twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ބަލައި އާދެވޭނެ، އެކަމަކު ރަށަށް އެރުން މަނާ: ކުޅުދުއްފުށި ކައުންސިލް

އަބްދުލް ވާހިދު ޙަސަން
Aug 29, 2020
1

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިތުރު ފަރުވާއަށް މާލެ ފޮނުވާލި ކުއްޖަކު ކޮވިޑަށް ޕޮޒިޓިވުމުގެ ސަބަބުން އެރަށް މޮނިޓަރިންގއަށް ލާފައި އޮތްކަމުގައިވިޔަސް ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ބަލައި ކުޅުދުއްފުއްޓަށް އާދެވޭނެކަމަށް ކައުންސިލުން ހާމަކޮށްފި އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ކޭއޯއަށް ވިދާޅުވީ، ކާބޯތަކެއްޗާއި ޒަރޫރީ އެހެނިހެން ތަކެތި ބަލައި އެހެން ރަށްރަށުން ކުޅުދުއްފުއްޓަށް އާދެވޭނެ ކަމަށާ ނަމަވެސް އެއްވެސް މީހަކަށް ރަށަށް އެރުމުގެ އަދި ފޭބުމުގެ ހުއްދަވެސް ނެތް ކަމަށެވެ.

ފިހާރަތަކަށް އޯޑަރު ދިނުމުން މުދާ ޖެހޭނީ ބަންދަރަށް ގެންގޮސްދޭން ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ކުރިން ކުޅުދުއްފުށި ލޮކްޑައުންކޮށް ކާފިއު ހިންގާފައި އޮތް ދުވަސްތަކުގައިވެސް އަމަލުކުރަމުންގޮސްފައިވަނީ މިހެންނެވެ.

އެކަންތައްތައް ބަލަހައްޓާ ތަންފީޒުކުރުމަށް ބަންދަރުގައި ސެކިއުރިޓީ ޑެސްކް ގާއިމުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި މިރޭ ސެކިއުރިޓީ ޑެސްކް ގާއިމުކުރާނެ ކަމަށެވެ.

ލަތީފް ވިދާޅުވީ، ކޮންމެހެން ނުކުންނަށް ޖެހިގެން ނޫން ގޮތަކަށް ގެއިން ބޭރަށް ނުނިކުތުމާއި ފިހާރަތަކަށް ދިއުމުގައި ގައިދުރުކަމާއި ރައްކާތެރިވުމުގެ ގޮތުން މާސްކް ބޭނުންކުރުމަށް އިލްތިމާސްކޮށްފައި އެވެ. ފިހާރަތަކުންވެސް އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުމުގެ ބަދަލުގައި އޮންލައިންކޮށް ވިޔަފާރިކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އަދި އާންމު ތަންތަނާއި ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަން ނުދިއުމާއި ކޮންމެހެން އެތަންތަނަށް ދާން ޖެހިއްޖެނަމަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަތީފް ވަނީ އިލްތިމާސްކޮށްފަ އެވެ. އޭނާ ވިދާޅުވީ، މޮނިޓަރިންގ ހާލަތުގައި އޮތް ނަމަވެސް މަސްވެރިންނަށް މަހަށް ދެވޭނެ ކަމަށާ އެހެންނަމަވެސް އެހެން ރަށްތަކަށް ގޮސް ނުފޭބޭނެ ކަމަށެވެ.

އުތުރުގެ ގިނަ ރަށްތަކަށް ކާބޯތަކެއްޗާއި ޒަރޫރީ ގިނަ ހިދުމަތްތައް ފޯރުކޮށްދެނީ ކުޅުދުއްފުށިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355