ކުޅުދުއްފުށީ ކޮވިޑް ކޭސްއާ ގުޅިގެން ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަ ކުރެވިގެން ފުރަތަމަ ޓެސްޓު ކުރެވުނު 24 މީހުންގެ ޓެސްޓް ނަތީޖާ ނެގެޓިވް ކަމަށް ދައްކައިފި އެވެ.
ކުޅުދުއްފުށީ ކޭސްއާ ގުޅިގެން ޑައިރެކްޓް ކޮންޓެކްޓްވެފައިވާ 60 މީހެއް މިހާތަނަށް ފާހަގަ ކުރެވިފައިވާއިރު، އޭގެ ތެރެއިން ޓެސްޓްކޮށްފައިވަނީ އެންމެ ބޮޑަށް ކޮންޓެކްޓްވި ފަރާތްތަކެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްގެ ތިން މުވައްޒަފަކުވެސް ހިމެނެ އެވެ. ނަމަވެސް މީގެތެރޭގައި ފުރަތަމަ ޕޮޒިޓިވްވި ކުއްޖާގެ މަންމަ އާއި ބައްޕަ ނުހިމެނެއެވެ. އެމީހުންގެ ސާމްޕަލް މާލެއިން ނަގާފައިވާއިރު، ޓެސްޓްގެ ނަތީޖާ އަދި ނުލިބެއެވެ.
އެ ކުއްޖާއާ އެންމެ ކްލޯޒް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 24 މީހުންގެ ސާމްޕަލް ނެގެޓިވްވެފައިވާއިރު ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަކުރެވުނު މީހުން ދެން އިތުރަށް ޓެސްޓް ނުކުރާނެކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ، ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަކުރެވުނު މީހުން ދެން ޓެސްޓްކުރާނީ ބަލީގެ އަލާމާތެއް ފެނިއްޖެ ހާލަތެއްގައި ކަމަށާއި ޓެސްޓްގެ ނަތީޖާ ނެގެޓިވް މީހުންނާއި، ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަކުރެވުނު ހުރިހާ މީހުންވެސް 14 ދުވަހަށް ހޯމްކަރަންޓީނު ކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.
މި ކޭސްއާ ގުޅިގެން ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް އެއްބާރުލުން ލިބެމުންދާކަން ފާހަގަ ކުރައްވަމުން އަހުމަދު ވިދާޅުވީ، އަދި މި ސާމްޕަލްތައް ނެގެޓިވް ކަމުގައިވިޔަސް ކުރިއަށް އޮތްތަނުގައި ކޮންމެހެން ގެއިން ނުކުންނަށް ވެއްޖެ ހާލަތެއްގައި މެނުވީ ނުކުމެ ނޫޅުމަށް އިލްތިމާސްކުރެއްވި އެވެ. ނުކުންނަށް ޖެހިއްޖެ ނަމަ މާސްކް އަޅައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ނޫނީ ނުނިކުތުމަށް އިލްތިމާސްކުރެއްވި އެވެ.
އަދި މި ވަގުތު ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ މަގު ރަށުގައި ފަހިވެފައި ހުރުމަކީ މިކަމުގައި ލިބުނު ބޮޑު ލުޔެއް ކަމުގައި ހާމަ ކުރި އެވެ. އެހެންނޫންނަމަ ޓެސްޓްތަކުނެ ނަތީޖާތައް ލިބުމުގައި ގިނަ ދުވަސްތަކެއް ހޭދަވެ އެވެ.
އަތޮޅޫތެރޭގެ ހޮސްޕިޓާތަކުގައި ކޮވިޑަށް ޓެސްޓްކުރިނަމަވެސް އެކަން ކުރަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހުއްދަ ލިބޭ ވަރަކުންކަން ފާހަގަކުރެ އެވެ.