twitterviber whatsapp telegramfacebookyoutube instagram
26th April 2024

މާލީދަތިތަކާ ހެދި އަމީރު އަމީން ސްކޫލް ބަންދުކުރަން ކައުންސިލުން ނިންމައިފި

އަބްދުލް ވާހިދު ޙަސަން
Sep 2, 2020
10

ކޮވިޑް-19 އާ ގުޅިގެން އައި މާލީ ދަތިތަކުގެ ސަބަބުން، ކައުންސިލުން ކުޅުދުއްފުށީގައި ހިންގަމުންދާ ޕްލޭ ސްކޫލްކަމަށްވާ އަމީރު އަމީން ސްކޫލުން ބަންދުކުރަން ނިންމައިފި އެވެ.

ކޮވިޑާ ހެދި ސްކޫލުގެ ކިޔެވުން މާރޗު މެދުކަނޑާލުމަށް، ކިޔެވުން ކުރިއަށް ނުގެންދާ މަސްތަކުގެ ފީ އެއްކޮށް ދެއްކުމަށް ޖުލައިމަހު ކައުންސިލުން އެންގުމުން ގިނަ ބެލެނިވެރިންތަކެއް ދިޔައީ ކަންބޮޑުވުންފާޅުކުރަމުންނެވެ. ސްކޫލު ހިންގަމުންދިޔައީ ކުއްޖަކަށް 350 ރުފިޔާގެ މަގުން ފީ އެއް ނަގަމުންނެވެ. އަދި އެތަނަށް ކޮންމެ މަހަކު ރައްޔިތުންގެ މާލިއްޔަތު ބޮޑު ހޭދައެއްކުރެ އެވެ.

ބެލެނިވެރިންގެ ކަންބޮޑުވުންތަކަށްވީ ކޮވިޑާ ގުޅިގެން އެފަރާތްތަކަށްވެސް މާލީގޮތުން ދަތިތައް ހުރުމުންނެވެ. އެގޮތުން ވަޒީފާ ގެއްލުމާއި މުސާރަ ކުޑަކުރުން ފަދަ ކަންތައްތަކެވެ. އެކަމުގައި ކުލި މާފުކޮށް، ލުއިގޮތަކެއް ހޯދައިދިނުމަށް ބެލެނިވެރިން އެދުމުން އެލްޖީއޭ އާއި ފިނޭންސް މިނިސްޓްރީ އާއި ކައުންސިލުން މަޝްވަރާކުރި އެވެ. އެކަމަކު އެކަމުގައި އެފަރާތްތަކުގެ ހުއްދަ ނުލިބުނުކަން ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ވަނީ މިއަދުގެ ބައްދަލުވުމުގައި ވަނީ ފާހަގަކޮށްފައި އެވެ.

މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ، މިއަދާ ހަމައަށްވެސް ސްކޫލުގެ މުވައްޒަފުންނަށް ބަރާބަރަށް މުސާރަ ދެމުންދިޔައީ ކައުންސިލް މާލިއްޔަތުން ކަމަށެވެ. ކައުންސިލްތަކަކީ ބަޖެޓް ފާސްކޮށް ހަރަދުތައް ކަނޑައެޅިފައިވާ އުސޫލުތަކެއްގެ ތެރެއިން ކުރަން ޖެހިފައިވާ ތަނެއްކަން ފާހަގަކުރައްވަމުން ލަތީފް ވިދާޅުވީ، ބަޖެޓް ނުކުރާކަމަށް، ބެލެނިވެރިން އަތުން ފީ ނުނަގައި ސްކޫލުގެ ހަރަދުތައް ކުރަން ވެއްޖެނަމަ ކައުންސިލްގެ މާލިއްޔަތު އެއްކޮށް އެކަމަށް ހުސްވެދާނެކަމުގެ ބިރު އޮތްކަމަށެވެ.

"އެލްޖީއޭ އާއި ފިނޭންސް އަދި ކަމާ ގުޅުން ހުރި ރަށުގެ މުވައްސަސާތަކާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ކޮންމެވެސް ކަހަލަ ނިންމުމަކާ ހަމައަށް އާދެވިފަ." ލަތީފް ވިދާޅުވި އެވެ.

