twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ނޭކުރެންދޫ ކައުންސިލްގެ ރަސްމީ ލިޔުންތަކުގައި "ސޭވްނޭކުރެންދޫކަނޑޫފާ" ހޭޝްޓެގް ބޭނުންކުރަނީ

ޚަދީޖާ އާދަމް
Aug 20, 2020
1

ރާއްޖެގެ އެންމެ ބޮޑު ކަނޑޫފާ ކަމަށްވާ ނޭކުރެންދޫ ކަނޑޫގާ މަރުވަމުންދާތީ އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ނޭކުރެންދޫ ކައުންސިލްގެ ރަސްމީ ލިއުންތަކުގައި "ސޭވްނޭކުރެންދޫކަނޑޫފާ" ހޭޝްޓެގް ބޭނުން ކުރަން އެކައުންސިލުން ނިންމައިފި އެވެ.

ހޭޝްޓެގް ބޭނުން ކުރަން ނިންމި ނިންމުމަކީ ކައުންސިލްގެ މުވައްޒަފަކު ދިން ހިޔާލަކާއެކު ކަމަށް "ކޭއޯ"އަށް މައުލޫމާތުދެމުން އެ ކައުންސިލްގެ ރައީސް އަލީ އާދަމް ވިދާޅުވި އެވެ.

ނޭކުރެންދޫ ކުޅިއާއެކު ކަނޑޫފާ ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު 25 ވަނަ ދުވަހު ހިމާޔަތްކޮށްފައިވާ ތަނެއްކަމުގައި މި ސަރުކާރުން ނިންމާފައެވެ.

އެރަށު ކަނޑޫފާގެ ބޮޑު ސަރަހައްދެއް މި އަހަރުގެ މެދުތެރޭގައި މަރުވާން ފެށުމުން ދިމާވެފައިވާ މައްސަލަ ބެލުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ދިރާސާއެއްވެސް ވަނީ ހަދާފައެވެ. އެ ދިރާސާއަށް ފަހު ގަސް މަރުވެފައިވާ ސަރަހައްދު، ގަހުގެ މޫތައް، ތޮށިގަނޑުގެ ދޭތެރެ އަދި ލަކުޑިގަނޑު ބަލާބެލުމުގެ ތެރޭގައި އެކި ގޮތްގޮތުން ގަސް ހެދި ބޮޑުވުމަށް ހުރަސް އެޅިދާނެ ގާބިލްކަން ހުރި ދެ ވައްތަރެއްގެ ފަނި ފަކްސާއެއް ފެނިފައިވާކަމަށެވެ.

ކައުންސިލްގެ ރައީސް އަލީ އާދަމް ވިދާޅުވީ ދިރާސާއާއި ބެހޭގޮތުން އިތުރު މައުލޫމާތު އެއްވެސް އިދާރާއަކުން ކައުންސިލާ ހިއްސާކޮށްފައި ނުވާކަމަށާއި ކަނޑޫފާ ހިމާޔަތް ކުރުމަށް ކައުންސިލުން މަސައްކަތް ކުރަންވީ ގޮތްތެއްވެސް މިނިސްޓްރީންވެސް ހިއްސާނުކުރާކަމަށެވެ.

މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަން ފާހަގަކޮށް އަލީ އާދަމް ވިދާޅުވީ މިހާރުވެސް އިތުރު ގަސްތައް މަރުވަމުންދާކަމަށެވެ. ފުރަތަމަ ގަސްތައް މަރުވާން ފެށުމުން ކައުންސިލުގެ އަމިއްލަ އިސްނެގުމާއެކު ސޭވް މޯލްޑިވްސް އާއި ގުޅިގެންވެސް ދިރާސާތަކެއް ކުރެވިފައިވާ ކަމަށާއި އެހެންނަމަވެސް އެ ދިރާސާތަކުގެ ނަތީޖާ އަދި ލިބިފައިނުވާކަމަށެވެ. އެހެން ނަމަވެސް ސޭވް މޯލްޑިވްސްއާއި ގުޅިގެން ކަނޑޫފާ މަރުވާ މައްސަލައަށް ހައްލެއް ހޯދުމަށް މިހާރުވެސް މަޝްވަރާ ކުރެވެމުންދާކަން އަލީ އާދަމް ފާހަގަކުރެއްވި އެވެ.

ނޭކުރެންދޫގެ އިތުރުން ހއ ކެލާ ކަނޑޫފަލަށް ވެސް ވަނީ މި މައްސަލަ ދިމާވެފައެވެ. އަދި ނޭކުރެންދޫގެ ކަނޑުފަލާއެކު އެރަށުގެ ކަނޑޫފާ މަރުވާ ސަބަބު ހޯދުމަށްވެސް ވަނީ ދިރާސާކޮށްފައެވެ. މި ދެ ރަށުގެ ކަނޑޫފާ ހިމެނެނީ ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާތަކުގެ ތެރޭގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355