twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުމުންދޫ ނެރުމައްޗަށް ބިންދާލައި ބޮޑެތި ރާޅުތައް، ލަފާފުރުމަށް އޮތް ބިރެއް!

އަބްދުލް ވާހިދު ޙަސަން
Aug 24, 2020
1

ކުޅުދުއްފުށިން ފުރައިގެން ސްޕީޑް ލޯންޗެއްގައި ގާތްގަނޑަށް ދިހަ މިނެޓުން ދެވޭ ކައިރީގައި އޮންނަ ކުމުންދޫއަކީ ބިމުގެ ގޮތުން ތަނަވަސް، ގަސްބޯ ފެހި ރަށެކެވެ. މާބޮޑެތި އުމްރާނީ ތަރައްގީތަކެއް ފެންނަށް ނެތްކަމުގައިވިޔަސް މިރަށުގެ ރައްޔިތުންނަކީ ފުދިގެން އުޅޭ ތަނަވަސް ރައްޔިތުންތަކެއް ދިރިއުޅެމުންދާ ރަށެކެވެ. އެކަމަކު ރަށަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ލަފާފުރުމުގެ ދައްޗެވެ.

ރަށަކީ ގާމަތި ރަށެއްކަމުން ޒަމާނުންސުރެ ލަފާފުރަމުން ގޮސްފައިވަނީ ވަރަށް ބޮޑެތި އުނދަގޫތަކާއި ނުރައްކަލާއެކު އެވެ. އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން 2008 ވަނަ އަހަރުގެ ތެރޭގައި ކުމުންދޫގައި ބަނދަރު ހެދުމުގެ މަސައްކަތް ފެށި އެވެ. ހެވީލޯޑް ކުންފުންޏާ ހަވާލުކޮށްގެން ބަނދަރުގެ މަޝްރޫއު ފުރަތަމަ ފެށީ 200-300 ފޫޓްގެ ބަނދަރެކެވެ. ނަމަވެސް އެ އަހަރުގެ ޑިސެމްބަރުމަހު ބަނދަރު ބޮޑުކުރަން ނިންމާ 500-250 ފޫޓްގެ ބަނދަރެއް ހައްދަން ފެށި އެވެ.

ކުމުންދޫ ބަންދަރު ހަދާފައިވަނީ ރަށުގެ ރާޅުބޮޑު ސަރަހައްދެއްކަމުން އޭރުވެސް ބަނދަރު ހެދިއިރު ހުރި ކަންބޮޑުވުންތައް ރަށު އޮފީހުން ދިޔައީ ސަރުކާރުގެ ސަމާލުކަމަށް ގެންނަމުންނެވެ. އެގޮތުން އެކަށީގެންވާ ގޮތުގައި ބަނދަރު ބޭނުން ހިފުމަށް ނެރުގެ އުތުރު ފައިކަށީގައި ކަނޑުތޮއްޓާ ހަމައަށް ބޮޑު ހިލަ ޖެއްސުމަކީ މުހިންމުކަމެއްކަން ފާހަގަކޮށް އެރަށު އޮފީހުން މިނިސްޓްރީއަށް ވަނީ ސިޓީ ފޮނުވާފައި އެވެ.

124 ފޫޓަށް ބޮޑު ހިލަ ޖައްސަން ނިންމާފައިވާ ނިންމުން ބަދަލުކޮށް ކަނޑުތޮއްޓާ ހަމައަށް ދަމާލުމަށް ރަށު އޮފީހުން އޭރު އެދުނީ އެކަން އެގޮތަށް ނުހަދައިފިނަމަ ނެރުމަތި ގަދަވެ ހިތާމަވެރި ހާދިސާތައް ހިނގާދާނެތީ އެވެ. އެކަމަކު އެމަޝްރޫއު ނިންމާލީ އޮފީހުން އެދުނު ކަންތައް ފުރިހަމަކޮށްނުދީ އެވެ. 12 މިލިއަން ރުފިޔާއިން ފެށި އެ މަޝްރޫއު ނިންމާލީ 2010 ވަނަ އަހަރުގެ ތެރޭގައި އެވެ.

ބަނދަރުގެ މަސައްކަތް ނިންމާ ބޭނުންކުރަން ފެށިތާ މާގިނަ ދުވަހެއް ނުވަނީސް، ރަށު އޮފީހުން ލަފާކުރި ގޮތަށް ހިތާމަވެރި ހާދިސާތައް ވަނީ ހިންގަން ފަށާފައި އެވެ. ކުމުންދޫ ކައުންސިލުން މައުލޫމާތު ދޭގޮތުގައި 2008 އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް އެރަށުގެ ނެރުމައްޗަށް އެކި ފަހަރު މަތިން 15 ވަރަކަށް އުޅަނދު އަރައި ވަނީ ގެއްލުން ލިބިފައި އެވެ. ބައެއް އުޅަނދުފަހަރު ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި އެވެ.

