twitterviber whatsapp telegramfacebookyoutube instagram
20th April 2024

ގާނޫނީ ކޮލަމް: ވަކި ޖިންސެއްގެ މީހަކަށް ވީމާ، ނުލިބޭ ޙައްޤެއް ވޭތޯއެވެ؟

Sep 10, 2020

ނަރުސްކަންކުރެވޭނީ ހަމައެކަނި އަންހެނުންނަށްތޯއެވެ؟ އިންޖިނިއަރިންގެ މަސައްކަތްތައް ކުރެވޭނީ ހަމައެކަނި ފިރިހެނުންނަށްތޯއެވެ؟ އޮފީސްތަކުގެ މަތީ މަޤާމުތައް ފިރިހެނުންނަށް ލިބި، ދަށް މަޤާމުތައް ލިބެންވީ ހަމައެކަނި އަންހެނުންނަށްތޯއެވެ؟ މިގޮތަށް ވަކި ޖިންސަކަށް ވަކި ބާވަތެއްގެ މަސައްކަތް ޙާއްޞަކުރުމުގެ ނަތީޖާއަކަށް ވެގެންދަނީ، ވަކި ޖިންސެއްގެ މީހުންނަށް ފުރުސަތު ނުލިބި، ހަމަހަމަކަން ގެއްލި، ޤާނޫނީގޮތުން އެމީހަކަށް ލިބިދޭންޖެހޭ ޙައްޤުތަކާ އަދި ރައްކާތެރިކަން ގެއްލިގެން ދިއުމެވެ. ވަޒީފާގެ މާޙައުލުގައި އަންހެނުންނާއި ފިރިހެނުން ބާރުވެރިކުރެވޭނީވެސް ދެ ޖިންސުގެ މީހުންނަށް ހަމަހަމަ ފުރުސަތުތައް ތަނަވަސްކޮށްދީ، ހަމަހަމަގޮތެއްގައި ނަތީޖާ ޙާޞިލްކުރުމުގެ މަގުފަހިވެގެންނެވެ.

ޖިންސަށްބަލައި ތަފާތުކުރުން

ޖިންސަށްބަލައި ތަފާތުކުރުމަކީ، އަސާސީ ޙައްޤުތަކާއި މިނިވަންކަން އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަކަމާއެކު ލިބުމަށް އޮތް ޙައްޤަށް އުނިކަންލިބޭ ގޮތަށް ނުވަތަ ނެތިގެންދާ ގޮތަށް، އެމީހަކު ނިސްބަތްވާ ޖިންސަށް ނުވަތަ ޖެންޑަރއަށް ބިނާކޮށް ވަކިކަމަކުން އެކަހެރިކުރުން، ނުވަތަ ވަކިކަމެއް މަނާކުރުން ނުވަތަ ވަކި ކަމެއްގައި ތަފާތުކުރުމެވެ. އެގޮތުން ސީދާގޮތުންނާއި ނުސީދާގޮތުންވެވޭ ކޮންމެ ތަފާތުކުރުމެއްވެސް ވާނީ ޖިންސަށްބަލައި ތަފާތުކުރުމަކަށެވެ.

ޖިންސަށްބަލައި ތަފާތުކުރުން ދެނެގަތުން

ޤަވައިދަކުން ނުވަތަ މުއައްސަސާއަކުން ޢަމަލުކުރާ އުޞޫލެއްގެ ދަށުން ޙައްޤުތައް ލިބިގަތުމުގައާއި، ޒިންމާތައް އަދާކުރުމުގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި ކަނޑައެޅިގެން ފެންނަން އޮންނަ ތަފާތުކުރުމެއް ބަޔާންކޮށްފައިވާނަމަ ނުވަތަ ރައްކާތެރިކަން ލިބިގެންވާ ސިފައެއް މީހެއްގެ ކިބައިގައި ހުރުމުގެ ސަބަބުން ނުވަތަ މީހެއްގެ ކިބައިގައި ހުންނަ ޝަހްސީ ސިފައެއްގެ ސަބަބުން، އެމީހަކާމެދު ފަހިކަން ކުޑަގޮތަކަށް ޢަމަލުކުރުން ނުވަތަ ޢަމަލުކުރަން އުޅުން ވެގެންދާނީ، ސީދާގޮތުން އެމީހަކާމެދު ތަފާތުކުރުން ކަމުގައެވެ.

