twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ގިނަ ބަޔަކަށް ފުރޮންޓްލައިން އެލަވެންސެއް ނުލިބޭ: ނަޝީދު

އަބްދުލް ވާހިދު ޙަސަން
Aug 24, 2020
1

ކޮވިޑް 19 ގެ ހާލަތުގައި ފުރޮންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސަރުކާރުން އެލަވެންސް ދޭން ނިންމި ނަމަވެސް ގިނައީ އެ އެލަވެންސް ނުލިބޭ ފަރާތްތަކުންކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބުދުﷲ ވިދާޅުވެއްޖެ އެވެ.

ކޮވިޑްގެ ހާލަތާއެކު ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ އެކަމާ ގުޅިގެން މެމްބަރު ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލާގައި ވާހަކަދައްކަވަމުން ވިދާޅުވީ ޕްރަންޓްލައިންގައި މަސައްކަތްކުރައްވައި ބައެއް ޑޮކްޓަރުންނަށް ގެއަށް ކޮވިޑް އެލަވެންސްގެ ގޮތުގައި 94 ހާސް ރުފިޔާ ލިބުނުއިރު އެ އެލަވެންސް އެއްގޮތަށްވެސް ނުލބޭ ފަރާތްތަކުން އެބަތިބި ކަމަށެވެ.

އެގޮތުން ނަޝީދު ވިދާޅުވީ، ފުލުހުންނާއި ސިފައިންގެ އިތުރުން ކޮވިޑްގެ ހާލަތުގައި ފްރޮންޓްލައިންގައި މަސައްކަތްކުރައްވާ އެހެން ބައެއް ފަރާތްތަކަށްވެސް ކޮވިޑް އެލަވެންސް ނުލިބޭކަމަށެވެ. އެންމެން ހަމަހަމައަށް ޝާމިލްވެގެން ކުރާ ކަންތައްތަކުގައި ހުރިހާ އެންމެންނަށްވެސް އެއްހަމައަކުން ފައިދާ ލިބޭނެ ގޮތަކަށް ކަންތައްތައް ރޭވުމަށް ނަޝީދު ވަނީ ސަރުކާރުގައި ގޮވާލައްވާފައި އެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން ކުދި ވިޔަފާރިތައް ވަރަށް ބޮޑަށް ހަލާކުވެފައިވާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، ކުދި ވިޔަފާރިތަކަށް ސަރުކާރުގެ އެއްވެސް އަޅާލުމެއް ނުލިބޭ ކަމަށެވެ. ސަރުކާރުން ކުދި ވިޔަފާރިތަކަށް އެކި ޕެކޭޖްތައް ތައާރަފްކޮށްފައިވީނަމަވެސް އެއިން އެއްވެސް ޕެކޭޖެއް ލިބުނު ވިޔަފާރިވެރިޔެއް ނެތް ކަމަށެވެ.

"އެތަކެއް ބަޔަކަށް ލިޔުން ދީފައި އެބަހުރި ލޯނު ހަމަޖެހިއްޖެކަމަށް އެކަމަކު ލޯނު ފައިސާ ހޯދަން ދިޔާމަ މިބުނަނީ މިތާކު ރުފިޔާއެއް ނެތޭ. ބަޖެޓަކު ލާރިއެއް ނެތޭ. ރާއްޖެއަށް 300 އެތަކެއް މިލިއަން ޑޮލަރެއް ހިލޭ އެހީގެ ގޮތުގައި ލިބުނުއިރު އަދި ދައުލަތުން އެތައް މިލިއަން ރުފިޔާއެއްގެ ބަޖެޓް އިތުރުކުރުމަށްޓަކާ ފާސްކުރެވުނުއިރު. އެކަމަކު އެއިން އެއްވެސް ކަމަކު ރައްޔިތަކަށް ވީ އެއްވެސް ފައިދާއެއް ނެތް. ރައްޔިތުން ލޮކްޑައުންއެއްގައި ބައިތިއްބާގެ ރާއްޖޭގެ ދައުލަތް މިދަނީ އެއްބަޔަކު ކައި ހުސްކުރަމުން." ނޮޅިވަރަމް ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

ރިސޯޓް އޯނަރުންނަށް ކުލި ކަނޑާލައި ލުއިކޮށްދިންއިރު ކުދި ވިޔަފާރިތަކަކީވެސް ޖީއެސްޓީއާއި ދައުލަތަށް ދައްކަން ޖެހޭ އެހެނިހެން ޓެކްސްތައް ދައްކައިގެން ހިންގާ ވިޔަފާރިތަކަށްވީނަމަވެސް ކުދި ވިޔަފާރިތަކަށް ސަރުކާރުން ލުއިދީފައިނުވާކަމަށް ވިދާޅުވެ ނަޝީދު ވަނީ ކަންބޮޑުވުންފާޅުކުރައްވާފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355