މިހެން ދިމާވަނީ އެސަރަހައްދަކީ ރާޅުބޮޑު ސަރަހައްދެއްކަމުން ނެރާ ހަމައަށް ބޮޑު ހިލަ ޖައްސާފައިނުވާތީ އާއި ބޭރުތޮށި ތިރިވުމުންކަމަށް އެރަށު ކައުންސިލުން ބުނެ އެވެ. ކައުންސިލުން ބުނީ ބޭރު ތޮށި ޖަހާފައިވަނީ އެއްވެސް ވަރެއްގެ ސާވޭއެއް ކުރުމެއް ނެތި ކަމަށެވެ. އެކަމާ އޭރުގެ ކައުންސިލުން ޝަކުވާކުރުމުން ބުނެފައިވަނީ އޭރު ބަނދަރު ބޭރު ތޮށީގައި ހިލަ ޖަހާފައިވާ މިނަކީ އާންމުކޮށް ބަނދަރުތަކުގައި ހިލަ ޖެހުމަށް ގެންގުޅޭ މިންގަނޑު ކަމަށެވެ.

ކުމުންދޫ ނެރަކީ ކޮންމެ މޫސުމެއްގައި ވަދެ ނުކުތުމަށް ބިރެކެވެ. އެއްވެސް ވަގުތަކު ރައްކާތެރިކަމެއް ނެތެވެ. އެންމެ މަޑުދުވަސްތަކުގައި ނެރުމައްޗަށް ބޮޑެތި ބިޔަ ރާޅު ބިންދަ އެވެ. ކަނޑުން އަންނަ ރާޅުތައް އެއްވެސް ހުރަހެއް ނެތި ސީދާ ބަނދަރަށް ބިންދަމުންދެ އެވެ. މިކަމުގެ ސަބަބުން ލަފާ ފުރުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ ހިތާމަވެރި އެތަކެއް ހާދިސާތަކެއް ހިންގަމުންދެ އެވެ.

ބަނދަރުގެ މައްސަލަ ހައްލުކުރުމަށް ކައުންސިލުން ކުރި މަސައްކަތުގެ ދަށުން 2014 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްގެން ބޭރު ތޮށީގައި ބޮޑު ހިލަ ޖައްސައި، ނެރު ފައިކަށި ދިގު ކުރެވުނެވެ. އަދި އެއްގަމު ތޮށި ކައިރީ ޕޭމަންޓް ގައު އަތުރައި ބަނދަރުގައި ބައްތި ޖެހި އެވެ. އެކަމަކުވެސް އެފަހަރުވެސް ބަނދަރު އަމާންތަނަކަށް ނުހެދުނެވެ.

ނެރު މައްސަލަ ހައްލުކުރުމަށް މިއަހަރުގެ ބަޖެޓްގައި 5 މިލިއަން ރުފިޔާ ހިމަނާފައިވާއިރު އެ މަސައްކަތުގެ ސާވޭ އާއި އީއައިއޭ ރިޕޯޓް ހެދުމަށް ސީޑީއީ ކޮންސަލްޓިންގ ޕްރައިވެޓް ލިމިޓެޑާ މިއަހަރުގެ މާރޗްމަހުގެ ހަތަރު ވަނަ ދުވަހު ހަވާލުކޮށްފައިވާކަން ޕްލޭނިންގ މިނިސްޓްރީން ކައުންސިލަށް އަންގާފައިވީނަމަވެސް މިއަދާ ހަމައަށް ސާރވޭގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

ކުމުންދޫ ކައުންސިލުން ދެކޭގޮތުގައި އެރަށުގެ ލަފާފުރުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނީ އެހެން ސަރަހައްދެއްގައި ބަނދަރެއް ތަރައްގީކޮށްގެންނެވެ. ކޮންމެ ދުވަހަކު އެތަކެއް ރައްޔިތުންތަކެއްގެ ފުރާނަ އަތް މައްޗަށް ލައިގެން ދަތުރުކުރަން ޖެހިފައިވާއިރު ގަބޫލުކުރަން ޖެހޭ ހަގީގަތްތަކީ ރައްކާތެރިކަމާއެކު އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ގޮތްވެފައި އޮތުމަކީ އަސާސީ ހައްގެއް ކަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355