ހަމައެހެންމެ ނުސީދާކޮށް ތަފާތުކުރުންކަމުގައި ބެލެވޭނީ، ވަކިވަކި ޤަވައިދަކީ، ސިޔާސަތަކީ ނުވަތަ ޢަމަލުކުރަމުންދާ އުސޫލަކީ ފެންނަ ފެނުމަށް ހަމަހަމަކަން ޤާއިމުކުރާ ކަމެއްކަމުގައިވިޔަސް، އެ ޤަވައިދެއް، ސިޔާސަތެއް ނުވަތަ ޢަމަލުކުރަމުންދާ އުސޫލެއް އެކުލަވާލުމުގެ ކުރިން ހުރި ބޭއިންސާފު ކަންކަން ނައްތާލުމަށްޓަކައި އެކަށީގެންވާ މިންވަރަށް ސަމާލުކަން ދެވިފައިނުވުމުގެ ސަބަބުން، ވަކި ޖެންޑަރއަކަށް ހަމަހަމަނޫން ނަތީޖާތަކެއް ކުރިމަތިކުރުވާ ކަންކަމެވެ. މީގެއިތުރުން، ވަކި ކަމެއް ކުރުމަށްޓަކައި ނުވަތަ ޙާޞިލުކުރުމަށްޓަކައި ކަނޑައަޅާފައިވާ ޝަރުތެއްގެ ސަބަބުން، ހުންނަންޖެހޭކަމަށް ބަޔާންކޮށްފައިވާ ސިފައެއްގެ ސަބަބުން ނުވަތަ އެފަދަކަމެއްކުރުމުގައި ޢަމަލުކުރަމުންދާ ގޮތެއްގެ ސަބަބުން އެކަމަކީ ނުވަތަ އޭގެ ނަތީޖާއަކީ ޤާނޫނުގެދަށުން ރައްކާތެރިކަން ލިބިދޭ ފަދަ ޙާލަތެއްގައި ހުރި މީހަކަށް އެކަށީގެންނުވާ ގޮތެއްގައި ދެރައެއް ނުވަތަ ދަތިކަމެއް ކުރިމަތިކުރުވާ ކަމެއްކަމުގައިވާނަމަ، އެކަމެއްވެސްވާނީ ނުސީދާކޮށް ތަފާތުކުރުމަށެވެ.

ޤާނޫނީ ކުށް އަދި ފިޔަވަޅު

ސީދާގޮތުންވިޔަސް ނުސީދާގޮތުންވިޔަސް މީހެއްގެ ޖިންސަށް، ކައިވެނީގެ ޙާލަތަށް، އާއިލީ ޒިންމާއަށް ޢާންމުގޮތެއްގައި ވަކިޖިންސަކަށް ނިސްބަތްކުރާ ސިފަތައް ނުވަތަ ޢާންމުގޮތެއްގައި އެ ޖިންސަކަށް ނިސްބަތްނުކުރާ ސިފަތަކަށް ބަލައި ތަފާތުކުރާނަމަ، އެކުރެވެނީ ޤާނޫނީގޮތުން މަނާކަމެކެވެ. ހަމައެހެންމެ އަންހެނުންނާއި ފިރިހެނުންނާއި ދެމެދު އޮންނަ ހަމަހަމަކަން ނެތިގެންދާ ނުވަތަ ވަކިމީހެއްގެ ކަރާމާތަށް ގެއްލުމެއް ލިބޭގޮތަށް ޢަމަލުކުރެވޭ އުސޫލުތަކަކަށް ޢަމަލުކުރުންވެސް ވެގެންދާނީ، ޤާނޫނީގޮތުން މަނާކަމަކަށެވެ.

މިފަދަކަމެއް ވަޒީފާގެ މާޙައުލުގައި މެދުވެރިވާނަމަ، އެކަމުގެ ޝަކުވާ ނުވަތަ މައްސަލަ އެމީހަކަށް ހުށަހެޅޭނެއެވެ. އަދި ހުށަހެޅުނު ޝަކުވާއެއްގެ މައްސަލައެއް ބަލައި ނިންމިއިރު އެއްވެސް ފަރާތަކުން އިޙުމާލުވިކަން ނުވަތަ ތަފާތުކުރުމުގެ ޢަމަލެއް ހިންގިކަން ކޮމިޓީއިން ކުރި ތަޙުޤީޤަށް ސާބިތުވެއްޖެނަމަ، އިޙުމާލުވި ފަރާތަކާމެދު ނުވަތަ ތަފާތުކުރުމުގެ ޢަމަލު ހިންގި ފަރާތާއިމެދު ފިޔަވަޅުއެޅުމަށް ވަޒީފާދޭފަރާތަށް އަންގަންވާނެއެވެ. ހަމައެހެންމެ، ވަޒީފާދޭ އެންމެހައި ފަރާތްތަކުގެތެރެއިން އެ އިދާރާއަކަށް ޝަކުވާ ހުށަހަޅައި، ވަޒީފާދޭފަރާތުން މައްސަލަ ބަލާފައިވާގޮތާއިމެދު ހިތްހަމަނުޖެހޭނަމަ، އެ މައްސަލަ އަލުން ބަލަންބޭނުންވާ ފަރާތްތަކުން މައްސަލަ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭނެއެވެ.

ނިންމުން

އަސާސީ ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި އެމީހެއްގެ ޖިންސަށް ނުވަތަ އެނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެން ނުވާނެއެވެ. އަދި މިފަދަ ޢަމަލެއް ހިންގާނަމަ، އެފަރާތެއްގެ ޙައްޤުތައް ހޯދުމަށްޓަކައި އެފަރާތަކުން މަސައްކަތް ކުރަންވާނެއެވެ.

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ.މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355