ހދ ކުމުންދޫ ޒުވާނުން އެރަށުގެ ކުޅީގައި ތަރައްގީކުރި ނޭޗަރ ޕާރކް ހުޅުވައި ކައުންސިލާ މިއަދު ހަވާލުކޮށްފި އެވެ. " ވެހިސަރާ " ނަމުގައި ހުޅުވި މި ހިތްގައިމު ޕާރކް ހުޅުވައިދެއްވީ މިއަދު ހަވީރު އެކަމަށްޓަކާ އެސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް އެވެ.
ކޮވިޑާ ގުޅިގެން ގިނަ ޒުވާނުންގެ ވަޒީފާ ގެއްލުމުން ރަށުގައި ތާށިވެފައި ތިބި މި ދުވަސްކޮޅުގެ ބޭނުން އެންމެން ރަނގަޅުގޮތުގައި ހިފައި ކުމުންދޫ ކުޅި މިވަނީ ވަރަށް ފަރިކޮށްލާފައި އެވެ. ކުރެވި ޖަމިއްޔާގެ ދަށުން ހިންގާ ޒީރު ސްޕޯޓްސް އިސްނަގައިގެން ތަރައްގީކުރި މި ނޭރޗާ ޕާރކް ހެދުމަށް ގާތްގަނޑަށް 2 ލައްކައެއްހާ ރުފިޔާ ހަރަދުވެފައިވެ އެވެ.
ޕާރކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާސިހާ އިދުރީސް ވަނީ ރަށުގެ ޒުވާނުން މިކަމުގައި ދެއްކި ނަމޫނާއަށް ހިތްވަރު ދެއްވާފަ އެވެ.
ކުޅީގެ މެދުގައި 12 ފޫޓު 12 ފޫޓުގެ ހަޓެއް އަޅާފައިވާއިރު ހަޓަށް ދިޔުމަށް އަޅާފައިވާ ލަކުޑި ފާލަމުގައި 60 ވަރަކަށް ފޫޓު ހުންނާނެ އެވެ. އަދި ކުޅީގެ އެއްކޮޅުން އަނެއްކޮޅަށް ދިޔުމަށް 12 ވަރަކަށް ފޫޓްގެ ބުރިޖެއްވެސް އަޅާފައިވާއިރު އުނދޯންޏަކާއި ލަކުޑިން ތައްޔާރުކޮށްފައިވާ ބެންޗުތައްވެސް އެތަނުގައި ބަހައްޓާފައިވެ އެވެ.
ކެނޯ ދުއްވާލެވެނެހެން ހަދާފައިވާ މިތަން ތައްޔާރުކޮށްފައިވަނީ ލައިޓްހަރުކޮށް ރޭގަނޑުވެސް ބޭނުންކުރެވޭނެ ގޮތަކަށެވެ. ކައުންސިލާ ހަވާލުކުރި ނަމަވެސް ކުރިއަށް އޮތްތަނުގައި ތަން ބެލެހެއްޓުމާއި މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް ކުރެވި ޖަމިއްޔާގެ ރައީސް އަދި ޕާރކް ތަރައްގީކުރުމަށް އިސްކޮށް އުޅުއްވި އަލީ ހުސެއިން ވިދާޅުވި އެވެ.
އެ ޒުވާނުންގެ ވިސްނުން ހުރީ އަދިވެސް ކުރިއަށްއޮތްތަނުގައި ޕާރކް އިތުރަށް ތަރައްގީކޮށް ޗާލުކުރުމުގެ ވިސްނުމެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ، ތަން ތައްޔާރުކުރުމުގައި ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާ އެއްބާރުލުން ލިބުނުކަމަށެވެ. އެގޮތުން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އާއި ކައުންސިލާއި އަވި ޓެކްނޮލޮޖީ، ފެނަކަ އާއި ސަން ކާޕެންޓްރީގެ ނަން ފާހަގަކުރި އެވެ.
ޕާރކް ހަދަމުންދިޔައިރު ރަށުގެ ރައްޔިތުންގެ ފަރާތުން ދިޔައީ ކެއުމާއި ސައި، އަދި އެކި ކަހަލަ ރިފްރެޝްމެންޓްތައް ފޯރުކޮށްދެމުންނެވެ. އެކަން އަލީ ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރި އެވެ.
ހުޅުވުމުގެ މިރަސްމިއްޔާތުގެ ތެރެއިން ފަރިވަޅު ލުމުގެ ހަރަކާތްތައްވެސް ކުރިއަށްދިޔަ އެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ޖަމިއްޔާއެއްކަމަށްވާ ބިލީފް ޖަމިއްޔާގެ ފައުންޑަރ އަފާ ހުސެއިން ވަނީ ކުޅިތަކާއި ކަނޑޫފާތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާ ވާހަކަދައްކަވާފައި އެވެ. އެގޮތުން އެތަންތަނުގެ ސަބަބުން ވެއްޓަށް ކުރާ ހެޔޮ އަސަރު ފާހަގަކުރެއްވި އެވެ.
މި ރަސްމިއްޔާތުގައި ކުމުންދޫ ކައުންސިލްގެ ރައީސް މުހައްމަދު އަމީން އާއި މެމްބަރުން އަދި ރަށުގެ މުވައްސަސާތަކުގެ ވެރިން އަދި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.