ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާ ގުޅޭގޮތުން އޮޑިޓް އޮފީހުން އާންމުކުރި ރިޕޯޓު، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރަން ނިންމައިފި އެވެ.
އޮޑިޓް ރިޕޯޓް ދިރާސާ ކުރަން ނިންމާފައިވަނީ
ކޮވިޑް-19 ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުން ކަންބޮޑުވާ ބައެއް ކަންކަން ފާހަގަކުރެވޭތީ ކަމަށް ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރި ހަރަދުތަކާ ގުޅިގެން މިދިޔަ ހަފުތާގައި ނެރުނު ކޮމްޕްލަޔަންސް އޮޑިޓްގައި ބުނީ މިދިޔަ ޖެނުއަރީން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީގެ ޓްރަސްޓް ފަންޑުން އެ މިނިސްޓްރީގެ މެންޑޭޓުގައި ނުހިމެނޭ ގިނަ ކަންތައްތަކަށް 26 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން، ވިލިވަރުގައި ކަރަންޓީން ފެސިލިޓީއެއް ހަދަން ބިޑް ކޮމިޓީން މަސައްކަތް ހަވާލު ކުރާނެ ބައެއް ނުނިންމަނީސް، އެ މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރުމާއި މަހަކަށް ގެނައި މެޑިކަލް ޓީމަށް 7.9 މިލިއަން ރުފިޔާ ހަރަދުކުރުން ފަދަ ބޮޑެތި މައްސަލަތައް އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.
ހެލްތު މިނިސްޓްރީގެ ހަރަދުތަކާ ގުޅިގެން ކޮށްފައިވާ ކޮމްޕްލަޔަންސް އޮޑިޓްގައިވާ ގޮތުން ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ދުބާއީގެ ކުންފުންޏަކާ 75 ވެންޓިލޭޓަރުގެ ގެންނަން ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފައާ އެކު ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވިޔަސް އެ ކުންފުންޏާ އެކު ހިންގާފައިވާ މުއާމަލާތަކީ މުޅިން ވެސް މަކަރާއި ހީލަތްކަން މިއަދު އާންމުކުރި އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފަ އެވެ.
އެ ރިޕޯޓުން ފާހަގަވި އެންމެ ބޮޑު މައްސަލައަކީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ 34 މިލިއަން ރުފިޔާ އަށް ހަވާލުކޮށް، ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައި ވުމެވެ.