twitterviber whatsapp telegramfacebookyoutube instagram
18th April 2024

ކުޅުދުއްފުށީގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްގީކުރުމަށް ބޭނުންވާ ބިން ހަމަޖައްސައިދީފި

- ޓާޝަރީ ހޮސްޕިޓަލަށް ބިން ދޫކޮށްފައިވަނީ ވެލިގަނޑުން
- ހަމަޖައްސައިދިނީ ސަރުކާރުން އެދުނު ވަރަށްވުރެ ކުޑަ ބިމެއް
- ކައުންސިލް ބުނަނީ ރަށުގައި ހަދާ އިމާރާތްތައް ހަދަން ވަނީ ވީހާވެސް ކުޑަ ބިމެއްގައި އުސްކޮށްކަމަށް

އަބްދުލް ވާހިދު ޙަސަން
Aug 27, 2020
9

ކުޅުދުއްފުށި ސިޓީގައި ތަރައްގީކުރަން ނިންމާފައިވާ ޓާޝަރީ ފެންވަރުގެ ހޮސްޕިޓާ ހަދަން ބޭނުންވާ ބިން ކައުންސިލުން ހަމަޖައްސައިދީފި އެވެ. ކުޅުދުއްފުށި ސިޓީގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްގީކުރުމަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

ޓާޝަރީ ހޮސްޕިޓާ ތަރައްގީ ކުރަން ބޭނުން ބިން ހޯދުމުގެ މަސައްކަތުގެ މަޝްވަރާތައް އެންމެ ފުރަތަމަ ފަށާފައިވަނީ ޖެނުއަރީމަހު އެވެ. އޭރު ސަރުކާރުން އެދިފައިވަނީ އެ ހޮސްޕިޓާ އެޅުމަށް 360000 އަކަފޫޓް ހޯދުމަށެވެ. ނަމަވެސް ކުޅުދުއްފުއްޓަކީ ބިމު ޖާގަ ދަތި ރަށަށް ވާތީ ކައުންސިލުން ސަރުކާރުން އެދުނު އަަދަދަށް ބިން ދިނުމަށް ދެކޮޅު ހެދި އެވެ.

ފަހުން މަޝްވަރާކުރުމަށްފަހު ކައުންސިލުން ނިންމީ 130493 އަކަފޫޓްގެ ބިމެއް ހޮސްޕިޓާ ތަރައްގީކުރުމަށް ދިނުމަށެވެ. އެ ބިން ހަމަޖައްސައިދީފައިވަނީ ހިއްކި ބިމުންނެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ކޭއޯއަށް ވިދާޅުވީ، ކުޅުދުއްފުށީގައި ޓާޝަރީ ހޮސްޕިޓަލެއް ތަރައްގީ ކުރުމަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ވައުދެއްކަމަށް ފާހަގަކުރައްވަމުން ވިދާޅުވީ، އެ ވައުދު ފުއްދުމަށް ބޭނުންވާ ބިން ހަމަޖައްސައިދީ ސަރުކާރުގެ ކަމާ ގުޅުން ހުރި ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.

ކުޅުދުއްފުށިން ބިމެއް ވިއްކާލަން ސަރުކާރުން އުޅޭކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން ލަތީފް ވިދާޅުވީ، ބިން ވިއްކާލަން އުޅޭނަމަ ސަރުކާރުން ފުރަތަމަވެސް ބޭނުންވި އަދަދަށް ބިން ހޯދާނެ ކަމަށާއި އެކަމާ ގޮތެއް ނިންމަން ކައުންސިލްގައި ނޭދޭނެ ކަމަށެވެ. އަދި ކުޅުދުއްފުށިން ބިމެއް ވިއްކާލަން ސަރުކާރުން ނޫޅޭކަމަށް އޭނާ ވިދާޅުވި އެވެ.

ބިން ދެމުންދަނީ ތަރައްގީގެ މަޝްރޫއުތަކަމަށް ލަތީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ސަރުކާރުން ބޭނުންވާހާ ވަރަކަށް ކުޅުދުއްފުށިން ބިން ނުލިބޭނެ ކަމަށާއި އެރަށުގައި އަންނަ ޕްރޮޖެކްޓްތަކުގެ އިމާރާތްތައް ވީހާވެސް ކުޑަ ބިމެއްގައި އުސްކޮށް ތަރައްގީކުރެވޭނެ ގޮތެއް ސަރުކާރުން ހެދުމަށް އެދިލެއްވި އެވެ.

މިހާރު ބޭނުންކުރަމުންދާ ހޮސްޕިޓަލަށްވާނީ ކިހެނެތް ތޯ ސުވާލުކުރުން ލަތީފް ވިދާޅުވީ، އޭރުން އެ ހޮސްޕިޓަލުގެ އިމާރާތް ބޭނުންކުރަނީ ޕްރައިވެޓް ހޮސްޕިޓަލެއް ހިންގުމަށް ކަމަށެވެ.

ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަކީ އަތޮޅުތެރޭގެ އެންމެ ގިނަ ރައްޔިތުން ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެވެ. ރރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓާ ތަރައްގީކުރުމަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355