ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީގެ ހިދުމަތް އަލުން ފަށައިފި އެވެ. އޯޕީޑީގެ ހިދުމަތް މެދުކަނޑާލީ އެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މާލެ ފޮނުވާލި ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެ، ރަށް މޮނިޓަރިންނަށް ލުމުންނެވެ.
އެ ހޮސްޕިޓަލުން ބުނީ އޯޕީޑީގެ ހިދުމަތްތައް އަލުން ފެށިނަމަވެސް ބޮޑަށް ބާރު އަޅަނީ ގޭގައި ހުރެގެން ޓެލެކޮންސަލްޓޭޝަންގެ ހިދުމަތް ހޯދުމަށް ކަމަށެވެ.
އިއްޔެ މެންދުރުފަހު 15:00 ފެށިގެން އޯޕީޑީ ވަނީ ހުޅުވާލާފައި އެވެ. ކުރިން ލިބެމުން ދިޔަހެން ޓެލެކޮންސަލްޓޭޝަންގެ ހިދުމަތް މިހާރު ވެސް ލިބޭނެ ކަމަށާ ކޮންމެހެން ޒިޔާރަތް ކުރަން ނުޖެހޭނަމަ ގޭގައި ހުރެގެން ޓެލެކޮންސަލްޓޭޝަންގެ ހިދުމަތް ހޯދުމަށް ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައި އެވެ. އަދި ބަލި މީހުން ކައިރިއަށް ޒިޔާރަތް ނުކުރުމަށް ވެސް ވަނީ އެދިފައި އެވެ.
މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ، ބަލި އުޅެދާނެ ކަމަށް ބަލައި އަމިއްލަ އަދި އެހެނިހެން މީހުންހެ ރައްކަލަށްޓަކާ ހޮސްޕިޓަލުގައި އުޅޭ ވަގުތުތަކުގައި އާއި އާންމު ދިރިއުޅުމުގައި ބޭރުގައި އުޅޭ ވަގުތުގައި މާސްކް އެޅުމަށް ނަސޭހަތްތެރިވެލައްވާފައި އެވެ.
"ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ބަލި ފެތުރުނަ ނުދިނުމަށްޓަކައި ކުރުން މުހިއްމު ކަމެއް އަދި އަނެކުންނަށް ކުރެވޭ އިހްތިރާމެެއް. އަޅުގަނޑުމެންގެ އާންމު ދިރިއުޅުން ހުއްޓޭނެ ފަދަ އެންމެހާ ކަންތައްތަކުން ދުރުހެލިވުމަށް ނަސޭހަތްތެރިވަން." އަހްމަދު ދާއޫދު ވިދާޅުވި އެވެ.
ކޭއާރުއެޗުން ބުނެފައި އަމިއްލަ އަދި އެހެނިހެން މީހުންގެ ރައްކާތެރިކަމަށްޓަކާ ހޮސްޕިޓަލަށް ވަދެވޭނީވެސް މާސްކް އަޅައިގެންކަމަށާ އަދި ހޮސްޕިޓަލުގައި އުޅޭ ވަގުތުތަކުގައި މާސްކް ނުނެގުމަށް އެދިފައި އެވެ.