ކުކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އެމެޖެންސީގައި ގެންނަ ބަލި މީހުންނަށް ފަރުވާ ދިނުމަށް ރިސަސިޓޭޝަން ރޫމެއް ހުޅުވައިފި އެވެ. މި ރިސަސިޓޭޝަން ރޫމާއެކު އެ ހޮސްޕިޓަލުގެ އެމެޖެންސީން ޑިޕާޓްމެންޓްގެ ހިދުމަތް ފުރިހަމަވެގެންދިޔައީ އެވެ.
މިއަދު 10 ޖެހިއިރު އެކަމަށްޓަކާ އެ ހޮސްޕިޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ރިސަސިޓޭޝަން ރޫމް ހުޅުވައިދެއްވީ ކޭއާރުއެޗުގެ މެނޭޖަރު އަހުމަދު ދާއޫދެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޭއާރުއެޗުގެ ކުލިނިކަލް ހެޑް އަދި އެތެރެހަށީގެ ޑޮކްޓަރު ޑރ މުހައްމަދު ނަޒީފު ވިދާޅުވީ، މިއީ އެމަޖެންސީ ފަރުވާ ދިނުމުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އެހެން ހަރުފަތަކަށް ގެންގޮސްދޭނެ ފަދަ ކުރިއެރުމެއް ކަމަށެވެ. އަދި ހާޓް އެޓޭކް އަދި އެހެނިހެން އެމަޖެންސީގައި ގެނެވޭ ފަރާތްތަކުގެ ފުރާނަ ސަލާމަތް ކުރުމުގައި މިކަމުގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.
އެމެޖެންސީ ވާރޑްގައި ހުޅުވި މި ރިސަސިޓޭޝަންގައި ދެ ބެޑާއެކު ކުރިޓިކަލް ފަރުވާހިދުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ގާއިމުކޮށްފައިވާކަމަށް ޑރ ނަޒީފް ވިދާޅުވި އެވެ. ކުރިއަށް އޮތްތަނުގައި އެމެޖެންސީގައި ގެންނަ ފަރާތްތަކަށް ސީޕީއާރު ފަދަ މުހިންމު ފަރުވާތައް ފުރަތަމަ ދެމުންގެންދާނީ މި ރިސަސިޓޭޝަން ރޫމްގައި އެވެ.
އެމަޖެންސީގައި ގެނެވޭ ބަލި މީހުންނަށް އަވަސް ފަރުވާ ދިނުމަށް ހާއްސަ ކުރެވިފައިވާ ރިސަސިޓޭޝަން ރޫމުގައި އެ ރޫމަށް ބޭނުންވާ އެންމެހާ އާލަތްތަކާއެކު ދެ އެނދު ވަނީ ޤާއިމު ކުރެވި އެވެ. އެގޮތުން ވެންޓިލޭޓަރ، ޑީފިބްރިލޭޓަރ، އެމަޖެންސީ ޓްރޯލީ، ކާޑިއެކް މޮނިޓާސް ފަދަ އާލަތްތައް ވަނީ މި ރޫމުގައި ވަނީ ގާއިމު ކޮށްފަ އެވެ.
މިކަން ކުރުމަށްޓަކާ ހޮސްޕިޓަލުގެ މެނޭޖްމެންޓާއި މުވައްޒަފުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި ޑރ ނަޒީފް ވަނީ އެފަރާތްތަކަށް ޝުކުރު އާދަކުރައްވާފައި އެވެ.
ކޭއާރުއެޗުގެ މެނޭޖަރު އަހުމަދު ދާއޫދު ކޭއޯއަށް ވިދާޅުވީ މި މަސައްކަތަކީ މުވައްޒަފުންގެ އިސް ނެގެވުމުގެ ދަށުން ކުރިއަށް ގެންދެވުނު ޕްރޮޖެކްޓެއް ކަމަށާއި ކޮވިޑް-19 ގެ މި އުދަނގޫ ހާލަތުގެ ތެރެއިން ވެސް މި މުހިއްމު މަސައްކަތް ނިންމާލެވުނީތީ މާﷲ އަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
"އަދި މުހިއްމު މަސައްކަތް ކުރުމަށް އިސް ނެގީތީ ޑރ. ނަޒީފް އަދި ކްލިނިކަލް ޑިވިޒަންއަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން އަދި މި މަސައްކަތް ކުރިއަށް ގެންދިއުމުގައި އެންމެ މުހިއްމު އެއް ރޯލު އަދާ ކޮށްދެއްވި ޓެކްނިކަލް ޓީމަށް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރަން. އަދި މި ފުރުސަތުގައި ހޮސްޕިޓަލުގެ ހިދުމަތްތައް ކުރިއެރުވުމަށް ހޮސްޕިޓަލުގެ އެންމެހާ މުވައްޒަފުން ކުރާ ބުރަ މަސައްކަތަށް ޝުކުރު އަދާ ކުރަން." މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވި އެވެ.
އަދި ކުރިއަށް އޮތްތަނުގައި ވެސް މެދުކެނޑުމެއް ނެތި މިފަދަ ޕްރޮޖެކްޓްތައް ހިންގުމަށް ހޮސްޕިޓަލުން މަސައްކަތް ކުރަމުންދާނެ ކަމަށާއި މުވައްޒަފުންގެ މިފަދަ އިސް ނެގުންތަކަށް އަބަދުވެސް މެނޭޖްމެންޓް އެއްބާރުލުން ދޭނެކަމަށް އަހުމަދު ވިދާޅުވި އެވެ. މިހާރު ކުއްލި ހާލަތުގައި ގެންނަ މީހުންނަށް ފަރުވާދެމުންގެންދަނީ އެމެޖެންސީ ވާރޑްގައި ބާއްވައިގެންނެވެ.