ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ހަރަދު ކުރި ގޮތާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުގައި ބޮޑެތި ވައްކަމާއި، ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީގެ ލީޑަރުންކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
މިއަދު ކުރިއަށް ދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ޖާބިރު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ވެރިކަން ދިނީ ކޯލިޝަން ސަރުކާރަކަށް ނޫންކަމަށާއި މިކަންކަން ހިނގާދިޔައިރު ރައީސުލް ޖުމްހޫރިއްޔާގެ ޒިންމާ ކޮބާތޯ ސުވާލުކުރެއްވި އެވެ.
އަދި މިހާރުން މިހާރަށް ސަރުކާރު އެއްކޮށް އިސްތިއުފާ ދެއްވުމަށާއި ރައްޔިތުން ނުކުމެ ސަރުކާރު ބޭލުމަށްވެސް ޖާބިރު ގޮވާލެއްވި އެވެ. މި ސަރުކާރު ވަނީ ފެއިލް ވެފަކަމަށާއި ރައްޔިތުންނަށް އޮޅުވާލައިގެން، ވައްކަމާއި ކޮރަޕްޝަން ނުހިނގާނެކަމަށް ބުނެ މިހާރުވެސް ވައްކަން ކުރަމުންދާ މީހުން ތިބީ ސަރުކާރުގައި ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
މިފަދަ ހާލަތެއްގައި ރައްޔިތުންގެ ހަޒާނާއިން ވައްކަން ކުރާއިރު ރައްޔިތުންނަށް ނިކަމެތިކަން ލިބިފައިވާ މިފަދަ ދަނޑިވަޅެއްގައި މި ސަރުކާރަށް ރާއްޖެ ހިންގަން ނޭގުނުކަމަށާއި މިއީ މި ސަރުކާރުން ވަގުތުން ވަގުތަށް އިސްތިއުފާ ދޭން ޖެހޭކަމެއްކަމަށް ޖާބިރު ވިދާޅުވިއެވެ. ތަކުރާރުކޮށް ޖާބިރު ވަނީ އެމްޑީޕީއާއި ސަރުކާރު ފެއިލް ވެފައިވާކަމަށް ވިދާޅުވެފައެވެ.
ގާނޫނީ އިމުގެ ތެރެއިން މަޖިލީހަށް ސަރުކާރު ބޭލޭނެ ކަމަށާއި ރާއްޖޭގައި ހަދަން ވީ ކޮވިޑް ފެސިލިޓީ ނޫންކަމަށާއި ވައްކަން ކުރާމީހުން ރިހިބިލިޓޭޑްކުރާ ސެންޓަރެއްކަމަށް ޖާބިރު ވިދާޅުވި އެވެ.