ކައުންސިލުން ހިންގަމުންދާ ޕްލޭ ސްކޫލެއްކަމަށްވާ އަމީރު އަމީން ސްކޫލް ބަންދުނުކޮށް ކުރިއަށްގެންދާކަމުގައިވާނަމަ އަހަރަކު 1.5 މިލިއަން ރުފިޔާ ރައްޔިތު މާލިއްޔާއިން ހުސްވެގެންދާނެކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވެއްޖެ އެވެ.
ކޮވިޑްގެ ހާލަތާ ގުޅިގެން ސްކޫލް ބަންދުކޮށް، ކިޔަވައިނުދޭ ދުވަސްތަކުގެ ފީ ދެއްކުމަށް ކައުންސިލުން އެންގުމުން ގިނަ ބެލެނިވެރިންތަކެއް ކަންބޮޑުވެ، ފީ މާފުކޮށްދޭން އެދުނެވެ. އެހެންވެ އެކަމާ ގުޅުން ހުރި ފަރާތްތަކާމެދު ކައުންސިލުން ކުރި މަޝްވަރާތަކުން ލަފާ ދިނީ ކުލި މާފުކޮށް ނުދެވޭނެ ކަމަށެވެ. އެކަމާ ގުޅިގެން ގިނަ ދަރިވަރުންތަކެއް ސްކޫލުން ވަކިވި އެވެ. އެގޮތުން 322 ދަރިވަރުން ތިބި ސްކޫލަކުން 100 އަށްވުރެގިނަ ދަރިވަރުން ވަނީ ވަކިވެފައިއެވެ.
އެކަމާ ހެދި ސްކޫލް ހިންގުމުގައި މާލީ ދަތިތަކެއް ކައުންސިލަށް ވަނީ ކުރިމަތިވެފައި އެވެ. ސްކޫލުން ހިންގަމުންދިޔައީ ކައުންސިލް މާލިއްޔަތުންނާއި ސްކޫލަށް ދަރިވަރުންގެ ފަރާތުން ލިބޭ ފީ އިންނެވެ. އަދި ސްކޫލަށް ޓީޗަރުން އިތުރުކުރަނީ ދަރިވަރުންގެ އެންރޯލްމަންޓަށް ބަލައިގެންނެވެ.
ސްކޫލްގެ ކުރިމަގާ ބެހޭގޮތުން އެ ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމަށް އަންގާރަ ދުވަހުގެ ރޭ ހދ އޭއީސީ ހޯލުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، ކޮވިޑްގެ ހާލަތާ ގުޅިގެން ގިނަ ބެލެނިވެރިންނަށް ފީ ދެއްކުމުގައި ދަތިތަކެއް ދިމާވިކަމަށާއި އެ ހާލަތުގައި ކައުންސިލުން މަސައްކަތްކުރީ ސްކޫލަށް ދެރަގޮތެއް ދިމާނުވެ ޓީޗަރުންނަށް ބަރާބަރަށް މުސާރަ ދިނުމަށް ކަމަށެވެ.
"މިގޮތަށް ކަންތައް ދިމާވީމަ މިވާގޮތަކީ ހުރިހާ ހަރަދެއް ކުރަން މިޖެހެނީ ކައުންސިލަށް. ހުރިހާ މުވައްޒަފުންނަށް މުސާރަދީ ކުރިއަށްގެންދާކަމުގައިވާނަމަ އަހަރަކު ގާތްގަނޑަށް 1.5 މިލިއަން ރުފިޔާ ރައްޔިތުން މާލިއްތުން ހުސްވެގެންދާނެ. މިހާލަތުގައި އޮޑިޓެއް އައިސްފިކަމަށްވާނަމަ ސުވާލު އަންނާނެ މިފަދަ ބޮޑު ހަރަދެއް މުޅި ރައްޔިތުންގެ ފައިސާ އެއްކަމަށް ހުސްވެގެންދާން ދޫކޮށްލެވުނީ ކީއްވެގެންތޯ." ލަތީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 1.5 މިލިއަން ރުފިޔާއަކީ މުޅި ކައުންސިލްގެ ދެ ބައިކުޅަ އެއްބައި ކަމަށާ ދަރިވަރުންނަށް ހިދުމަތެއްވެސް ނުދެވި، ކައުންސިލަށް ލާޒިމުވެސް ނުކުރާ ކަމެއްގައި ހަރަދު ކުރުން އެއީ އެންމެ އިންސާފުވެރިގޮތް ނޫން ކަމަށެވެ.
""އެހެންވީމަ އަޅުގަނޑުމެންނަށް ކޮންހެން މަޖުބޫރުވެއްޖެ މީގައި އެހެން ގޮތްތަކެއް ނިންމަން. މިއިކީ ފަސޭހަ ނިންމުމެއް ނޫން."ކުޅުދުއްފުށި ކައުންސިލްގެ ރައީސް
އެހެން ހަރަދު ކުރަން ވެއްޖެނަމަ ރަށުގެ މާލިއްޔަތުން އެއް ބައި ނެގެމުން ނެގެމުން ގޮސް މުޅި މާލިއްޔަތު އެއްކޮށް ހުސްވެދާނެކަމުގެ ބިރު އެބައޮތް ކަމަށާ ހުރިހާ ރައްޔިތުންގެ ހައްގަށް ބަލާއިރުގައި އެއީ އެންމެ އިންސާފުވެރިގޮތަކަށްވެސް ނުވާނެ އެވެ. އޭނާ ވިދާޅުވީ، ސްކޫލުން އެއްޗެއް ނުލިބި ހަމައެކަނި ހަރަދުވާ ކަމަށްވާނަމަ މާލިއްޔަތު ހުސްވެ، އަންނަ އޮތް ކައުންސިލަށްވެސް އެއްވެސް ކަމެއް ނުކުރެވޭ ވަރަށް ބަޖެޓް ހުލިވެގެންދާނެ ކަމަށެވެ.
ލަތީފް ވިދާޅުވީ ކައުންސިލުން މަސައްކަތް ކުރަމުން އައީ ސަރުކާރުގެ ކަމާ ގުޅުން ހުރި ފަރާތްތަކާއި މަޝްވަރާކޮށް ސްކޫލްގެ ކަންތައްތައް އެންމެ ރަނގަޅަށް ގެންދެވޭނީ ކޮން ގޮތަކަށް ތޯ ބަލައި، އެގޮތަށް އެގޮތަކަށް އަމަލުކުރުމަށް ކަމަށެވެ. އެކަމަކު ޕްލޭ ސްކޫލް ހިންގުމަކީ ލާމަރުކަޒީ ގާނޫނުގައި ކައުންސިލްތަކަށް ލާޒިމްކުރާނެ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ވިދާޅުވީ، އެހެން ބޮޑެތި ސިޓީތަކުގައިވެސް ޕްލޭ ސްކޫލްތައް ހުންނަނީ ޕްރައިވެޓްކޮށްފައިކަމަށެވެ.
މިމައްސަލާގައި ލޯ ފާމެއްގެ އެހީތެރިކަން ހޯދަމުންދާކަން ފާހަގަކުރައްވަމުން ލަތީފް ވިދާޅުވީ، ސްކޫލް ބަންދުކުރާއިރު އެއްވެސް މީހަކަށް ގާނޫނީ ގޮތުން ލިބިދީފައި އޮތް ހައްގެއް ނިގުޅައިނުގަންނާނެކަމަށާ އުވާލުމުގެ މަސައްކަތް ކުރިއަށްގެންދާނީ ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންތައްތައް ފުރިހަމަކޮށްފައި ކަމަށެވެ.