twitterviber whatsapp telegramfacebookyoutube instagram
25th April 2024

ގާނޫނީ ކޮލަމް: ދަރިންގެ ބައްޕަ ދަރިންނަށް ޚަރަދުނުކުރަނީތަ؟

Sep 3, 2020

ވަރިކުރުމަށްފަހު ދަރިންގެ ބައްޕަ ދަރިންނަށް ޚަރަދުނުކުރުމަކީ ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. ނުވަތަ ދަރިން ކުޑައިރު މަންމައާއި ބައްޕަ ވަރިވެ، ބައްޕަ އެއްވެސް ޚަރަދެއްނުކޮށް ދަރިން ބޮޑެތިވަމުން އަންނަތަން ފެންނަނީވެސް މަދަކުންނޫނެވެ. އަދި ވަރިކުރުމަށްފަހު އިއްދައިގެ މުއްދަތުގައި ވަރިކުރި އަންހެންމީހާއަށް ދޭންޖެހޭ ޚަރަދު ނުދިނުމާއި، އިނދެގެންއުޅޭ ފިރިމިހާ ޚަރަދުނުކުރުމަކީވެސް މުޖުތަމަޢުގައި ގިނަވަމުން އަންނަ މައްސަލައެކެވެ. އިސްވެދެންނެވުނު މައްސަލަތަކަށާއި، އެމައްސަލަތައް ޙައްލުކުރާނޭގޮތަށް ޤާނޫނީ ނަޒަރަކުން ބަލާލަމާތޯއެވެ؟

ޚަރަދު ދިނުމަށް ކޯޓުން އެންގުން

ފިރިމީހާއަށް އޭނާގެ ދަރިންނަށާއި އަނބިމީހާއަށް ޚަރަދުދިނުމަށް އެންގުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. އަދި ފިރިމީހާއަށް އޭނާ ވަރިކުރި އަންހެންމީހާ އިއްދާގައި އިންނަ މުއްދަތުގައި އިއްދައިގެ ޚަރަދުދިނުމަށް އެންގުމުގެ ބާރުވެސް ކޯޓަށް ލިބިގެންވެއެވެ. ނަމަވެސް މިއީ އަންހެންމީހާއަށް އަމިއްލައަށް އެޚަރަދު ބޭނުންނޫންކަމުގައި ކޯޓުގައި ނުބުނާ ޙާލަތްތަކުގައެވެ. އާންމުގޮތެއްގައި ކޯޓުން ވަރީގެ މައްސަލަ ނިންމާއިރު، ދަރިންނަށާއި ވަރިކުރި އަންހެންމީހާ އިއްދާގައި އިންނަ މުއްދަތުގައި އިއްދައިގެ ޚަރަދުދިނުމަށް، ފިރިހެން މީހާއަށް ކޯޓުން އަންގާނެއެވެ.

ނަމަވެސް ޚަރަދު ދިނުމަށް ކޯޓުން އެންގޭނީ ޚަރަދުނުދޭކަން ސާބިތުވާ މުއްދަތަށް އެކަންޏެވެ. މިސާލަކަށް، ވަރިކުރިތާ ފުރަތަމަ ދެމަސްދުވަހު ފިރިހެންމީހާ، ދަރިންގެ ޚަރަދާއި އިއްދައިގެ ޚަރަދު ދެއްކުމަށްފަހު ޖެހިގެން އަންނަ ދެމަސްދުވަހު އެއްވެސް ޚަރަދެއް ނުދައްކާ އެއަށްފަހު ބަރާބަރަށް ޚަރަދުގެ ފައިސާ ކޯޓަށް ޖަމާކޮށްފާނެއެވެ. މިޙާލަތުގައި ފިރިހެންމީހާއަށް ޚަރަދުގެ ފައިސާ ދެއްކުމަށް ކޯޓުން އެންގޭނީ އެ ޚަރަދުނުދިން ދެމަސްދުވަހަށް އެކަންޏެވެ.

ބޯހިޔާވަހިކަމަކީވެސް ޚަރަދުގެތެރޭގައި ހިމެނޭކަމެކެވެ. ކައިވެންޏަށްފަހު އަނބިމީހާ އުޅެމުންދިޔައީ ފިރިމީހާގެ ގޭގައި ކަމުގައިވެފައި، ވަރިކުރުމަށްފަހު އަންހެންމީހާއަށް އިއްދައިގެ މުއްދަތުގައި އިންނާނެ އެހެންތަނެއް ނުދައްކާނަމަ، އެމުއްދަތުގައި އަންހެންމީހާގެ ނުރުހުމުގައި ގަދަކަމުން އެގެއިން ނެރެގެންނުވާނެއެވެ. އަދި ވަރިވުމަށްފަހު ދަރިންގެ ހަޟާނަތުގެ ޙައްޤު ލިބިފައިވަނީ އަންހެންމީހާއަށް ކަމުގައިވާނަމަ، ފިރިހެންމީހާގެ ގެއިން އަންހެންމީހާ ނެރިގެންނުވާނެއެވެ.

