ކުޅުދުއްފުށީ ކުނިކޮށީގެ މައްސަލައަކީ އެއްގޮތަކަށް ވުރެ ގިނަ ގޮތްގޮތުން ރަށަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. އެކަށީގެންވާ ގޮތުގައި ކުނި މެނޭޖުކުރެވޭނެ ގޮތެއް ނެތް އިރު އެންމެ އެދެވޭ ގޮތުގައި ކުނިކޮށި ބަލަހައްޓަމުން ނުދިއުމަކީވެސް ރައްޔިތުން ކަންބޮޑުވާ ސިއްހީ މައްސަލައެއްވެސް މެއެވެ.
ކުޅުދުއްފުށީގައި ކުނި މެނޭޖު ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދޭނެ ކަމަށް މިދިޔަ ސަރުކާރުތަކުންވެސް ބުނެފައިފައިވާއިރު އަދިވެސް މި މައްސަލައަށް ހައްލެއް ލިބޭނެކަމުގެ ކޮޅުމައްޗެއް ނުފެނެއެވެ. ކަން މިހެން އޮތްއިރު ހިތާމައަކީ ރަށުގައި އުޅޭ ރައްޔިތުންވެސް އެމީހުން ޒިންމާ އެންމެ އެކަށީގެންވާ ގޮތަށް އަދާނުކުރުމެވެ.
މިއީ ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. ކުނިކޮށީގެ 3 ސަރަހައްދަކުން ވަދެ ކުނިއަޅާއިރު ގިނަ ފަހަރު ފެނިގެން ދަނީ ކުނިކޮށި އެތެރެއަށް ކުނި އެޅުމުގެ ބަދަލުގައި ސައިލަކުގައި ގޮސް ކުނި ކޮތަޅު އެ ހުރި ހިސާބަކުން އެތެރެއަށް އެއްލާލާތަނެވެ. ބައެއް ފަހަރު ރަށު ޕިކަޕްތަކުންވެސް މިހެން އަމަލުކުރާތަން ފެނެ އެވެ. ގިނަ ފަހަރު މިގޮތަށް އެއްލާލާއިރު ކުނިކޮތަޅު އޮންނަނީ އެތެރެއަށް ވަންނަ ހަދާފައިވާ މަގުގައެވެ.
މިގޮތަށް ކަންތައް ކުރުމުގެ ސަބަބުން ދެން ކުނި އުކާލަން އަންނަ ފަރާތްތަކުން ކުނިކޮށީގެ އެތެރެއަށް ވަނުމުގެ ބަދަލުގައި ދޮރުމައްޗަށް ކުނި އެތި އަޅާލައި ތަން ފެނެއެވެ. މިގޮތަށް ކުނިތައް އަޅާލުން މަގުން ބަންދުވެ ވެހިކަލްތައް ދަތުރުކުރަން އުދަނގުވާވަރަށް ބައެއް ދުވަސްތަކުގައި ކުނިތައް މަގަށް އެޅިފައި އޮވެއެވެ. އޭގެ ސަބަބުން މުޅި މަގުމަތިވެސް އޮންނަނީ މެހިން ފުރިފައެވެ.
މިއީ ހަމައެކަނި މަގު ބޭނުން ކުރާމީހުންނަ ދިމާވާނެ މައްސަލައެއް ނޫނެވެ. މިއީ ސިއްހީ ގޮތުންވެސް ނުރައްކާތެރިކަމެކެވެ. ކުނި ކޮށީގެ މައްސަލަތައް ފެންމަތިވާ ކޮންމެ ފަހަރަކު ރަށު ކައުންސިލަށާއި ކުޅުދުއްފުށީ ކުނިކޮށި މެނޭޖުކުރުމަށް ހަވާލުކޮށްފައިވާ ފެނަކައަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވާއިރު ވިސްނާލަން ޖެހޭ ކަމަކީ ކުނި މެނޭޖުކުރުމަށް ރައްޔިތުންގެވެސް މުހިއްމު ދައުރެއް އެބައޮތްކަމެވެ.
ކުނިކޮށި މެނޭޖުކުރުމަށް ފެނަކާއާއި ހަވާލުކޮށްފައިވާ ނަމަވެސް އެކަމަށް އެކަށީގެންވާ ބަޖެޓެއް ސަރުކާރުން ހަމަޖައްސައިދީފައެއް ނުވެއެވެ. އެހެންވެ އެކަން އެންމެ ރަނގަޅަށް ނުކުރެވެ އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ ކުނިކޮށި އެތެރެއަށް ވަދެވެން ނޯންނަ މައްސަލައާއި ބޭރަށް ކުނިއަޅާފައި އޮންނަ މައްސަލައަކީ ކައުންސިލަށް ވަރަށް ގިނައިން ލިބޭ ޝަކުވާއެއްކަމަށެވެ. ބައެއް ރައްޔިތުން މަގު ބެދޭގޮތަށް ކުނިއަޅާ މައްސަލައިގެ ޝަކުވާ ކައުންސިލަށް ލިބޭކަންވެސް ލަތީފް ފާހަގަ ކުރެއްވި އެވެ.
ތަން ބަލަހައްޓަމުންދާ ފަރާތްކަށްވެސް އެކަށީގެންވާ ގޮތުގައި ކަންކަން ބެލެހެއްޓެމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުނިކޮށި މެނޭޖުކުރުމަށް ހަވާލުކޮށްފައިވާ ފެނަކައަށް މި މަސައްކަތް ބެލުމަށް ދީފައިވާ ބަޖެޓުގެ ކުޑަކަން ކަމަށާއި 5 ލައްކާ ރުފިޔާގެ ބަޖެޓަކުން ކުޅުދުއްފުށި ފަދަ ބޮޑުރަށެއްގެ ކުނިކޮށި މެނޭޖުކުރުމަކީ ދަތި ކަމެއްކަމަށް ގަބޫލު ކުރައްވާކަމަށް ލަތީފް ވިދާޅުވިއެވެ.
އާންމުކޮށް ކުނި މެނޭޖުކުރަމުން އަންނަނީ ކުނި ވަޅުލައިގެން ނުވަތަ އަންދައިގެންނެވެ. ކުނި އަންދާ ދުވަސްތަކުގައި މުޅި އެހިސާބުގައި ދުން ބޯވުމުގެ މައްސަލަައަކީ އެހިސާބުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިފާ ވަރަށް ބޮޑު މައްސަލައެކެވެ. އަދި ގިނަ ދަރިވަރުންތަކެއް ތައުލީމް ހާސިލް ކުރާ ސްކޫލެއްވެސް އެހިސާބުގައި އޮންނަ އިރު ދުމުގެ ސަބަބުން ގިނަ ބަޔަކު މިވަނި ސިއްހީ ނުރައްކަލަށް ހުށައެޅިފައެވެ. ގިނަ ފަހަރު އެތަނަށް ކުނި އުކާލަންދާ ފަރާތްތަކުންވެސް ކުނިތަކުގައި ރޯ ކުރާ ކަމުގެ ޝަކުވާއަކީވެސް އާންމުކަމެކެވެ.
އެކަށީގެންވާ ގޮތުގައި ކުނިމެނޭޖް ކުރެވޭނެ ގޮތެއް ހަމަޖެހިފައި ނުވާއިރު ކުނި އުކާލަންދާ ފަރާތްތަކުން އެމީހުންގެ ފަރުދީ ޒިންމާ އަދާނުކުރުމަކީ އިތުރަށް މި މައްސަލައަށް އެމުނިގެންދާ ބޮޅެކެވެ. އަދި އެކަމުން ގިނަ ބަޔަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.