ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް، ދިވެހި ރައްޔިތުން ގެއަށް ވައްދާފައި ގައިދުރުކޮށް ތިބެ އަތްދޮންނަށް ވިދާޅުވެ ފެންނިގެން މި ދިޔައީ މުޅި ދައުލަތް "ދޮވެލިތައް" ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދައި އެ އޮޑިޓާ ގުޅޭ ގޮތުން އޮޑިޓަރ ޖެނެރަލް އާންމު ކުރެއްވި ދެ ރިޕޯޓުގައި އެ ދެ މިނިސްޓްރީވެސް ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ހާމަކޮށްފައިވާއިރު، އެކަމާ ގުޅިގެން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ހުށައެޅި ކުއްލި މައްސަލާގައި ވާހަކަ ދައްކަވަމުން، ޝިޔާމް ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް، ދިވެހި ރައްޔިތުން ގެއަށް ވައްދާފައި ގައިދުރުކޮށް ތިބެ އަތްދޮންނަށް ވިދާޅުވެ މި ފެނުނީ މުޅި ދައުލަތް ދޮވެލިތައްކަމަށެވެ.
"ރައްޔިތުން އަތްދޮންނަ ވައްދާފައި މުޅި ދައުލަތް ދޮވެލީ. ވަޒީރުތަކެއްގެ މައްސަލަތަކެއް މިއައީ ދެ ކޮމްޕްލެއިންސް އޮޑިޓެއް ހެދިގެން." ޝިޔާމް ވިދާޅުވި އެވެ.
ހެލްތް މިނިސްޓްރީގެ އިތުރުން ފިނޭންސް މިނިސްޓްރީގެ މައްސަލަތަކެއްވެސް މިކަމުގައި އެބައޮތް ކަމަށާއި އަދި ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓަކާއި ޕްލޭނިންގ މިނިސްޓްރީގެ އޮޑޓެއްވެސް އެބައޮތް ކަމަށް ޝިޔާމް ވިދާޅުވީ އެވެ. އޭގެ ތެރެއިން ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި އިންތިހާއަށް ވައްކަންތައް ހިންގާފައި އެބައޮތް ކަމަށާއި އެ ރިޕޯޓް ހާމަކުރެވޭނެ ގޮތެއް މަޖިލިސް ރައީސް ހޯދަވައިދެއްވުމަށް ޝިޔާމް އެދިވަޑައިގެންނެވެ.
"މި މަޖިލީހުން މިކަންތައްތައް ބަލައްވާތީ ކޮންމެވެސް ވަރެއްގެ ތަސައްލީ ރައްޔިތުންނަށް ލިބޭ އެކަމަކު ރައްޔިތުން ތިބީ ވަރަށް ނިކަތި ހާލަތުގައި، މި ނިކަމެތި އުނދަގޫ ހާލަތުގައި ތިއްބަ އަޅުގަނޑުމެންނަށް މިފެންނަނީ މިކަހަލަ ބޮޑެތި ޒަރީމާ ހިންގާތީ." ޝިޔާމް ވިދާޅުވި އެވެ.
ކޮވިޑްގެ އެންމެ އުނދަގޫ ހާލަތުގައިވެސް މި މަޖިލިސް ހުއްޓާނުލައި މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދަން ނަޝީދު ނިންމެވި ނިންމެވަށް ވަރަށް ބޮޑަށް ތާއިދުކުރައްވައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، އޭރުވެސް މަޖިލިސް ކުރިއަށްގެންދާތީ އެކަމާ ގުޅިގެން ސަރުކާރުން ވަރަށް އުނދަގޫ ކުރި ކަމަށާއި ސަރުކާރުން ކުރަމުންދިޔަ ކަންތައްތަކަށް ހުރަސް އަޅަމުންދިޔަ ކަމަށެވެ.