ދަރިންގެ ޚަރަދުދިނުމުގައި ޢަމަލުކުރެވިދާނެ ގޮތްތައް

ޢާންމުގޮތެއްގައި ކޯޓުން ޢަމަލުކުރާ އުޞޫލަކީ ޚަރަދުގެ ފައިސާ ފިރިހެންމީހާ ކޯޓަށް ދެއްކުމަށް ޙުކުމްކުރުމެވެ. ނަމަވެސް ޚަރަދު ދައްކާނެކަމުގައި ގެރެންޓީއެއްގޮތުން ޚަރަދުދޭންޖެހޭ މީހާގެ މުދަލެއް އެހެންފަރާތަކާ ޙަވާލުކޮށް، އެއިން ލިބޭ ފައިދާއިން ޚަރަދު ދިނުމަށް އެންގުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. ނުވަތަ ޚަރަދުދޭންޖެހޭ މިހާގެ ފަރާތުން ޚަރަދުދިނުމަށް އެހެން މީހަކު ހަވާލުވެ، ޖާމިނުވިމީހާ ޚަރަދުދިނުމަށްވެސް ކޯޓަށް އެންގިދާނެއެވެ. ހަމައެހެންމެ، ޚަރަދުދޭންޖެހޭ މީހާގެ އާމްދަނީއިން ވަކި ބައެއް އެކަށައަޅާ، އެބައި ޚަރަދުގެ ގޮތުގައި ދިނުމަށް އެންގުމުގެ އިޚްތިޔާރުވެސް ކޯޓަށް ލިބިގެންވެއެވެ.

ޚަރަދުގެ މިންވަރު

އިއްދައިގެ ޚަރަދުގެ މިންވަރަކީ އިއްދައިގެ މުއްދަތުގެ ތެރޭގައި މަހަކަށް 2000/-ރ އެވެ. ދަރިންގެ ޚަރަދަކީ އެންމެ ކުއްޖަކުނަމަ މަހަކު2000/-ރ އެވެ. އަދި އެއްކުއްޖަކަށްވުރެ ގިނަނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް އިތުރު 1000/-ރ އެވެ. މިއަށްވުރެ އިތުރަށް، ޚަރަދުގެ ގޮތުގައި ނަގައިދެވޭނީ ފިރިމީހާގެ ތަނަވަސްކަމަށާއި ލިބޭ އާމްދަނީއަށް ބެލުމަށްފަހު، އިތުރު ޚަރަދުގެ ގޮތުގައި ދިނުމަށް ކޯޓަށް ފެންނަވަރެކެވެ.

ސާބިތު ޚަރަދުގެ ފައިސާ ނުދައްކައިގެން ހުށަހަޅައިފިނަމަ އެޅިދާނެ ފިޔަވަޅުތައް

އަނބިމީހާ، އިއްދައިގާ އިންނަ އަންހެނާ، ނުވަތަ ދަރިންނަށް ޤާނޫނުގެ ދަށުން ދޭންޖެހޭ ޚަރަދު ނުދައްކައިގެން މައްސަލަ ހުށަހަޅައިފިނަމަ، ޚަރަދުދޭންޖެހޭ މީހާއަކީ ދާއިމީ ވަޒީފާއެއް އަދާކުރާ މީހެއްނަމަ، އެމީހަކަށް ލިބޭ އާމްދަނީއިން ޚަރަދު ދެއްކުމަށް އަމުރުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. މިފަދަ ޙާލަތެއްގައި އެމީހަކަށް ލިބޭ އާމްދަނީއިން ޚަރަދަށްވާ ފައިސާ ކެނޑުމަށްފަހު، އެ ފައިސާ ކޯޓަށް ޖަމާކުރުމަށް އެމީހަކު ވަޒީފާ އަދާކުރާތަނަށް އަންގާނެއެވެ.

ޚަރަދުކުރަންޖެހޭ މީހާއަކީ އާމްދަނީލިބޭ މީހެއް ކަމުގައިނުވާނަމަ އަދި ދޭންޖެހޭ ޚަރަދު ދައްކަމުންނުދާނަމަ، ދެވަނަ ފަހަރަށް މައްސަލަ ހުށަހެޅުމުން އެމީހަކު ޖަލަށްލުމުގެ، އަރުވާލުމުގެ ނުވަތަ ގޭބަންދުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. މީގެއިތުރުން، ޚަރަދު ނުދައްކާ މީހުންގެ ޕާސްޕޯޓު ހިފެހެއްޓުމާއި، އެކައުންޓްތައް ފްރީޒްކުރުމަކީވެސް ކޯޓަށް ލިބިގެންވާ އިޚްތިޔާރެކެވެ.

ނިންމުން

ޙަރަދު ދޭއިރު އެންމެ ރައްކާތެރި އަދި ބުއްދިވެރި ގޮތަކީ ކޯޓަށް ޚަރަދު ޖަމާކުރުމެވެ. އޭރުން ސާބިތު ޚަރަދު ދޭކަން ސާބިތުކުރެވޭނެއެވެ. މިއީ ފަހުން ދިމާވެދާނެ އެތައް މައްސަލަތަކުން ސަލާމަތްވެވޭނެ ގޮތެކެވެ.

އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355