިބޭ އަދަބުގެ ދަރަޖަ މަތިކުރުމަށްޓަކައި ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.
ސަރުކާރުން މިފަދަ ބިލެއް ހުށަހެޅުމުގެ ބޭނުމަކީ ކޮރަޕްޝަންގެ އަމަލުތައް ހިންގުން އިތުރުވެ އެފަދަ އަމަލުތައް ހިންގަމުންދާ ގޮތް ބަދަލުވެ، ޒަމާނީ ވަމުންދާ ދަނޑިވަޅެއްގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ކޮރަޕްޝަންގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްކުށަކީ ޒަމާނާ ނުބައްދަލު ކުށްތަކެއް ކަމުގައިވާތީ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ ކޮރަޕްޝަނާގުޅޭ މުއާހަދާއަށްވެސް ރިއާޔަތްކުރުމާއެކު، ކޮރަޕްޝަންގެ ކުށްތައް މިޒަމާނަށް ފެތޭގޮތަށް ބަދަލުކޮށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި އެ ކުށްތައް ހިމެނުމަށްޓަކައި ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އަލަށް އިތުރުކުރުމަށް ހުށަހަޅާ ކުށްތަކަކީ ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށާއި ނުފޫޒުން ވިޔަފާރިކުރުމުގެ ކުށާއި ބޭރު ދައުލަތެއްގެ ނުވަތަ ބައިނަލްއަގްވާމީ ޖަމިއްޔާއެއްގެ މުވައްޒަފަކަށް ރިޝްވަތު ދިނުމުގެ ކުށެވެ.
އަދި ރިޝްވަތު ދިނުމާއި ހިފުމުގެ ކުށުގެ ގޮތުގައި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި މިހާރު އެކުލެވޭ ކުށް އިސްލާހުކުރުމަށްވެސް ހުށަހަޅާފައިވެއެވެ.