twitterviber whatsapp telegramfacebookyoutube instagram
28th April 2024

ޕްރިންސިޕަލަކު ނުރުހުމުގައި އެހެން ސްކޫލަކަށް ބަދަލެއް ނުކުރާނެ: އެޑިއުކޭޝަން

އަބްދުލް ވާހިދު ޙަސަން
Sep 13, 2020
1

އެއްވެސް ޕްރިންސިޕަލެއްގެ ނުރުހުމުގައި އެހެން ސްކޫލަކަށް ބަދަލުނުކުރާނެކަމަށާ އާ އުސޫލުގެ ސަބަބުން އެއްވެސް ޕްރިންސިޕަލެއްގެ ހައްގަށް އުނިކަމެއް ނާންނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ ހަފްތާގައި އާއްމު ކުރި ސަރުކާރު ސްކޫލްތަކުގެ ޕްރިންސިޕަލުން ވަޒީފާއަދާކުރާ ސްކޫލް ކަނޑައެޅުމުގެ އުސޫލުގައިވާ ގޮތުގެ މަތިން ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސުކޫލު ކަނޑައަޅާނީ ފަސް މެންބަރުންގެ ކޮމެޓީއަކުންނެވެ.

އަދި އެއް ސްކޫލެއްގައި ޕްރިންސިޕަލްގެ މަގާމުގައި އެކަކަށް އެންމެ ގިނަވެގެން ހުރެވޭނީ 8 އަހަރުގެ މުއްދަތަކަށް ކަމަށްވެސް އުސޫލުގައިވެ އެވެ. އުސޫލަށް ގެނައި ބަދަލާ ގުޅިގެން ގިނަ ޕްރިންސިޕަލުންގެ ނުރުހުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައިއެވެ.

އެކަމާ ގުޅިގެން މިއަދު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އުސޫލުގެ ސަބަބުން އެއްވެސް ޕްރިންސިޕަލެއްގެ ހައްގަކަށް އުނިކަމެއް ނާންނާނެކަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަށަވަރުކުރާނެކަމަށެވެ. އަދި އުސޫލަށް އަމަލުކުރަން ފެށުނު ނަމަވެސް މިހާރު ތިބި ޕްރިންސިޕަލުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ. އަދި މިނިސްޓްރީން އުސޫލާ އެއްގޮތަށް މަސައްކަތްކުރާ ސްކޫލް ކަނޑައަޅައި 4 އަހަރުގެ ޓެނުއަރ ހަވާލުކުރާ ތާރީހުން ފެށިގެން އެ ސްކޫލެއްގައި ދެމިތިބޭނެ ކަމަށެވެ.

"މި އުސޫލޫން އެއްވެސް ޕްރިންސިޕަލަކު ނުރުހުމުގައި އެއްވެސް ތަނަކަށް ބަދަލު ނުކުރާނެއެވެ. އެ ޕްރިންސިޕަލަކު މަސައްކަތްކުރަން ޝައުގުވެރިވާ ސްކޫލެއް/ ސްކޫލްތަކެއް ބަލައި އުސޫލުގައި ބުނެފައިވާ ގޮތަށް އެ ސްކޫލަކަށް ހަމަޖެއްސުމުގެ ކަންކަން ކުރިއަށް ގެންދެވޭނެއެވެ. " މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މިނިސްޓްރީން ބުނީ އުސޫލުގެ ދަށުން ޓެނުއާރ ފަށާނީ މިނިސްޓްރީން ލިޔުމުން އެކަން ކަނޑައަޅައި ހަވާލުކުރާ ތަރީހުން ފެށިގެންކަމަށާއި ފުރަތަމަ 4 އަހަރުގެ ޓެނުއަރ ނިމި، އިތުރު 4 އަހަރަށް އެ ސްކޫލުގައި ހުންނަން ބޭނުންނަމަ، އެކަމަށް އެދި ހުށަހެޅޭނެކަމަށެވެ. ނުވަތަ ޝައުގުވެރިވާ އެހެން ސްކޫލަކަށް ބަދަލުވަން ބޭނުންވާނަމަ އެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށެވެ.

އަދި ވިދި ވިދިގެން 8 އަހަރު އެއް ސްކޫލެއްގައި ހަމަކުރުމަށްފަހު، އެހެން ސްކޫލަކަށް ހިދުމަށްކުރުމަށް ބަދަލުވާންޖެހޭނެކަމަށްވެސް އެޑިއުކޭޝަންގެ ބަޔާނުގައިވެ އެވެ. މިނިސްޓްރީ ބުނެފައިވަނީ އާ އުސޫލުގެ ސަބަބުން ސަރުކާރުގެ ސްކޫލްތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާވެ ސްކޫލްތަކަށް އެންމެ ބޭނުންވާ ގާބިލް ޕްރިންސިޕަލުން ކަނޑައެޅޭ ނިޒާމެއްގެ ތެރެއިން ސްކޫލްތަކުގައި ދައުރުވާ ގޮތަށް ހަމަޖެއްސުމުގެ މަގުސަދުގައި ކަނޑައެޅުނު އުސޫލެއް ކަމަށެވެ.

އަދި މީގެ އިތުރުން މި އުސޫލުގެ މަގުސަދުގެ ތެރޭގައި އާ ހިޔާލުތަކާއި އާ ވިސްނުންތައް ސްކޫލްތަކުގެ ހިންގުމުގެ ނިޒާމަށް ގެނެސް ސްކޫލްތަކުން ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު މަތިކުރުމާއި، ސިސްޓަމުގައި ތިބި ތަޖުރިބާކާރު ޕްރިންސިޕަލުންގެ އިލްމާއި ތަޖުރިބާ އަދި ސްކޫލްތައް ތަރައްގީ ކުރުމުގައި ގެންގުޅޭ ވިސްނުން ގިނަ ސްކޫލްތަކަށް ފޯރައި، ސްކޫލްތަކުގެ ހިދުމަތުގެ ފެންވަރު މަތިކުރެވޭނެކަމަށެވެ.

މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި އުސޫލަށް އަމަލުކުރެވެން ފެށުމުން އެޑިޔުކޭޝަން ސިސްޓަމަށް ގިނަ ފައިދާތަކެއް ކުރާނެކަމަށާއި އޭގެ ތެރޭގައި ތަފާތު ކުރުމެއްނެތި ސްކޫލްތަކުގައި ފޯރުކޮށްދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަށް ފުރުސަތު ލިބިގެންދިއުމާއި، ސިސްޓަމްގައި ތިބި ހިންގުންތެރި، ގާބިލް ޕްރިންސިޕަލުންގެ ހިދުމަތް ގިނަ ސްކޫލްތަކަށް ލިބި، އެ ސްކޫލްތައްވެސް އިތުރަށް ތަރައްގީވުމަށް ފުރުސަތު ފަހިވެގެންދާނެކަމަށެވެ.

މީގެ އިތުރުން އެއް ރަށެއްގައި ނުވަތަ އެ ސަރަހައްދެއްގައި ކިޔަވައިގެން އައިސް ސްކޫލް ހިންގުމުގެ ދާއިރާއިން ޕްރިންސިޕަލެއްގެ ގޮތުގައި ރަށަށް ނުވަތަ އަތޮޅަށް ހިދުމަތްކުރުމުގެ ފުރުސަތު ނުލިބިތިބި ފަރާތްތަކަށް އެފަދަ ފުރުސަތު ހުޅުވިގެންދާނެކަމަށްވެސް މިނިސްޓްރީން ދެކެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355