ތަރުކާރީ އާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކާ ވިޔަފާރި ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައަޅައި ރަޖިސްޓްރީ ކުރުން ލާޒިމުކޮށްފި އެވެ.
އެގޮތުން މި ގަވާއިދަށް މުދާ ވިއްކާ ފިހާރަ، ބޭކަރީ، ކެންޓީން، ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ފިޔަވައި މޭވާއާއި ތަރުކާރީ ހިމެނޭ ގޮތަށް ކާބޯތަކެތީގެ ބާވަތްތައް ވިއްކާ ވިޔަފާރި ހިންގާ ހުރިހާ ފަރާތްތަކުން އަމަލުކުރަން ޖެހޭނެ އެވެ.
އޮކްޓޫބަރު މަހު އަމަލުކުރަން ފަށާ މި ގަވާއިދުގައި ވާގޮތުން ތަނެއްގައި ގާއިމުވެގެން ނުވަތަ ގާއިމުނުވެ ވިޔަސް، އޮންލައިންކޮށް ނުވަތަ އެއްވެސް ބާވަތެއްގެ މޭވާއެއް ނުވަތަ ތަރުކާރީ ހިމެނޭ ގޮތަށް އެކި ބާވަތްތަކުގެ މުދާ ވިއްކާ ފަރާތްތަކުން ވެސް ވިޔަފާރި ރަޖިސްޓްރީ ކުރަންވާނެ އެވެ.
ރަޖިސްޓްރީ ނުކޮށް މޭވާއާއި ތަރުކާރީ ވިއްކާނަމަ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނާ ހިލާފުވި ކަމަށް ބަލައި، 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. ހަމައެއާއެކު މޭވާއާއި ތަރުކާރީ ފަދަ ކާބޯތަކެތި ވިއްކަން ރަޖިސްޓްރީކުރާ ފަރާތްތަކުން ވިޔަފާރި ހިންގާ ތަނުގައި ހުންނަންޖެހޭ ޝަރުތުތައް ކަމަށް އެ ގަވާއިދުގައި ބުނާ ޝަރުތެއް ފުރިހަމަ ނުކުރާނަމަ، 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.