މިކަމުގައި ދިމާވެދާނެ ގާނޫނީ މައްސަލަތައް ސާފުކުރުމަށް ލޯ ފާރމަކާ މަޝްވަރާކުރެވުނުކަމަށާއި މައްސަލަ ދިރާސާ ކުރުމަށްފަހު ލޯ ފާރމުން ތިން ލަފައެއް ކައުންސިލަށް ދީފައިވެ އެވެ. އެގޮތުން ސްކޫލް ހުއްޓާލުމަށް، ޕްރަވެއިޓްކޮށްގެން ހިންގުމަށް، ސްކޫލު އަލުން ފެށުމަށެވެ.

މިކަންތައްތައް ބެލުމަށްފަހު އަލުން ފެށުމަށް ބަލާއިރު ކޮވިޑްގެ ހާލަތު ނިމެންދެން ފީ ނުނަގައި މުވައްޒަފުންނަށް މުސާރަދީގެން ތިބުމަކީ ކައުންސިލަށް ކުރެވޭނެކަމަކަށްވުރެ ބޮޑު ހަރަދެއް ހިންގާނެ ކަމެއްކަމަށް ލަތީފް ވިދާޅުވި އެވެ.

"މިހާރަށް މިހުރި ކަންތައްތަކަށް ބަލާއިރު ސްކޫލު ހިންގަމުން މިއައި ގޮތަށް ހިންގޭނެ އެއްވެސް މަގެއް އޮތްކަމަށް އަޅުގަނޑުމެންނަކަށް ނުފެނޭ. އެހެންވީމަ ރާއްޖޭގެ އެހެން ބޮޑެތި ސިޓީތަކުގައި އަމަލުކުރަމުންދާ އުސޫލަށް އަމަލުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފާހަގަކުރެވޭ." ޖަލްސާގައި ވާހަކަދައްކަވަމުން ލަތީފް ވިދާޅުވި އެވެ.

މި ބަހުސްގައި ވާހަކަދައްކަވަމުން ކައުންސިލްގެ ނައިބު ރައީސް އަލީ ހާޝިމް ވިދާޅުވީ، މިއީ ވަރަށް ހިތާމަވެރި ދުވަހެއް ކަމަށާއި އެހެންނަމަވެސް މިއަދު މިކަމުގައި އަމަލުކުރެވޭނެ މިނޫން ގޮތެއް ނެތް ކަމަށެވެ. ސްކޫލް ބަންދުނުކޮށް ކުރިއަށްގެންދާ ކަމުގައިވާނަމަ މާލިއްޔަތަށް ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ވެދާނެ ކަމަށެވެ.

ވަރަށް ގިނަ ބެލެނިވެރިން ދަރިން ސްކޫލަށް ގެންދަން އެބަ ބޭނުންވާކަން ފާހަގަކުރައްވަމުން ހާޝިމް ވިދާޅުވީ، އެހެންނަމަވެސް މިވަގުތަށް ބަލާއިރު ސްކޫލް ހުޅުވާނެ ދުވަހެއް ނޭނގޭ ކަމަށާއި ސްކޫލް ހުޅުވޭނެ ދުވަހެއް ނޭނގި މިހެން އޮންނަ ވެއްޖެކަމަށްވާނަމަ މާލިއްޔަތަށް ނުކަތާވަރުގެ ބޮޑު ހޭދައެއްކުރަން ޖެހޭނެކަން އޭނާވެސް ފާހަގަކުރެއްވި އެވެ.

އަދި ސްކޫލު ބަންދުކުރުމަށް ނިންމުމުން ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންތައްތައް ކުރުމަށް އިސްގެނުމަށް އޭނާ ވަނީ އެދިލައްވާފައި އެވެ. ސްކޫލް ޕްރަވެއިޓްކުރުމުގެ ކަންތައްތައް މިވަގުތު ކުރުމުގެ ބަދަލުގައި މިވަގުތަށް އެންމެ މުހިންމު ކަމަކަށްވާނީ ސްކޫލް ބަންދުކުރުމާ ގުޅިގެން އަންނަ ކަން ގާނޫނީ އިމުގެ ތެރެއިން ނިންމާ ހައްލުކުރުން ކަމަށް ހާޝިމް ވިދާޅުވި އެވެ.

އަމީރު އަމީން ސްކޫލަކީ 322 ދަރިވަރުން ތައުލީމް ހާސިލްކުރަމުންދިޔަ ސްކޫލެއް ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން 100 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ސްކޫލުން ވަކިވެފައި އެވެ. އެ ސްކޫލުގައި ކިޔަވަމުންގެންދަނީ ބޭބީ ނާސަރީ އަދި ނާސަރީގެ ދަރިވަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355