twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށީ ކައުންސިލް އިދާރާގެ އޮނިގަނޑު ބަދަލުކޮށް ފައިސާއާ ބެހޭ ކަންކަން ހަރުދަނާކުރުމުގެ މަސައްކަތް ފަށައިފި

އަބްދުލް ވާހިދު ޙަސަން
Aug 23, 2020
9

ކުޅުދުއްފުށީ ކައުންސިލް އިދާރާގެ އޮނިގަނޑު ބަދަލުކޮށް ފައިސާއާ ބެހޭ ކަންކަން ހަރުދަނާކުރުމުގެ މަސައްކަތް ކައުންސިލުން ފަށައިފި އެވެ. އެ ކައުންސިލްގެ ފައިސާއާ ބެހޭ ކަންކަމުގައި ގިނަ މައްސަލަތަކެއް ހުރިކަން 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުންވެސް ހާމަވެފައިވެ އެވެ.

އެގޮތުން ފައިސާ ބަލަގަތުމާއި އެ މުއާމަލާތަށް ހިންގަމުންގޮސްފައިވަނީ އެންމެ ރަނގަޅަށް ނޫންކަން ފާހަގަކޮށްފައިވެ އެވެ. އަދި ތިޖޫރި ބަލަހައްޓަމުން ނުދާ ކަމަށާއި އެކަމާ ގުޅުން ހުރި ލިޔެކިޔުންތައް މާލިއްޔަތު ގާނޫނާ ހިލާފަށް ގެންގޮސްފައިވާކަން އެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އެކަމަކު އެ އޮޑިޓްގައި ފާހަގަކޮށްފައިވާ ކަންތައްތައް ރަނގަޅުކޮށް ހަރުދަނާކުރުމަށް މީގެ ކުރިން މާބޮޑު މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ކޭއޯއަށް ވިދާޅުވީ، 2018 ވަނަ އަހަރު އޮޑިޓް ރިޕޯޓުން ފާހަގަކުރެވުނު ކަންތައްތައް ރަނގަޅުކޮށް ހަރުދަނާކުރުމުގެ މަސައްކަތް ފެށިތާ މަސްތަކެއްވެފައިވާ ކަމަށެވެ.

އެކަން ރަނގަޅުނުކޮށް މިހާ ގިނަ ދުވަސްވެފައިވަނީ ކީއްވެތޯ ސުވާލުކުރުމުން އެކަމާ ސީދާ ޖަވާބު ދެއްވުމުގެ ބަދަލުގައި އޭނާ ވިދާޅުވީ، ކަންކަން ކުރެވޭނީ ރަނގަޅު މުވައްޒަފުން ލިބިގެން ކަމަށެވެ. ކައުންސިލަށް މިދިޔަ އަހަރުގެ ފަހު ކޮޅު ވަނީ އާ ޑިރެކްޓަރެއް ގުޅިފައިވާކަން ފާހަގަކުރަމުން ލަތީފް ވިދާޅުވީ، އޭގެ ފަހުން ކައުންސިލްގެ އިދާރީ ގިނަ ކަންތައްތަކެއް ހަރުދަނާކުރަމުންދާ ކަމަށެވެ.

އެގޮތުން ކަމާ ގުޅުން ހުރި ސަރުކާރުގެ މުވައްސަސާތަކާ ގުޅިގެން އެތަނުގެ އެންމެ މުހިންމު އެއް ކަންތައްކަމަށްވާ ފައިސާއާ ބެހޭ ކަންކަން ހަރުދަނާކުރުމުގެ ގޮތުން ކައުންސިލް އިދާރާގެ އޮނިގަނޑު ބަދަލުކޮށް ފިނޭންސް ޔުނިޓެއް މިހާރު ވަނީ އުފައްދާފަ އެވެ. ފައިސާއާ ބެހޭ ކަންތައްތައް ކުރިން ހިންގަމުންގޮސްފައިވަނީ ކޯޕަރޭޓިވްއެފެއާޒްގެ ބައެއްގެ ގޮތުގައި އެވެ.

ކައުންސިލުން ހަތަރު ވަނަ ޔުނިޓެއްގެ ގޮތުގައި ފިނޭންސް ޔުނިޓެއް އުފައްދައި އެ ޔުނިޓް ހިންގުމަށް އެސިސްޓެންޓް ޑިރެކްޓަރު ފެންވަރު މީހަކު ނެގުމަށް މަސައްކަތް ކުރަމުންދާކަމަށް ކައުންސިލުން ބުނެ އެވެ.

އޭނާ ވިދާޅުވީ ފައިސާއާ ބެހޭ ކަންކަން ހަރުދަނާކޮށް ހިދުމަތް ހޯދައި މީހުންނަށް ފަސޭހަކުރުމުގެ ގޮތުން ފައިސާގެ މުއާމަލާތައް ކައުންޓަރުން ލިބޭނެ އިންތިޒާމު ހަމަޖައްސައި، އޮންލައިންކޮށްވެސް ފައިސާ ބަލައިގަތުމުގެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ލަތީފް ވިދާޅުވީ، ފިނޭންސްގެ ކަންތައްތައް ހަރުދަނާކުރުމުގެ ގޮތުން ކުރިއަށްވެސް ކަންތައްތައް ރާވާފައި ހުރި ކަމަށެވެ. އެގޮތުން އޮންލައިން ހިދުމަތް އިތުރަށް ހަރުދަނާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ފައިސާއާ ބެހޭ ކަންތައްތައް ހިންގުމުގައި މައްސަލަތަކެއް ހުރިކަން މީގެ ކުރިން އެ އިދާރާގައި މަސައްކަތްކުރެއްވި ބައެއް މެމްބަރުންވެސް ވަނީ ފާހަގަކުރައްވާފައި އެވެ.

ކުޅުދުއްފުށީގެ އާބާދީއާ އެއްވަރުގެ އާބާދީތައް ހުންނަ އެހެން ރަށްރަށުގެ ކައުންސިލް އިދާރާތަކުގައި ކުޅުދުއްފުށީ ކައުންސިލް އިދާރާ އާއި އަޅާ ބަލައި އިރު އެ ކައުންސިލްތަކުގައި ނިސްބަތުން ވަރަށް ގިނަ މުވައްޒަފުން ތިބެ އެވެ. އެގޮތުން ކުޅުދުއްފުށީ ކައުންސިލް އިދާރާގެ އޮނިގަނޑުގައި 40 މަގާމު ހުރިއިރު މިހާތަނަން ތިބީ 17 މުވައްޒަފުންނެވެ. ފޯއްމުލަކު ސިޓީ ކައުންސިލްގައި 100 އަށްވުރެ ގިނަ މުވައްޒަފުން ތިބޭއިރު އައްޑޫ ސިޓީ ކައުންސިލްގައި 80 މުވައްޒަފުން ތިބެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355