އާންމުކޮށް ގޭތެރެއިގައި ގެންގުޅޭ އަދި ބޭނުންކުރާ ތަކެތި ދޮވެ ސާފުކޮށް ބެލެހެއްޓުމުގެ ބަދަލު ހަމަ އެކަނި ގިނައިން ދޮވެވެނީ އަންނައުނު ފަދަ ތަކެއްޗެވެ.
ނަމަވެސް ބާލީސް، މޮޕް، ބެއާރ، ފައި ފުހި ފަދަ ތަކެއްޗަކީވެސް ހަމަ ފައްސޭހަ ކަމާއެކު މެޝިނުންވެސް ދޮވެލެވިދާނެ ތަކެއްޗެވެ.
އާއްމުކޮށް އެންމެންވެސް ބާލީހު އުރަ އަަދި ބެޑްޝީޓް ފަދަ ތަކެތި ދޮވެ ސާފުކުރެ އެވެ. ނަމަވެސް ބާލީސް ދޮންނަން ހިތަށް އަރަނީ މަދު ބަޔެކެވެ. ނަމަވެސް އެއްބައި މީހުން ބާލީސް އަވީގައި ޖައްސާލަ އެވެ. ވޭރިއަސް އެކްޕާޓް ބުނާ ގޮތުންނަމަ ކޮންމެ ތިންމަހުން އެއް ފަހަރު ބާލީސްތައް ދޮންނަން ޖެހެއެވެ. ސަބަބީ ބާލީހުގައި ގިނަ އަދަދެއްގެ ބެކްޓީރިއާ އަދި ފަންގަސް އަށަގަންނާތީ އެވެ. މީގެ އިތުރުން ހިރަފުސް، ޑެޑް ސްކިން ސެލް އަދި ހަށިގަނޑުގައި އުފެދޭ ތެލާއި ބޮލުގައި ހުރިހާ އެއްޗެށް ހަރުލާފައި ހުންނަ އެއްޗަކަށް ބާލިސް ވެ އެވެ. ބާލީހަކީ ވެސް ފައްސޭހަ ކަމާއި އެކު މެޝިނުން ދޮވެލެވިދާނެ އެއްޗެކެވެ.
އަހަރެމެން އާންމުކޮށް ބޭނުން ކުރަން ގެންގުޅޭ މޮޕަކީ ދަޑިއާއި ފިހިގަނޑުބައި ވަކި ކޮށްލެވޭ އެއްޗެކެވެ. އެހެން ކަމުން ދެބައި ވަކިކޮށްލުމަށްފަހު މޮޕް ވެސް މެޝިނުން ފައްސޭހަ ކަމާއި އެކު ދޮވެލެވޭނެ އެވެ. ނަމަވެސް ގިނަ މީހުން މޮޕް ހަޑިވުމުން އެއްލާލުމަށްފަހު އާ މޮޕެއް ހޯދަނީ އެވެ. ކޮވިޑްގެ ސަބަބުން ސާފުތާހިރުކަމަށް އިސްކަންދީގެން އުޅެންޖެހިފައިވާ މި ދުވަސްވަރު މެޝިނުން މޮޕްވެސް ސާފުކޮށްލުމަށްފަހު ކޮންމެ ފަހަރަކުވެސް ބޭނުން ކުރުން މުހިންމެވެ.
ބެއާރ ނުވަތަ ކޮޓަން އިން ހަދާފައިހުންނަ ކުޅޭ ތަކެއްޗަކީ ކުޑަކުދިވެސް އެންމެ ގިނައިން އަތްހާކާ އަދި އެކި ތަންތަނަށް އުކާ ހަދާ އެކެވެ. އެހެން ކަމުން މި އެއްޗެސަކީ ދަރިފުޅުގެ ސިއްހަތަށް ވިސްނައި ވަރަށް ސާފުތާހިރުކޮށް ގެންގުޅެން ޖެހޭ ތަކެއްޗެވެ.
ފައިފުއްސަކީ ކޮންމެ ތަނެއްގައި އުޅެފައިވެސް ގެއަށްއައިސް ވަނުމަށްފަހު އެންމެ ފުރަތަމަ ތިމާގެ ފައި ހާކާލެވޭނެ އެޗެވެ. މަދުވެގެން ހަފްތާ އަކު އެއް ފަހަރު ފައި ފުހި ދޮވެ ސާފު ކުރުމަކީ ބެކްޓީރިއާއި ސަލާމަތްވުމަށް ވަރަށް މުހިންމު އާދަ އެކެވެ.
މިއިން ކޮންމެ އެއްޗަކީވެސް އަންނައުނު ދޮންނަ ފަދައިން މެޝިނުން ފައްސޭހަ ކަމާއި އެކު ދޮވެލެވިދާނެ ތަކެޗެވެ. މި ފަދަ ކުދި ކުދި ބަދަލު ތަކަކީވެސް ސިއްހަތަށް ފައިދާ ހުރި ކަންކަމެވެ.