twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޒުވާނުން ތަރައްގީކުރި ސަންސެޓް ބީޗާއެކު ކުމުންދޫއަށް އިތުރު ހިތްގައިމުކަމެއް!

އަބްދުލް ވާހިދު ޙަސަން
Sep 13, 2020
1

ހދ ކުމުންދޫގައި ދާދީފަހުން ވަނީ ޒުވާނުން އިސްނަގައިގެން ނޭޗާރ ޕާރކެއް އެރަށުގެ ކުޅީގައި ތަރައްގީކޮށް، އެ ކުޅީގެ ޤުދުރަތީ ރީތިކަމާއި ނަލަކަން މުޅި ރާއްޖެއަށް ދައްކާލަދީފައި އެވެ. އަނެއްކާވެސް އެރަށުގެ ޒުވާނުންތަކެއް އިސްނަގައިގެން މިވަނީ ހިތްފަސޭހަކޮށްލާނެ މައިޒާނެއް ތަރައްގީކޮށްދީފައި އެވެ. މިފަހަރު ހެދީ ހިތްގައިމު ބީޗެކެޗެ.

ރަށުގެ ނެރުމަގާ ދިމާލުގައި ހެދި ސަންސެޓް ބީޗް ހުޅުވުމަށް މިދިޔަ ހުކުރުދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުމުންދޫ ސްކޫލްގެ އިސްލާމް ޓީޗަރު އަބުދުލް ހަމީދު ޔޫސުފެވެ. މި ރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް މުހައްމަދު އަމީންވެސް ބައިވެރިވެލެއްވި އެވެ.

މި މައިޒާނުގައި ހަދާފައިވާ ތަންތަން ބަލާލުމުން އެނގިގެންދަނީ ޒުވާނުންގެ ބުރަ މަސައްކަތެކެވެ. މިކަމުގައި އިސްކޮޅު އުޅުނު އެރަށު ބީޗު ސިޓީ ކުލަބުގެ، ހަމްދާން އަލީ ކޭއޯއަށް މައުލޫމާތުދެއްވަމުން ބުނީ، މިފަދަ މައިޒާނެއް އެތަނުގައި ހަދަން ހިޔާލު އައީ އެތަނަކީ ކުރިންވެސް މީހުން ވަރަށް ގިނައިން މޫދަ އެރިލާށާއި ހިތްހަމަޖައްސާލުމަށް ގޮސް އުޅޭ ސަރަހައްދަކަށްވުމުން، އެތަން ސާފުކުރުމަށް އުޅުމުގެ ތެރޭގައި ކަމަށެވެ.

ފުރަތަމަ އުޅުނީ އެތަނުގައި ދެ ތިން އުނދޯނި އެލުވާލައި ނިންމާލުމަށް ކަމަށާއި ނަމަވެސް ފަހުން ހިޔާލު އައީ އެތަން އެއަށްވުރެ ބޮޑަށް ތަރައްގީކޮށްލުމަށްކަމަށެވެ. ގާތްގަނޑަކަށް 15000 ރުފިޔާއަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ހެދި މި މައިޒާން ހެދުމުގައި ކައުންސިލާއި ރައްޔިތުންގެ ފަރާތުން އެހީތެރިކަން ލިބިގެންދިޔަކަން ހަމްދޫން ފާހަގަކުރި އެވެ.

އެތަނުގައި ހަދައިފައިހުރި ތަންތަނަށް ބަލާލާލައި އެންމެ ފަސޭހައިން ލޮލުގައި އަޅައިގަންނަނީ މިދިލި ގަހެއްގައި ހަދާފައިހުރި ޓްރީ ހައުސް އެވެ. ހަމްދޫންވެސް ބުނެފައިވަނީ ބީޗަށް އަންނަ މީހުންގެ މެދުގައި އެންމެ މަގުބޫލު ވެފައިވަނީ އެ ޓްރީ ހައުސް ކަމަށެވެ. މީގެ އިތުރުން އިރުއޮއްސެމުންދާ މަންޒަރު ވަރަށް ރީތިކޮށްފެންނާނެ ހެން ބީޗުގައި ހަރުކޮށްފައިހުރި ދަނޑިއެއްގައި އެލުވާލާފައި ހުރި އުނދޯލިވެސް ގިނަ ބަޔެއްގެ ލޮލޮގައި އަޅައިގަތެވެ. އެތަނުގައި އޮންނައިރު، އިރުއޮއްސޭ މަންޒަރުން ވަރަށް ފުރިހަމައަށް ފެންނާނެ އެވެ. ފޮޓޯ ނަގައިލާ ވަރަށް ހިތްގައިމު ވާނެ އެވެ.

މޫދު އެރިލައި ފެންވަރާ، ބާބަކިއު ހަދާލެވޭނެހެން ތަރައްގީކޮށްފައިވާ މި ބީޗަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އެކި ރުއްގަހުގައި އެލުވާލާފައިވާ ކުދިން އުނދޯލިތަކާއި ޖޯލިތަކުންނެވެ. އިށީދެ ލެވޭގޮތަށް ހަދާފައިވާ ހަޓްތަކަކީވެސް އިތުރު ނަލަކަމެއް ގެނެސްދޭ ތަންތަނެވެ. ގުދުރަތީ ވެއްޓަށް ގެއްލުން ނުވާނެހެން ތަރައްގީކުރި މި ބީޗު ހެދުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިވަނީ ލަކުޑި އެވެ. އަދި ފަން ބޭނުންކޮށްފައިވާއިރު ޕްލާސްޓިކް ފަދަ ތަކެތި ބޭނުންކޮށްފައިނުވާކަން ފާހަގަކުރެވެ އެވެ.

މިއީ ދިހަވަރަކަށް ޒުވާނުންގެ މަސްދުވަހުގެ މަސައްކަތެކެވެ. ހަމްދޫން ބުނީ، މިތަން ކައުންސިލާއި ހަވާލުކުރިނަމަވެސް ކުރިއަށް އޮތްތަނުގައިވެސް އެތަން ބެލެހެއްޓުމައި ތަރައްގީކުރުމުގައި ކައުންސިލާއެކު މަސައްކަތްކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ތަން އިތުރަށް ތަރައްގީކުރަން ނިންމާފައިވާކަން ހަމްދޫން ފާހަގަކުރި އެވެ.

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ވަޒީފާ ގެއްލި އަދި ޗުއްޓީއަށް ގިނަ ޒުވާނުން ފޮނުވާލި އެވެ. އެ ޒުވާނުންނަށް މުހިންމުވީ ރަށުގައި ހުންނަ ދުވަސްތަކުގައި މިފަދަ ހިތްގައިމު މައިޒާންތަކާއި ހިތްފަސޭހަކޮށްލާނެ ބީޗްތައް ހެދުމެވެ. މިއީ މިހާލަތުގައި ވަރަށް ގިނަ ރަށްތަކަކުން ފެންނަ އުފާވެރި މަންޒަރެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355